ސްރީލަންކާ

އިގްތިސޯދު ހަލުއި ވެއްޖެ، ދެން އޮތީ ދަރަނި އަދާކޮށް ހަރަދު ކުޑަކުރަން: ލަންކާ

ސްރީ ލަންކާގެ ސަރުކާރު ބަދަލުވުމަށްފަހު ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭ 4.8 ގައި އޮތް ޖީޑީޕީ ރޭޓް ހަޔަކަށް އިތުރުކޮށް، އިނދަ ޖެހެމުންދިޔަ އިގްތިސޯދު ކޮޅަށް ޖެހުމަށް އެކުލަވާލި ޕްލޭންތަކާއެކު އެގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅި، ބާރު ސްޕީޑެއްގައި ކުރިއަށްދާން ފަށައިފި ކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަޔަކެ ވިދާޅުވެއްޖެ އެވެ.

ހޮންގްކޮންގު ގައި މިހާރު ކުރިއަށްދާ މި އަހަރުގެ އޭޝިއަން އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި އެގައުމުގެ ވިޔަފާރި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ރަވީ ވިދާޅުވީ، އާ ރައީސާއި ޕްރައިމް މިނިސްޓަރު ސަރުކާރާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ އިގްތިސޯދު ވަރުގަދަކޮށް ހަމަ މަގަށް އަޅުވަން އަދަދު ނުކުރެވޭ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވީ ދައުލަތުގެ ބޮލުގައި އެޅިފައި އޮތް ދަރަނީގެ ބޮޑެތި އަދަދުތައް ދައްކައި ހަލާސްކޮށް، ހަރަދުތައް ކުޑަކޮށް، އިންވެސްޓަރުންނަށް އެ ގައުމުގެ އިގްތިސޯދީ ވެއްޓަކީ އިތުބާރު ކުރެވޭ ވަރުގެ ތަނަކަށް ހެދުމަށް ކަމަށެވެ.

"ހަރަދުތައް ކުޑަކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުން އޮތީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެފަ. ބޭނުންވަނީ ދައުލަތުގެ ބޮލުގައި މީގެ ކުރިން އެޅިފައި އޮތް ދަރަނި ދައްކައި ހަލާސްކޮށް، ލަންކާ އަކީ އިންވެސްޓަރުން އަޅާ ފައިސާތަކަށް ގަދަރު ކުރަން ދަންނަ ބައެއްކަން ޔަގީން ކޮށްދީ، އެމީހުން ގައުމަށް ޝައުގުވެރި ކުރުވަން،" ރަވީ ވިދާޅުވި އެވެ.

ދާދި ފަހުންވެސް ލަންކާއިން ވަނީ އެ ގައުމުގެ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުޕީސްގެ ލޯނެއް ނެގުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު އެއްބަސްވެފަ އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު ނޮވެމްބަރު މަހު ސަރުކާރުން އެކުލަވާލި ބަޖެޓަކީ، އިގްތިސޯދީ ތަސައްވުރު ވަރަށް ރަނގަޅަށް ދައްކުވައިދޭ ބަޖެޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ބަޖެޓުގެ މަގްސަދުތަކާއެކު އިގްތިސޯދު ހަމަޔަކަށް އެޅުވުމަށް ކުރާ މަސައްކަތް ވަރުގަދަވެގެންދާނެ ކަމަށް ކަމަށެވެ.

އިގްތިސޯދު އާ ހަރުފަތަކަށް ގެންދިޔުމަށް ސްރީލަންކާއިން މިހާރު ވެސް ދަނީ އެގައުމުގެ ފަތުރުވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާ ރިސޯޓްތަކެއް ހުޅުވައި، ބޭރުން އަންނަ ފަރާތްތަކަށް ޗުއްޓީ ހޭދަކޮށްލެވޭނެ ފަހި ފުރުސަތު ހޯދައިދީ، ރިޓަޔަމަންޓް ހޯމް ފަދަ ތަންތަން އިތުރުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

އެތެރޭގެ އިގްތިސޯދު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކާއެކު ލަންކާއިން މިހާރު ދަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ބައިވެރިވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ އެއްބަސްވުންތަކުގައި މިއަހަރުގެ ފަހުކޮޅު ސޮއިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޗައިނާއާ އެކު ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރުމުން، އިންޑިއާއާ އެކު މިހާރުވެސް ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމާއެކު ލަންކާ އަށް ލިބިގެންދާނީ މި ސަރަހައްދުގައި މިވަގުތު އޮތް އެންމެ ބޮޑު ދެ މާކެޓަށް ރަސްމީކޮށް ވަނުމުގެ ފުރުސަތު. އިންޑިއާ އާ ޕާކިސްތާނަށްފަހު ލަންކާ ވެގެންދާނީ ދެ ގައުމުގެ އިންވެސްޓްމަންޓް ތައް ގުޅާލަން ލިބޭ މުހިއްމު ޕްލެޓްފޯމަކަށް. އެހެންވީމަ ސްރީ ލަންކާ މިއޮތީ މިހާރު ފުރިހަމަޔަށް ތައްޔާރުވެފައި،" ރަވީ ވިދާޅުވި އެވެ.