ރާއްޖެ ކުޅިވަރު

20 އަހަރަށް ފަހު ޝަކީބު ގައުމީ ޓީމާ ދުރަށް

އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެ ރޭ ގައުމީ ޓީމު ލާއޯސްއަތުން 4-0އިން މޮޅުވި މެޗަކީ ތާރީހީ މެޗެކެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ފާއިތުވެދިޔަ 20 އަހަރު ގައުމީ ޓީމުގެ ބެންޗުގައި ހޭދަކުރި ޑރ. އަހުމަދު ޝަކީބު އެރޭ ބެންޗުގައި ނެތުމެވެ. އޭނާ އިނީ ކުޅިބަލާށެވެ. ޓީމު ލިސްޓުގައި ވެސް އޭނާގެ ނަމެއްނެތެވެ. މިއީ ޝަކީބު ފަރުވާއާނުލައި ގައުމީ ޓީމު ވާދަވެރި މެޗަކަށް ނުކުތް ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ފާހަގަކޮށްލެވޭ ކަމަކީ ބަނގްލަދޭޝް އާއި ރާއްޖެ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް އޭނާ ރޮސްޓްރަމުގައި އިންކަމެވެ.

އެފްއޭއެމުގެ އެކްސްކޯގައި ވެސް ހިމެނިވަޑައިގަންނަވާ ޝަކީބަށް މިކަމާ ސުވާލު ކުރުމުން އޭނާ ވަނީ ވާހަކަދައްކަން އުޒުރުވެރިވެފަ އެވެ. 1996 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ހިދުމަތްކުރަމުން އަންނަ ކުޅަދާނަ ބޭސްވެރިޔާ ބުނިހާ ވެސް ބަހަކީ ބެންޗަށް ނުދެވޭހާ "ބައްޔެއްނޫން،" ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެފްއޭއެމުގެ ވެސް ރަސްމީބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ. ނަމަވެސް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެކްސްކޯގައި ހިމެނޭ މެމްބަރުން ބެންޗަށް ނުގެންދަން ވަނީ މަޝްވަރާކޮށްފަ އެވެ.

އަތޮޅު ސިއްހީ މަރުކަޒުތަކުގައި އެންމެ ފުރަތަމަ މަސައްކަތް ފެށި ޝަކީބަކީ ކުޅިވަރުގެ ބޭސްވެރިކަމުގައި އޭނާ ޖަހާލާފައި ނުދެވޭހާ ފުންނާބު އުސްމީހެކެވެ. ދެކުނު އޭޝިޔާ ސަރަހައްދުގައި ވެސް އޭނާހާ ތަޖުރިބާ ބޮޑު މީހަކު ނެތެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭއެފްސީން ފާހަގަކުރާގޮތުގައި އޭނާ އަކީ ސްޕޯޓްސް މެޑިސިންގެ އެސެޓެކެވެ.

ކުޅިވަރުގެ ރޮނގުން މިދިޔަ އަހަރު ސަރުކާރުން ދެއްވާ އާއްމު ހިދުމަތުގެ އިނާމް ވެސް ލިބިފައިވާ ޝަކީބު އެންމެ ފަހުން ބެންޗުން ފެނުނީ މިދިޔަ މަހުގެ 29ގައި ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ގޯލްޑް ޓީމާއި މިހާރުގެ ގައުމީ ޓީމު ވާދަކުރި މެޗުގައި ގޯލްޑް ޓީމުގެ ބެންޗުންނެވެ.

ގައުމީ ޓީމުގެ ބެންޗުން "ބާކީވި" ނަމަވެސް ޝަކީބު ގެންދަނީ އެފްއޭއެމުގައި ހުންނަ އޭނާގެ ކްލިނިކްގައި ކުޅުންތެރިންނަށް ބޭސްކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަމުންނެވެ. ނަމަވެސް އޭނާ ބެންޗުން ނުފެންނަން ފެށުމުން ފުޓްބޯޅަ ކުޅުންތެރިންނާއި ކުލަބުތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ.