ރިޕޯޓް

އީދަށް ހީނާފަތް އެޅި ހަނދާން އެބަހުރިތަ؟

ދެ ޖޯޑު ހަނޑޫ ފެނަށް އަޅާލުމަށްފަހު ކަންނެތް ހިނގުމެއްގައި ގޮސް، ލެޕްޓޮޕުން ފިލުމެއް ބަލަން ސޯފާގައި އިން އަހަރެންގެ ކޮއްކޮގެ މަގަތުގައި އިށީނދެލީމެވެ. "ކޮބާ އީދަށް ބޯކިބާ އެޅީތަ؟" ކޮއްކޮ ބުނެލި އެވެ. މާލޭގައި އުޅޭތާ ފަސް އަހަރަށް މި އޮއް އެޅެނީ އެވެ. އީދަށް ބޯކިބަލެއް ކީއްކުރަން ހެދުންގަނޑެއްހާ ވެސް ފެހި ހަނދާނެއް ނުވެ އެވެ. އެކަމަކު ކުޑައިރު އީދު ފާހަގަކޮށް އުޅުނީ ކިހިނެއް ހެއްޔެވެ؟

ބޮޑު އީދު ދުވަހަށް އަލިވާއިރު ދެފައިތިލަ އޮންނަނީ ލޭކޮޅެއްހާ ރަތްކޮށްލާފަ އެވެ. ހީނާ ފަތް އަޅައިގެން ހޭޅީގައި ދެފައިދަނޑި ލޮނުން ތެއްމަން ތިބޭ މަންޒަރު ސިފަވަނީ އިއްޔެގެ ކަމެއް ހެންނެވެ. މިހާރު އީދުގެ ހަތަރު ދުވަހަށް ފަހާ ހެދުންތައް ގަޔަށް ހެޔޮވަރުކޮށް ކޮށް ހިތްހަމަޖެހުނު ދުވަހެއް ހަނދާނެއް ނެތެވެ. ނަމަވެސް އެ އުފާވެރި ހަނދާންތައް އާވެ އެވެ. ހީނާ ފަތް އަޅައިގެން އުޅުނު ގޮތުގެ ހަނދާން ވަރަށް ގިނަ މީހުން އަދިވެސް ވާނެ އެވެ.

އީދު ކައިރިވުމާއެލު "ހައްވައްތަމެން ގެއަށް ހީނާފަތް ކަނޑަން ދާން" ހައްޖު ދުވަހަށް ރެޑީވާ ހަނދާންވެ އެވެ.

އީދު ދުވަހު ހެނދުނަށް އަލަ ފިހަން ރެކި ދައްތަމެން ގެއިން ގެނައި ބޮޑު އަލަ ކޮތަޅުވެސް ހުރީ ހުރިގޮތަށެވެ. އާމިނާ މަނިކެ ދައްތަ އަތަށް ފަހަންދިން އަހަރެމެން ތިން އަންހެން ބެއިންގެ ހެދުން ނިމޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ނުވިތާކަށް މަންމައާ ބައްޕަ މިއަދު ތިބީ ރޯދައަށެވެ. ރޯދަޔަށް ތައްޔާރުކުރަންޖެހޭ ހެދިކާގެ މެނޫ އަދި ހުރީ މަންމަގެ ސިކުނޑީގައި އެކަންޏެވެ.

މެންދުރު ނަމާދުކޮށްލައިގެން އަހަރެން ދުއްވައިގަންނަމެވެ. ކޮރަމުން ކަހަލަ ގޮތަކަށް ތިން މީހުންނަށް ހައްވާތަމެންގޭ ދޮރާއްޓާ ހަމަޔަށް ދެވުނު އިރު ބޮޑު ހީނާފަތް ގޮފިގަނޑަނީ އެވެ. ޔަގީނެވެ. ހަފްސާއްތަ އެއޮއް ދަނީ ހައްވާއްތަމެންގޭ ހީނާގަސް ހުސްކޮށްގެންނެވެ. އަހަރުންނަށް ލައްވާލާނީ ކުޑަ ދަނޑިގަނޑެއް ނޫންކަމެއް ވެސް ނޭނގެ އެވެ. ޖީބުގައި އޮތީ ފަސް ރުފިޔާ އެވެ.

މާޔޫސްވެ އެހެން ގެއަކަށް ދާން އުޅެވެ އެވެ. އަހަރެން ފެންނަ އިރަށް ހައްވާއްތަގެ ދަތްތައް ވިދައިގަތެވެ. އުފާވި އެވެ. ހައްވާއްތަގެ ހީނާފަތް ގަސް އެހުރީ އަދި ދެބައިވެސް ނުވެ އެވެ. މީގެ ކުރިން އަހަރެން އެ ގަސް ކައިރިއަށް ދެވުނު އިރު އަހަރެން ހާދަ ކުޑަ އެވެ. ގަސްވެސް ހާދަ ކުޑަ އެވެ. މިހާރު ގަސްވެސް އަރައި އޮބަނީ އެވެ.

ހީނާފަތް ގޮފިތައް ބިންމަތީގައި ދަމަމުން ދިޔައީ ގެއަށެވެ. އަހަރެން ފެނުމުން، އަވަހަށް ހީނާފަތް ފުނޑަން ދާށޭ މަންމަ ބުނެލި އެވެ. އަހަރެމެން އުޅުނީ ފަތް ފިލުވާށެވެ. ފުނޑާ ދާ ކައިރީގައި ތިބެ ފަތް ނައްޓައި ފަތް ފުނޑައި އަވަދިވި އިރު ހަވީރު ވަނީ އެވެ. ބޮޑަށް ރަތްކުލަ އަރާގޮތް ހަދަން ފަތް ފުނޑީ މަންމަ ދުވަސްތަކެއް ކުރިން ހުތް ކުރަން ބެހެއްޓި ރުކު ރާ ވެސް އަޅައިގެނެވެ.

އަވަސް ވެގަތީ ފައި ބަންނައިރު އަޅަން މަންމަ ހޯދާށޭ ބުނި މާޅޮސްކެޔޮ ފަތް ކަނޑާށެވެ. ގޭގައި ކެޔޮފީނި ހުންނާތީ މާ ބޮޑު ކަމަކަށް ނުވި އެވެ. ފަތް ހިފައިގެން އައިސް އުނދުނުން ފަތް މޯޅިވެސް ކޮށް ނިމިއްޖެ އެވެ. ކުރީ އީދަށް ފެހި ހެދުން މާ ބޮޑަށް ބާވެފައި އޮތުމުން ފަތް މަތިން އަޅަން ދެ ފޮތިގަނޑު ވެސް އޭގެއިން ކަނޑައި އެއްޗިހި ހަމަކޮށްފީމެވެ.

ބަދިގެއިން އަވަދިވެގެން މަންމަޔަށް އާދެވުނު އިރު ރޭ ނުވައެއް ޖަހަނީ އެވެ. ހީނާފަތް އަޅާ ސާމާނު ފުންޏަކަށް ޖަހައިގެން ގޭމެދުން ބޮޑު އުނދޯލީގައި އަހަރެން އިނީ ގަޑިއަށް ބަލައިގެންނެވެ. ކުރީ ފަހަރުވެސް އަހަރެންގެ ފަޔަށް އެރީ މަޑު އޮރެންޖު ކުލައެކެވެ. ރައްޓެހި ކުދިން އަހަންނަށް ޖެއްސުންކުރީ "ގޫ ކުލަ" ފައިތިލައޭ ކިޔައިގެންނެވެ. މި ފަހަރު މާ އަވަހަށް ހީނާ އަޅަން ވަރު ދެއްކީ ގިނަ އިރު ވުމުން ރަތްވާނެ ކަމަށް ހިތަ އެވެ.

ހެނދުނުން ފެށިގެން ކުރި އިންތިޒާރުގެ ނިމުން އަތުވެއްޖެ އެވެ. މަންމަ އަހަރެންގެ ފައިގައި ހީނާފަތް އަޅައިދެނީ އެވެ. ރީތި ބޫޓެއްގެ ބައްޓަމަށް ހީނާފަތް އަޅައިދީފި އެވެ. ފުރަތަމަ މާޅޮސްކެޔޮ ފަތްގަނޑު އޮޅައި، އޭގެ މަތިން ފޮތިގަނޑު ވޮޅައި ދެފައި ވެސް ރީއްޗަށް ބަނދެ ދީފި އެވެ. އުފަލަކުން އިނދެވެނީއެއް ނޫނެވެ. މިހާރު ވެސް ފައިގެ ކުލަ ސިފަ ވަނީ އެވެ. އެހެން ކުދިންނާއެކު ފައި ދޮންނަން ފަތިހާ މޫދަށް އެރި ހުންނަ އިރު ފައި ފާޅުވާނެ ރީތި ވަރު ހިތަށް އެރުމުން ހިތް ނަށަނީ އެވެ.

ނިދަން އޮވެފައި ހޭލެވުނީ ފާހާނަޔަކަށް ދާން ޖެހިގެންނެވެ. މި ޖެހުނީ ކަންތަކާއެވެ. މަންމަމެންވީ ކޮޓަރީގަ އެވެ. ދޮރު ހުޅުވާފައި ހުއްޓަކަސް އަހަރެން މަންމަޔަށް ގޮވާނީ ކިހިނެއް ހެއްޔެވެ. ގޮވިއަސް މަންމަ އަހަރެން ގެންދާނީ ކިހިނެއް ހެއްޔެވެ. އެކަމަކު ހިނގައިފިއްޔާ ހީނާފަތްގަނޑުގެ ބައްޓަން ބަދަލުވާނެ އެވެ. އިރުކޮޅެއް ފަހުން ބަދިގެއިން މަންމަގެ ހިލަމެއް ވުމުން މަންމަ އަދިވެސް އީދު ބޯކިބާ އަޅަން ހޭލާ އުޅެނީއޭ ހިތަށް އެރި އެވެ. ބާރަކަށް ގޮވައިފީމެވެ. މަންމަ ލާނެތް ހިންޏަކާއެކު އައިސް އަހަރެން ދެކޮޅުގައި ހިފައި ނަގަން އުޅެފި އެވެ. ބާރަ އަހަރަކަސް އަހަރެން މަންމަޔާ އެއް ވަރެކެވެ. ހާލަކުން މާނޭވާ ލަމުން މަންމަ އަހަރެން ގޮވައިގެން ގޮސް ފާހާނަޔަށް ވެއްދި އެވެ. އެހިސާބުން ފަޔާއި ހީނާފަތަށް ވާނެ ގޮތެއް ވާން ދޫކޮށްލީމެވެ. ކުރި ކަމެއް ކޮށް ނިމުމުން އަނެއްކާވެސް މަންމަ އަހަރެން ގޮވައިގެން ގޮސް ބާއްވަދިނެވެ.

ހެނދުނު ހޭލެވުމުން ދުއްވައިގަތީ މޫދާ ދިމާލަށެވެ. ފައި ދޮންނާށެވެ. ފައި ތިލަ ފެނުން ފާޅުވެ ހަމަޖެހިލި އިރު ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. މާ ރީތި ރަތެއް އަރާފައި ހުރި އިރު އަހަރެންގެ ދެފައިތިލަ ހީވަނީ ރަތް މަދޮށިން ޖަރީކޮށްފައި ހުރި ބޫޓަކަށް އެރި ހުރި ހެންނެވެ. އޭރު ރޯކޮށްފައި ހުރި އީދު މަޅީގެ ދުންގަނޑު އަޟްހާ އީދަށް މަރުހަބާ ކިޔަނީ އެވެ.