ރިޕޯޓް

ކުޅުދުއްފުށީގައި އީދު ފާހަގަކުރުން މުޅިން ތަފާތު!

އީދު ކުޅިވަރަށް ރާއްޖޭގައި ވަރަށް ގިނަ ރަށްރަށުގައި ފޯރި ނަގަ އެވެ. ގިނަ ކުޅިވަރުތަކެއް ވެސް ކުޅެ އެވެ. ސަގާފަތުން އުފިދިގެން އައިސްފައިވާ ގިނަ ކުޅިވަރުތަކެއް އީދުގައި ކުޅެ އެވެ. އާންމު ގޮތެއްގައި ރަށްރަށުގައި ކުޅެނީ އެއް ކުޅިވަރުތަކެކެވެ. އެހެނަސް ވަކި ރަށްރަށަށް ހާއްސަ ކުޅިވަރުތަކެއްވެސް ހުރެ އެވެ. އެގޮތުން ބޮޑު ތިލަދުންމަތީގެ ހިތުގެ ގޮތުގައި ސިފަކުރާ ކުޅުދުއްފުށީގައި އީދުގައި ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅެ އެވެ.

ކުޅުދުއްފުށީގެ ކުޅިވަޅުތައް ކުޅޭ ގޮތާއި ކުޅިވަރުތައް ތަފާތެވެ. ހަމައެގޮތަށް އިހު ޒަމާނުގައި ވެސް އެކަން ކުރަމުން އައި ގޮތަށް ކުޅުދުއްފުށީގައި މިހާރު ވެސް އެ ކުޅިވަޅުތައް ކުޅެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

އީދު ދުވަހުގެ އެންމެ މާތް އަޅުކަން ކަމަށްވާ އީދު ނަމާދަށްފަހު ކުޅުދުއްފުށީގައި އޮންނަ ސަގާފަތަކީ ބޯކިބާއާއެކު ސައި ބުއިމެވެ. އަވަށްޓެރި ގޭގެއަށާއި ތިމާގެ ގޭގެއަށްދެ އެވެ. ކުޅިވަރުތައް ފެށެނީ އެ ހިސާބުންނެވެ.

ބޮޑު ފައިވާން!

މިއީ ކުޅުދުއްފުށީގައި ބޮޑު އީދުގައި ކުޅޭ ކުޅިވަރެކެވެ. ނުވަތަ ދައްކާލައި ދައްކާލުމެކެވެ. މި ކުޅިވަރު ކުޅުމަށް ގިނަ ބަޔަކަށް އެއް ފަހަރާ އެރޭވަރުގެ ފައިވާނެއް ހަދަ އެވެ.

އެއަށްފަހު ރަށުގެ ބޮޑު މަގުގައި އެ ފައިވާނަށް އަރައިގެން އެންމެން ހިނގަ އެވެ. އެކަމެއް ބަލަން ރައްޔިތުން ނިކުމެ އެވެ. އެ ކުޅިވަރަކަށްވެ އެކަން އެކަމުގައި ފޯރި ނަގަ އެވެ.

ފައިވާނަށް އަރައިގެން ތިބޭ މީހުން އާންމު ގޮތެއްގައި ތިބެނީ ކުލަ ކުލައިގެ ހެދުމުގަ އެވެ.

ހިއްޗަށް ވަޑައިގަތުން!

މިއީ ކުޅުދުއްފުއްޓަށް ވަރަށް ހާއްސަ ކުޅިވަރެކެވެ. ކުޅުދުއްފުށީގެ ދުވަސްވީ ބަޔަކު އިސްނަގައިގެން ކުރަމުން އައި ކަމެވެ. އެހެން ރަށަކުން މި ކުޅިވަރު ކުޅޭ ތަނެއް ނުފެނެ އެވެ. މިއީ އިހު ޒަމާނުގެ ރަސްކަލުން ރަށު ތެރެ ބަލާލުމަށް ނިކުނަ ނިކުންނެވުން ދައްކުވައިދޭ ކުޅިވަރެކެވެ.

މި ކުޅިވަރު ވެސް އޮންނަނީ ރަށުގެ ބޮޑު މަގުގަ އެވެ. މަގުގެ ދެކޮޅަށް ހިނގާލުމެކެވެ. ކުޅިވަރުގެ އެންމެ އިސް ރޯލެއް އަދާކުރަނީ ރަސްގެފާނާއި ރާނީ އެވެ. ރަސްކަލުންގެ ހެދުން އަޅައިގެން އެ ޝަރަފުގައި ހިނގާފައި އަންނައިރު ވަށައިގެން ގާޑުން ތިބެ އެވެ. އެމީހުން ތިބެނީ ހަންޖަރު ހިފައިގެންނެވެ.

މަށި މާލި!

ކުޅުދުއްފުށީ ހާއްސަ ސަބަބަކީ ރާއްޖޭގެ ހަމައެކަނި މަށި ކުޅި އެ ރަށުގައި އޮތުމެވެ. އެއީ ރަށަށް ލިބޭ ފަހުރެކެވެ. އެ ފަހުރު އީދުގައި ވެސް އެ ރަށުގައި ދައްކާލަނީ ފަހުރުވެރިކަމާއެކު އެވެ. ކުޅުދުއްފުށީ މަށި މާލި ޕެރޭޑަކީ ރާއްޖެއަށް މަޝްހޫރު ޕެރޭޑެކެވެ. އެ ޕެރޭޑް ނަމޫނާއަކަށް ބަލައިގެން އެހެން ރަށްރަށުގައި ވެސް އެކަން މިހާރު ކޮށް އުޅެ އެވެ.

މަށި މާލި ޕެރޭޑަކީ ކުދި ބޮޑު އެންމެން އެ ކުޅިވަރެއްގައި ބައިވެރިވާ ކުޅިވަރެކެވެ. ހަވީރު އޮންނަ މި ޕެރޭޑަކަށް ތައްޔާރުވެ މާލި ހެދުމަށް ކުޅި އެރެން ޕެރޭޑްގައި ބައިވެރިވާ މީހުންނާއި ކުދިން މެންދުރުފަހު ކުޅިއަށްދެ އެވެ. އެއަށްފަހު މުޅި ގައިގާ މަށި ލައި، ފަނުން ހެދުން ލައިގެން މާލި ހެދެ އެވެ. މާލި ހެދުމަށްފަހު ސަފަކަށް އެތުރި ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާލަ އެވެ. ހިނގާއިރު ދުއްމާރި ފަދަ ތަކެތި ގޮއްވަ އެވެ.

މާލިތައް ހަދާއިރު މީހުން ހެއްވާލެވޭ ގޮތަށް ވެސް މާލި ހަދަ އެވެ. އެގޮތުން "ގޮރުގުނބާ" ފަދަ މާލިތަކަކީ ކުޅުދުއްފުށީގެ ކޮންމެ މީހަކަށް ވެސް ޅަ އުމުރުން ފެށިގެން ވެސް މަށި މާލި ޕެރޭޑުން ފެންނާނެ މާއްޔެކެވެ. އޭގެ އިތުރަށް ވެސް ތަފާތު އެތައް ކަމެއް އެ ޕެރޭޑުން ފެނެ އެވެ.

ދަމު ހިނގުން!

އީދު ކުޅިވަރުތަކުގެ ތެރެއިން ކުޅުދުއްފުއްޓަށް އެންމެ ހާއްސަ ކުޅިވަރަކީ މިއީ އެވެ. ކުޅުދުއްފުށީގައި ނޫނީ ދަމެއް ނުހިނގަ އެވެ. ކުޅުދުއްފުށީ ރައްޔިތުން ވެސް އެންމެ ލޯބިވާ އަދި އެންމެ ފަހުރުވެރިވާ ކުޅިވަރަކީ މިއީ އެވެ.

މި ކުޅިވަރު އޮންނަނީ އާންމު ގޮތެއްގައި އީދު ފަހު ރޭ އެވެ. ރަށުގެ އަތިރިމަތީ އޮންނަ ހުސް ބިމުގައި އިހު ޒަމާނުއްސުރެ މި ކުޅިވަރު ބާއްވަމުން އަންނައިރު މި ކުޅިވަރުގައި ޖަހާ ބެރަކީ އެ ކުޅިވަރަށް ހާއްސަކޮށްފައިވާ ބެރެކެވެ. ކުޅުދުއްފުށީގައި ވެސް މި ބެރެއް ޖަހަން އެނގޭ މިހާރު ތިބީ މަދު ބަޔެކެވެ. ކުޅިވަރުގައި އެންމެ މުހިންމު އެއް ބަޔަކީ ބެރުވެރިންނެވެ.

ވަށް ބުރަކަށް ހަދާފައިވާ ތަނެއްގައި މި ކުޅިވަޅު ކުޅޭއިރު ބެރު ވެރިންގެ އިތުރުން ދެން މި ކުޅިވަރުގައި ބައިވެރިވާނީ މާއްޔެވެ. ކުޅިވަރުގައި އޮންނަ ކަމަކީ ބެރުވެރިންގެ ބެރާ އެއްވަރަށް މާލިތައް ވަށައިގެން ހިނގައި ނެށުމެވެ.

ދަމު ހިނގުމުގައި ވަރަށް ތަފާތު މާލިތައް ފެނެ އެވެ. ކުޅުދުއްފުށިން ނޫނީ މި މާލިތައް ނުވެސް ފެންނާނެ އެވެ. ކޮންމެ މާއްޔަކަށް ވެސް ހާއްސަ ނަމެއް ދީފައިވާއިރު ކުޅުދުއްފުށީ މީހުންނަށް ނޫނީ މި ނަންތައް ނުވެސް އެނގެ އެވެ. މުގުރުގަނޑު މާލި، ކޯނިގަނޑު މާލި ފަދަ މާލިތަކަކީ ކުޅުދުއްފުށި މީހުންނަށް ނޫނީ އެނގޭ މާއްޔެއް ނޫނެވެ.

އަންހެން، ފިރިހެން ދަފި

މިއީ އާންމުކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޅެ އުޅޭ ކުޅިވަރެކެވެ. ކުޅުދުއްފުށީގައި ވެސް ވަރަށް ފޯރީގައި ކުޅެ އެވެ. ހާއްސަކޮށް އަންހެނުންނެވެ. ކުޅުދުއްފުށީ އަންހެނުންގެ ދައްޕަކީ ވަރަށް ފޯރި ނަގައި ކުޅޭ ކުޅިވަރެކެެވެ.

ދަފި ނަގަމުން ކުޅުދުއްފުށީ އަންހެނުން ކިޔާލައި ލަވަތަކީ އެހާ މަޖާ، ފޯރިގަދަ ލަވަތަކެކެވެ. ދަފި ނަގައި ލަވަކިޔަން ކުޅުދުއްފުށީ ކުޑަ މަރިޔަބު ވަރެއް ނެތޭ ހިސާބުގަނޑު މީހުން ބުނެ އުޅެނީ ކަމެއްވެ އެވެ.

ކުރު ފަލި!

ކުޅުދުއްފުށީގައި އާންމު ގޮތެއްގައި ކުރު ފަލި ޖަހާ އުޅެނީ އަންހެނުންނެވެ. ކުރީގައި މިއީ ވަރަށް ފޯރީގައި ކޮށް އުޅުނު ކަމެކެވެ. ނަމަވެސް މިހާރު ކުޑަކޮށް މި ކުޅިވަޅު އޮންނަނީ މަޑިޖެހިފަ އެވެ.

ކުރު ފަލި ޖެހުމަށް އަންހެންވެރިން އޮޑި ދޯނިފަހަރަށް އަރައިގެން ވެސް އެއް ޒަމާނެއްގައި އުޅުނެވެ.

ކޯޑި ނެގުން!

ރާއްޖޭގެ އެކި ރަށްރަށުގައި އެކި ގޮތަށް ކުޅެމުން އަންނަ ކޯޑިއަކީ ވެސް ކުޅުދުއްފުށީގައި ކުޅޭ ކުޅިވަރެކެވެ. އެހެން ރަށްރަށާ ތަފާތު ގޮތަކަށެވެ. އެހެން ރަށްރަށުގައި ތިން ދުވަހަށް މި ކުޅިވަރު ދެމިގެންދިޔަ ނަމަވެސް ކުޅުދުއްފުށީގައި މިއީ އެންމެ ދުވަހެއްގެ ކަމެކެވެ. ގެއެއްގައި ކޯޑި ތައްޔާރުކުރެ އެވެ. އެއަށްފަހު އެ ކޯޑި ހިފައިގެން ރަށު ތެރޭގައި ހިނގަނީ އެވެ.

ކޯޑި ހިފައިގެން ރަށު ތެރޭގައި ހިނގުމަށްފަހު ކޯޑި ވަކި ތަނަކަށް ޖަހާފައި ކުޅިވަރު ނިންމާލަނީ އެވެ.

މި ކުޅިވަރުތަކުގެ އިތުރަށް އަންހެނުންގެ ދަނޑި ޖެހުމާއި ފިރިހެނުންގެ ދަނޑި ޖެހުމާއި ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތައް ވެސް ކުރިއަށްދެ އެވެ.