އީދާއެކު، ބިޒީ ނިއުސްރޫމުން ނިކުމެލަން ވަގުތުކޮޅެއް ލިބުނެވެ. އީދު ފޯރި ވެސް ހުއްޓެވެ. އީދު ދުވަހު ކެއްކުމުގެ އަނގަ ތަޅައިލުމެއްގެ ތެރެއިން ފެށުނީ މި ޒުވާބެވެ. މީރީ ދިވެހި ކުކުޅު ހެއްޔެވެ؟ ނޫނީ ފިނިކުރި ކުކުޅު ހެއްޔެވެ؟
ދިވެހިންނަކީ އަބަދުވެސް ކުކުޅު މަހަށް ވަރަށް ލޯބިކުރާ ބައެކެވެ. އިހު ޒަމާނުއްސުރެ ކުކުޅަށް ދިވެހިން ވަރު ހުންނަނީ ވަރަށް ވެސް ބޮޑަށެވެ. ހާއްސަކޮށް އީދު ދުވަހު އެވެ. ކުކުޅަކީ ކޮންމެ ގެއަކުން ވެސް ކައްކަން މަޖުބޫރު އެއްޗެކެވެ. އެންމެ ކުޑައިރު ވެސް ގޭގައި ކުކުޅު ކައްކަ އެވެ. އީދެއް އައިކަން ވެސް އިހުސާސް ވަނީ ކުކުޅެއް ކަތިލައި އެ ނޮޅާލުމުންނެވެ.
ޒަމާން ބަދަލަވަމުން އައިސް ދިރޭ ކުކުޅަކީ ތަދު އެއްޗަކަށްވި އެވެ. އަގު ވެސް އަރައިގެން ދިޔައީ އެވެ. ދިވެހިންގެ މެދުގައި ފިނިކުރި ކުކުޅުގެ މަގުބޫލުކަން ބޮޑުވެގެން ދިޔައީ އެވެ. ކުރަންޖެހޭ މަސައްކަތް މަދުވެފައި ދިވެހިން ކަންނެތްވީ އެވެ. ކަން ފަސޭހަވީ އެވެ. މިހާރު ފިހާރައަށް ވަދެ ކުކުޅެއް ގަތުމުން އެވީ އެވެ.
އަހަރެމެންގެ މެދުގައި ކުރެވުނު ޒުވާބު ނިމިގެން ދިޔައީ ޗެލެންޖަކުންނެވެ. މީރީ ކޮން ކުކުޅެއްގެ މަސްތޯ ހަމަ އަސްލަށް ވެސް ބެލުމެވެ. އަޖުމަ ބަލާލުމެވެ. އެގޮތުން އަވަސް ނިއުސް ރޫމް ދެ ގުރޫޕަކަށް ބެހިގެން ދިޔަ އެވެ. އެއް ބަޔަކު އިހުތިޔާރުކުރީ ދިވެހި ދިރޭ ކުކުޅެއް ގަނެ، ކަތިލައިގެން އިހު ޒަމާނުގައި ދިވެހިން ކައްކާ ކުކުޅު ރިހަ ކެއްކުމެވެ. އަނެއް ބަޔަކު އިހުތިޔާރުކުރީ ފިނިކުރި ކުކުޅެއް ގަނެ، ކުކުޅު ހަނާ ކުރާށެވެ. މި ރިހަގަނޑު އަހަރެމެން ހަމަ ތަޖުރިބާ ކުރީ އެވެ.
މުޅި މާލެގައި ހިނގާ ވެސް ދިރޭ ކުކުޅެއް ނުލިބުނެވެ. އެންމެފަހުން ކުކުޅެއް ލިބުނީ ހުވަދޫ ބޯޓަކުންނެވެ. ކުކުޅު ގަތުމަށްފަހު އެ ކަތި ވެސް ލީ ހަމަ އަހަރެމެންނެވެ. ނޮޅީ ވެސް ހަމަ އަހަރެމެންނެވެ. ވަރަށް ވެސް ތަފާތު ތަޖުރިބާއެކެވެ. މިއީ ހަމަ ކޮށްލަން ރަނގަޅު ކަމެކެވެ.
އަނެއް ޓީމުން އަގޯރާއަށް ގޮސް ފިނިކުރި ކުކުޅަކާއި ކައްކަން ބޭނުންވާ ސާމާނު ގަނެފި އެވެ. ދެން ދިޔައީ ކައްކާށެވެ. ވަރަށް ވާދަވެރިކަމާއެކު ކެއްކުން ފެށިއްޖެ އެވެ. ބަހުގެ ހަމަލާތައް ވެސް ކައްކަމުން ދިޔައިރު ރައްދުކުރި އެވެ. އަވަސްގެ ނޫސްވެރިން ބައިވެރިވެގެން ދެ ވައްތަރުގެ ކުކުޅުގެ ކެއުން ތައްޔާރުކޮށްފި އެވެ.
ކެއުން ތައްޔާރުވުމާއެކު ދެން އޮތީ އިންސާފުކުރުމެވެ. އިންސާފުކުރުމަށް ފަނޑިޔާރެއް ބޭނުންވެ އެވެ. އެކަމަށް އަހަރެމެންނަށް އަހަރެމެންގެ އެވަރުގެ ދެވަނައެއް ނެތް އެޑިޓަރު މުންޑޫ އާދަމް ހަލީމް ނޫން ނަމެއް ނުފެނުނެވެ. އަހަރެމެންގެ އެޑިޓަރަކީ މިހާރު ލިޔުންތެރިއެއް އަދި މަޝްހޫރު ނޫސްވެރިއެއް ނަމަވެސް އެއް އިރެއްގައި އެއީ ކައްކާއެކެވެެ. ބަނޑޮސް ރިސޯޓްގަ އެވެ. ގައިމު އެ ތަޖުރިބާ ވެސް ހުންނާނެތާ އެވެ.
ކެއުމަށް އިންސާފުކުރަން މުންޑޫ އަތުވެއްޖެ އެވެ. ދިވެހި ކުކުޅަކީ ކޮބައި ކަމެއް ފިނިކުރި ކުކުޅަކީ ކޮބައި ކަމެއް ގައިމު އޭނާއަކަށް ނޭނގޭނެ އެވެ. އެހެނަސް އެންމެ ފުރަތަމަ ބަލާލާފައިވެސް ދިވެހި ކުކުޅަކީ ކޮބައިކަން ބުނެދީފި އެވެ.
ވަރަށް ޝައުގުވެރިކަމާއެކު މުންޑޫ އާއި ނިއުސް ރޫމްގެ އެހެން އެކުވެރިން ކެއުމަށް އިންސާފުކުރަން ފެށި އެވެ. ދެ ކުކުޅުގެ މަހުން ރަހަ ބެލުމަށް ފަހު މުންޑޫ ނިޔާ އިއްވި އެވެ. އެޑިޓަރަށް މީރުވީ ދިވެހި ކުކުޅުގައި ތައްޔާރުކުރި ރިހަ އެވެ. އެ ރިހައަށް ތައުރީފުކޮށް އެޑިޓަރު ފޫހިނުވި އެވެ. އެޑިޓަރުގެ ޅަ ދުވަހު މުންޑޫގައި އީދު ދުވަސް ފާހަގަ ކުރުމުގެ ހަނދާންތަކާއި ކުކުޅު ރިހައިގެ ވާހަކަތައް ސުފުރާއަށް ގެނެސް ދިނެވެ.
ބުރަ މަސައްކަތުން ދިވެހި ކުކުޅެއް ކަތިލައި ކައްކަން ޖެހުނު ނަމަވެސް ދިވެހިންނަށް ދިވެހި ކުކުޅު ވަރެއް ނޯންނާނެ އެވެ. އެ ރަހައަކީ ދިވެހިންގެ ހިތްތަކާ ކުޅިލާފައިވާ ރަހައެކެވެ. އެ ރަހަ ކަނޑުވާލެވޭނެ އެހެން ރަހައެއް ނެތެވެ.