ޓެކްނޯލޮޖީ

ހައްޖު ސެލްފީތަކާއި ފޮޓޯތައް: މިހާރުގެ އާދައެއް!

ހައްޖު އަޅުކަމަކީ މުސްލިމުންނަށް އަންނަ އެންމެ މަތިވެރި އަޅުކަމެވެ. ހައްޖަށް ދިޔުމަކީ ކޮންމެ މުސްލިމަކު ވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް އެ ފުރުސަތު ލިބެނީ އެއް ބަޔަކަށެވެ. އެންމެންނަށް ހައްޖަށް ދިޔުމުގެ ގާބިލުކަމެއް ނުލިބެ އެވެ.

މިހާރަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. އެއާއެކު ހައްޖަށް ގޮސް އުޅޭ އުޅުމަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. ފާއިތުވެދިޔަ ހަތް ވަރަކަށް އަހަރު ތެރޭގައި ހައްޖަށް ގޮސް އާއިލާއާއި ގާތް މީހުންނާއެކު ސެލްފީ އާއި ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި ޝެއާކުރުން މިވަނީ ވަރަށް އާންމު ކަމަކަށްވެފަ އެވެ.

ޒަމާނަށް އައި ބަދަލާއެކު އެއީ މުހިންމު ކަންކަން ކަމަށް ބައެއް މީހުން ދެކެ އެވެ. އެކަމުގައި މައްސަލައެއް ނެތް ކަމަށް ވެސް ދެކެ އެވެ. އެހެނަސް ބައެއް އިލްމްވެރިން އެކަމާ ދެކޮޅަށް ވެސް ވާހަކަ ވެސް ދައްކާފައިވެ އެވެ. އެއީ ކުރަން އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. ސައުދީ މުފުދީ ވެސް އެ މޭރަމުން ވާހަކަ ދައްކާފައިވެ އެވެ.

މިހެން ކަންކަން ހުރި ނަމަވެސް މިހާރު ދިވެހިންގެ ތެރޭގައި ވެސް ހައްޖުގެ އަޅުކަމުގެ ފޮޓޯތަކާއި މައްކާ އަދި މަދީނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރުން ވަނީ އަދައަކަށްވެފަ އެވެ. އެކުވެރިންނާއި އާއިލާ މެންބަރުންނާއެކު ފޮޓޯ ނަގައި އެހެން މީހުންނާ ހިއްސާކުރުމަކީ އާދައެކެވެ. އެކަމުގެ ސަބަބުން ހައްޖަށް ދިޔުމަށް ނުކުޅެދިފައިވާ މީހުންނަށް ވެސް އުފާވެރިކަން ގެނެސްދެ އެވެ. މާތްވެގެންވާ މައްކާ އާއި މަދީނާ ބަލާލުމުގެ ފުރުސަތު ލިބިގެންދެ އެވެ. މިނާ އާއި އަރަފާތު ބިން ވެސް ބަލާލެވެ އެވެ.

މި އަހަރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ފޭސްބުކްއިން ލައިވްކުރުމެވެ. ތަފާތު މަންޒަރުތައް ހައްޖަށް ގޮސް ތިބި ދިވެހިން ވެސް ދަނީ ލައިވްކުރަމުންނެވެ. މިއަަދު ހައްޖުގެ އަޅުކަން ފެށޭއިރު ހައްޖު އަޅުކަން ވަރަށް ކައިރިން ބަލައިލުމުގެ ފުރުސަތު ފޭސްބުކް މެދުވެރިކޮށް ވެސް މިފަހަރު ލިބިގެންދާނެ އެވެ.