ފިނިޕޭޖް

ފޯރިގަދަ އީދު ލަވައަކާއެކު އުނޫޝާގެ "ތެމުނަސް ހެވޭ" ޗެލެންޖް!

މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އުނޫޝާގެ ފުރަތަމަ މިޔުޒިކް ވީޑިއޯ ރޭ ނެރެފި އެވެ. މި ވީޑިއޯ ލަވައަކީ މުސްލިމުންނާ ބައްދަލުކުރި ބޮޑު އީދުގެ މުނާސަބަތުގައި އުނޫޝާ ނެރުނު ލަވަ އެކެވެ. އީދުގެ ފޯރިގަދަ ފެންކުޅީގެ ކުޅިވަރު ދައްކުވައިދޭ މި ލަވާގައި "ތެމުނަސް ހެވޭ" އުނޫޝާ ބުނެ އެވެ.

ލަވަ ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ރޭ ވީޓީވީގައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ. ލަވަ ލޯންޗުކުރުމަށްފަހު އުނޫޝާ ބުނީ، ލަވަ ހެދުމުގެ ހިޔާލު އައީ ރަށްރަށަށް އީދު ޗުއްޓީއަށް ގޮސް އުޅޭއިރު އެ ނަގާ ފޯރިއާއި ފެން ކުޅީގެ ކުޅިވަރުގެ ތެރެއިން ކަމަށެވެ. މި ލަވައިން ދައްކުވައިދޭނީ އީދު މަޖާ ކަމަށެވެ. މި ލަވައިން އުނޫޝާގެ އާއިލާ އަދި ބެސްޓް ފްރެންޑް ވެސް ފެންނާނެ ކަމަށް އުނޫޝާ ބުންޏެވެ.

އުނޫޝާގެ އަޑުން މި ލަވަ އިވިގެންދާއިރު ބެކިން ވޯކަލިސްޓްގެ ގޮތުގައި ނާނު އާއި މެއިފީގެ އަޑު ވެސް މި ލަވައިން އިވެ އެވެ. ފޯރިގަދަ، މަޖާ މި ލަވައިގެ މިޔުޒިކް ތައްޔާރުކޮށްފައިވަނީ ބާޗީ އެވެ. ޅެން ހަދާފައިވަނީ އިސްމާއިލް މުބާރިކެވެ. މީގެއިތުރުން ލަވައިގައި ބެރުގެ ފޯރި ހިއްޕާލާފައިވަނީ ކައެނާ ނައުބެގެ އެހީތެރިކަމާއެކު އެވެ.

ލަވައިން މަޖާ، އަދި ދިވެހިންގެ ސަގާފީ ގިނަ ކުޅިވަރުތަކެއް ފެނެ އެވެ. އެގޮތުން ބަނޑިޔާ ޖެހުމާއި ބޮޑު މަސް ބޭނުމާއި ކޯޑި ކެނޑުން ފަދަ ކުޅިވަރުތައް ފެނިގެންދެ އެވެ. އަދި އީދު ސަލާމާއި ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ވެސް މި ލަވައިން ދައްކުވައިދެ އެވެ. މި ލަވައިގެ ޑައިރެކްޝަން ހަދާފައިވަނީ އުނޫޝާ އަދި ކޮރިއޯޓިކްސް ކްރޫ އިންނެވެ. ލަވައިގެ ކެމެރާ އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށްފައިވަނީ ވަން ޝޮޓް ސްޓޫޑިއޯއިންނެވެ.

އުނޫޝާ ހުރީ ކޮރިއޯޓިކްސްއިން މި ލަވައިގައި ކޮށްފައިވާ މަސައްކަތާމެދު ވަރަށް ހިންހަމަޖެހިފަ އެވެ. ލަވައިން ތަފާތު ރީތި މަންޒަރުތަކެއް ފެނުމުގެ އަސްލަކީ ކޮރިއޯޓިކްސް އެވެ.

ކޮރިއޯޓިކްސްގެ ސީއީއޯ ޝަރަފް ބުނީ، އުނޫޝާގެ ފުރަތަމަ މިޔުޒިކް ވީޑިއޯ ހެދުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.

އުނޫޝާގެ ފިރިމީހާ އަދި މަޝްހޫރު ހޯސްޓް ހަމީޝް ބުނީ އުނޫޝާގެ މިޔުޒިކް ވީޑިއޯއެއް ހެދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ކުރިއަށް ވެސް އުނޫޝާގެ މިޔުޒިކް ވީޑިއޯތައް ފެންނާނެ ކަމަށެވެ.

ލަވަ ނެރުމުގެ އުނޫޝާގެ އެންމެ ބޮޑު މަގުސަދަކީ އީދުގެ ފޯރިގަދަކޮށް، އީދު އުފާ އެންމެންނާ ހިއްސާކުރުމެވެ. އޭގެއިތުރަށް ވަރަށް މި ލަވައަކާއެކު އުނޫޝާ ވަނީ ވަރަށް ތަފާތު އަދި ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތެއް ފަށާފަ އެވެ.

"ތެމުނަސް ހެވޭ ޗެލެންޖް"

ތެމުނަސް ހެވޭގެ ނަމުގައި އުނޫޝާ ވަނީ ދަރުމަވެރިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދި ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޗެލެންޖެއް ފަށާފަ އެވެ. މި ޗެލެންޖް ފެށުމުގެ ގޮތުން އުނޫޝާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކާއެކު ފެން ކުޅި ކުޅިފަ އެވެ. އެ ފަރާތްތަކާއެކު ހާއްސަ ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.

އުނޫޝާ ޗެލެންޖް ފެއްޓުމުގެ ގޮތުން ވަނީ މަޝްހޫރު ބައެއް ފަރާތްތަކަށް ޗެލެންޖް ވެސް ކޮށްފަ އެވެ. އެގޮތުން މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިން ބައިވެރިން ކަމަށްވާ ލައިޝާ، ޝަލަބީ އަދި އިޝާންއަށް މި ޗެލެންޖް އުނޫޝާ ވަނީ ކޮށްފަ އެވެ. އޭގެ އިތުރަށް އުނޫޝާގެ ފިރިމީހާ ހަމީޝް، ޑިސްއޭބިލިޓީ އެންބެސެޑާ ހިޝާން، އަލީ އަޝްފާގު (ދަގަނޑޭ) އަދި އަންހެން ބާސްކެޓް ބޯޅަ ޓީމަށް ވެސް އުނޫޝާ ޗެލެންޖްކޮށްފައިވެ އެވެ. އަދި މުޅި ދިވެހި ރައްޔިތުންނަށް ވެސް އުނޫޝާ ވަނީ މި ޗެލެންޖްގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފަ އެވެ.

މި ޗެލެންޖް ފުރިހަމަ ކުރުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ނުވަތަ ދުވަސްވީ މީހަކާއެކު ފެން ކުޅި ކުޅުމަށްފަހު އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރަން ޖެހެ އެވެ. އަދި އިތުރު މީހުންނަށް އެ ޗެލެންޖް ދޭން ޖެހެ އެވެ.

"އޭސްއަ އާޓިސްޓް އަޅުގަނޑު ބުނަލަން ބޭނުންވޭ މުޖުތަމައުގަ އެކަކު އަނެއްކަކަށް އެހީތެރިވެދިނުން މިހާރަށްވުރެ ބޮޑަށް އަށަގަންނަވާށޭ، މިކަމުގައި ވަރަށް ގިނަ މީހުން ބައިވެރިވާނެ ކަމުގެ ޔަގީންކަން އެބަ އޮތް، ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއް، ނުކުޅުދުންތެރިކަން ހުންނަ ހުރިހާ ކުދިންނަށް ވެސް ކިޑީ ދައްތަ ބުނެލަން ބޭނުންވަނީ ވަރަށް ވަރަށް ލޯބިވެ އޭ،" އުނޫޝާ ބުންޏެވެ.

ޑިސްއެބިލިޓީ އެންބެސެޑާ ހިޝާން ރޭ ވިދާޅުވީ، މިފަދަ ކަމެއް އުނޫޝާ އިސްނަގައިގެން ކުރުމުން ވަރަށް އުފާވާ ކަމަށާއި މިއީ ދަރުމަވެރިންނަށް ލިބިދޭ ހިތްވަރު ދިނުމުގެ އިނާމެއް ކަމަށެވެ.

މި ޗެލެންޖްގެ ތެރެއިން ފައިސާގެ އެހީ ވެސް ފޯރުކޮށްދެވޭނެ އެވެ. ހަދިޔާކުރާ ފައިސާތައް ލިބޭނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަރުމައަށް މަސައްކަތްކުރާ ދިވެހި ރެޑް ކްރެސެންޓަށެވެ.

އުނޫޝާގެ ފަރާތުން އުފާވެރި ހަބަރެއް!

އުނޫޝާގެ ފުރަތަމަ މިޔުޒިކް ވީޑިއޯ ނެރެފައިވާއިރު އިތުރަށް ވެސް އުނޫޝާގެ އުފެއްދުންތަކެއް ފެނިގެންދާނެ ކަމުގެ އުފާވެރި ހަބަރު އުނޫޝާ ވަނީ ދީފަ އެވެ. މި އަހަރުގެ ތެރޭގައި ވެސް އަދި ދެތިން ލަވަ ފެނިގެންދާނެ ކަމަށް ބުންޏެވެ.

"ބާޗީއާއެކު ސޫޑިއޯ މަސައްކަތް ވަރަށް ބައިވަރު ލަވަތަކުގެ ހުރީ ނިމިފަ، މި ލަވައަށްފަހު ދެން މިޔުޒިކް ވީޑިއޯސްތައް ފެންނަމުންދާނެ، ފަހަރަކު ލަވައެއް މަޑުމަޑުން ހަދަމުން ދާނެ، ވަރަށް ބޮޑު ޓީމެއް މިހާރު މިއޮތީ، އައި ފީލް ހަމަ ބްލެސްޓް ޓް ހޭވް ތިސް މެނީ ޕީޕަލް ޓް ހެލްޕް މީ،" އުނޫޝާ ބުންޏެވެ.

އުނޫޝާ ބުނީ ބަޗީއާއެކު މަސައްކަތްކުރާތާ އެތައް ދުވަހެއްވެފައިވާއިރު ވަރަށް ބައިވަރު އެކި ކަހަލަ ލަވަތަކެއް އުފެއްދިފައިވާ ކަމަށެވެ.

އުނޫޝާއަކީ މިހާރު ވެމްކޯގެ އެންބެސެޑާއެވެ. އެހެންކަމުން ވޭސްޓް މެނޭޖްމެންޓާ ގުޅޭ ލަވައަކުން ވަރަށް އަވަހަށް ފެނުމަކީ ކައިރި ކަމެއް ކަމަށް އުނޫޝާ ބުންޏެވެ.

ކުރިއަށް ހުރި މަސައްކަތްތައް ވެސް އުނޫޝާ ކުރަން ބޭނުންވަނީ އެކަމަށް އެކަށީގެންވާ ވަގުތުދީގެން ކޮލިޓީ މަސައްކަތްތަކެއްގެ ގޮތުގަ އެވެ. އަދި މިފަދަ ސަޕްރައިސްތަކާއި މެސެޖްތަކާ ވެސް އެކުގަ އެވެ.