ފިނިޕޭޖް

ހަބޭސްގެ އަޑު އީދުގައި ވެސް ހަބޭސް!

ރާއްޖޭގައި މިހާރު އޮތް އެންމެ ފޭން ބޭސް ބޮޑު ބޮޑުބެރު ގުރޫޕް ކަމަށްވާ، ހަބޭސް ބޮޑުބެރު ގުރޫޕްގެ ގިނަ ޝޯތަކެއް މި އީދުގައި ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ. ހަބޭސް ބޮޑުބެރު ގުރޫޕް އީދުގެ ހަތަރު ދުވަހު ހަތަރު ރަށުގައި ތިބޭއިރު ރޭ ވަނީ އީދުގެ ފުރަތަމަ ޝޯ ދީފަ އެވެ.

ހަބޭސް ބޮޑުބެރު ގުރޫޕް ފޯރިގަދަ ޝޯއެއް ހދ. ހަނިމާދޫގައި ވަނީ ރޭ ބާއްވައިފަ އެވެ. ހަބޭސްގެ މި ޝޯގައި މޯލްޑިވިއަން އައިޑޮލްގެ ތަރި މުއައްޒިން ލީޑް ވޯކަލިސްޓެއްގެ ގޮތުގައި ފެނިގެންދާ ރޮކް ބޭންޑް، ހަބޭސް ގްރެވިޓީ ވެސް ޕާފޯމްކުރި އެވެ. ހަބޭސްއިން ބުނި ގޮތުގައި ހަނިމާދޫއިން ހަބޭސްއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. ރޭ ހަނިމާދޫގައި ވަރަށް ފޯރި ނެގި ކަމަށް އެ ގުރޫޕުން ބުންޏެވެ.

ދެން ހަބޭސްގެ އަމާޒު ހިފާފައި ހުރީ ށ. ކޮމަންޑޫ ހެއްވާލުމަށެވެ. މިއަދު ކޮމަންޑޫއަށް ހަބޭސް ބޮޑުބެރު ގުރޫޕް ދާނެއިރު މިރޭ އެ ރަށުގައި ހަބޭސްގެ ފެންވަރު ދައްކާލާނެ އެވެ.

އީދު ފުރަތަމަ ރޭ ކޮމަންޑޫގައި ޝޯ ދިނުމަށްފަހު ދެވަނަ ރެއަށް ހަބޭސް ގުރޫޕް ދަނީ ހަމަ އެ އަތޮޅު ކަނޑިތީމަށެވެ. ކަނޑިތީމުގައި ވެސް ފޯރިގަދަ ޝޯއެއް ހަބޭސްއިން ދޭނެއިރު، މި ޝޯގައި ހަބޭސް ގްރެވިޓީ ވެސް ބައިވެރިވާނެ އެވެ.

އީދުގެ ތިންވަނަ ރޭ ހަބޭސް ޝޯ ދޭނީ ށ. މިލަންދޫގަ އެވެ.

ށ. އަތޮޅު ހަބޭސްގެ ޖާދޫގައި ޖައްސައި ގުގުމާލުމަށްފަހު ހަބޭސްގެ އީދުގެ ފަހު މަންޒިލަކަށް ވާނީ ބ. އޭދަފުއްޓެވެ. އެ ރަށުގައި އުރީދޫއިން ހާއްސަ އީދު ޝޯއެއް އެ ރޭ ބާއްވާނެ އެވެ. އުރީދޫއަކީ ހަބޭސް ބޮޑުބެރު ގުރޫޕްގެ ސްޕޮންސާއެކެވެ.

ހަބޭސް ބޮޑުބެރު ގުރޫޕްގެ ފޭން ބޭސް އިންތިހާއަށް އިތުރުވެފައިވާއިރު އެ ގުރޫޕަކީ މިޔުޒިކް ބޭންޑަކަށް އެންމެ ގިނަ އަދި ބޮޑެތި ސްޕޮންސާތައް ވެސް ލިބިފައިވާ ގުރޫޕެވެ. ގައުމީ އެއާލައިން، މޯލްޑިވިއަންއިން ހަބޭސްގެ ޓްރެވެލް ޕާޓުނަރުކަން ވެސް ވަނީ ނަގާފަ އެވެ. މީގެއިތުރުން ވެސް ބޮޑެތި ކުންފުނިތަކަކުން ހަބޭސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އީދުގެ ޝޯތައް ނިންމާލުމަށްފަހު މިސްރުގައި ބާއްވާ ފެސްޓިވަަލެއްގައި ޕާފޯމްކުރުމަށް ހަބޭސް ބޮޑުބެރު ގުރޫޕް މިސްރަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.