ތަފާތު ބޮޑު ނަތީޖާއެއްކަމަށްވާ 5-1އިން ވެލެންސިއާ ބަލިކޮށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މާޒިޔާ ބޮޑު ލީޑެއް ނަގައިފި އެވެ.
މި މެޗުން މޮޅުވުމުން މާޒިޔާ އެއްވަނާގައިވަނީ 37 ޕޮއިންޓާއެކުގަ އެވެ. ވެލެންސިއާ އޮތީ 20 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ. ދެ ވަނާގައިވަނީ 28 ޕޮއިންޓާއެކު އީގަލްސް އެވެ. ތިން ވަނާގައިވަނީ 27 ޕޮއިންޓާއެކު ޓީސީ އެވެ.
މިރޭގެ މެޗު މާޒިޔާއިން މެޗު ފެށީ ވެސް ގޯލަކުންނެވެ. ވެލެންސިއާގެ ކުޅުންތެރިން ތައްޔާރުނުވެތިއްބައި އަލީ އަޝްފާގް (ދަގަނޑޭ) ދެ ވަނަ މިނިޓްގައި މަޑުމަޑުން ގޯލަށް ޖެހި ބޯޅައާއެކު ހަތް ވަނަ މިނިޓްގައި ކެޕްޓަން އަސަދުﷲ އަބުދުﷲ ދެ ވަނަ ގޯލެއް ޖަހައި ނަތީޖާ ފުޅާކުރި އެވެ.
އޭގެ ފަހުން ކުޅުން ރަނގަޅުކޮށް، ވެލެންސިއާ މެޗުގެ ކޮންޓްރޯލް ހޯދައި ސުން ލަނޑުވާލީ ނައިޖީރިއާގެ މިޑްފީލްޑަރު ޗިންދާ ކަކާ ދުރުން ޖެހި ބޯޅަ ކީޕަރު އިމްރާނު މުހައްމަދަށް އަތުނުވެ ގޯލަށް ވަނުމުންނެވެ. އަދި ފުރަތަމަ ހާފުގައި ލަނޑު ޖަހަން ވެލެންސިއާއިން ރަނގަޅު ދެ ފުރުސަތު ހޯދައި ބާރު ބޯޅަތަކެއް ގޯލަށް ފޮނުވާލި އެވެ. ދެ ވަނަ ހާފު ފަށައިގެން މެޗު ކޮންޓްރޯލް ކުރީ ވެލެންސިއާ އެވެ. އެކަމަކު ފަހަތާއި ކީޕަރު މުހައްމަދު ފައިސަލަށް ހެދުނު ގޯހަކުން 52 ވަނަ މިނިޓްގައި ދަގަނޑޭ ތިން ވަނަ ލަނޑު ޖެހުމާއެކު މެޗުގެ އޮއިވަރު މުޅިން މާޒިޔާ ކޮޅަށް އެނބުރުނެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑަކީ ވެލެންސިއާގެ ޔޫސުފް ރަމީޒް އަތުން ބައިކޮޅަށް ވަން ބޯޅައެކެވެ. ފަސް ވަނަ ލަނޑު ޖެހީ އަސަދުﷲ އެވެ.
މެޗަށް ފަހު މާޒިޔާގެ ސަޕޯޓަރުންނާއި ވެލެންސިއާގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގި އެވެ. އެކަން ފެށުނީ ދަގަނޑޭ މެޗު ނިމުމާއެކު ވެލެންސިއާގެ ސަޕޯޓަރުން ކައިރިއަށް ގޮސް ވާހަކަ ދައްކަން ފެށި ހިސާބުންނެވެ. އަދި ހޫނުވުމުން އެކަން ހަމައަށް އަޅުވަން އެންމެ ބޮޑަށް އުޅުނީ ވެސް ގައުމީ ކެޕްޓަނެވެ.
ލީގުގައި މާދަމާ ރޭ ކުޅޭނީ އީގަލްސް އާއި ޓީސީ އެވެ. މާދަމާ ހަވީރު ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ބީޖީ އެވެ.