އަވަސް އެހީ

ކުއްލި ސިހުމެއް: ދަރިފުޅު ހޭނެތުނު ގޮތަށް އަދިވެސް އެ ހާލުގައި

ތުއްތު ތުއްތު ދަރިފުޅު ހޭނެތިގެން ވެއްޓުނީ މަންމަގެ އަތްދަނޑި މައްޗަށެވެ. ދަރިފުޅު ގައިން ބާރު ދޫވެގެން ދިޔައީ މަންމަގެ ދެ ލޯ ކުރިމާތިގަ އެވެ. ލޯބިން ބަލައި ބޮޑުކުރަމުން ދިޔަ ދަރިފުޅު ކުއްލިއަކަށް ބަލި އެނދަށް ދިޔައީ ބަލަބަލައި ތިއްބާ އެވެ. މި ހިތްދަތިކަމާ ކުރިމަތިލާން ޖެހުނު މަންމައަކީ މަރިޔަމް ޒައީމާ އެވެ.

މަރިޔަމް ޒައީމާ އަދި އޭނާ ފިރިމީހާ ނައުޝާދަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ނައީޝް ނައިކް ބިން ހަސަން ނައުޝާދަކީ އަދި އެންމެ ތިން އަހަރުގެ ކުއްޖެކެވެ. އެހެނަސް އުމުރަށްވުރެ ބޮޑު ބައްޔެއް ނައީޝްއަށް ވަނީ ތަހަމަލްކުރަން ޖެހިފަ އެވެ.

ނައީޝް މި ދުނިޔެއަށް އައީ ވެސް ވަރަށް އަވަހަށެވެ. އޭނާ ވިހެއީ ދުވަސްނުފުރާ އެވެ. ނައީޝް ވިހެއީ ޒައީމާގެ ބަނޑަށް ހަ މަހާއި 13 ދުވަސްވިތަނާ އެވެ. އޭނާ ވިހޭއިރު ބައެއް ގުނަވަންތައް ފުރިހަމަވެސް ނުވެ އެވެ.

ނައީޝްއަކީ ލޭ އަޅަން ޖެހޭ ކުއްޖެކެވެ. އުމުރުން ވަރަށް ޅައިރު އޭނާގެ ހިތުގައި ލޯވަޅެއް ހުރިކަން އެނގުނެވެ. އަދި އޭނާގެ ނޭވާ ހިއްލުމުގެ މައްސަލަތަކެއް ވެސް ދިމާވި އެވެ. އެއީ ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ދަރިފުޅަށް ހަ މަސް ވީއިރު ޒައީމާއަށް ނޭވާއެއް ލެވުނެވެ. ނައީޝްގެ ހިތުގައި ހުރި ލޯވަޅު ބެނދުނެވެ. އެހެނަސް ނޭވާ ހިއްލުމެއް ރަނގަޅެއް ނުވެ އެވެ. ހާސްވެ ނޭވާކުރުވުން ފަދަ ކަންކަމާ ނައީޝް ދިޔައީ ކުރިމަތިލަމުންނެވެ.

މިފަދަ އެތައް ކަމެއް ތަހައްމަލުކުރަމުން ވެސް ނައީޝް ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގަ އެވެ. މަންމައާއި ބައްޕަގެ ލޮލުގެ ކޮއި ފަދައިންނެވެ. އެހާވެސް ލޯބިން އުޅެމުންދިޔަ މި އާއިލާއަށް ބޯކަޅު ވިލާގަނޑަކާ ކުރިމަތިލާން ޖެހުނީ ވިސްނާ ވެސް ނުލާ ތިއްބާ އެވެ.

މި މަހުގެ ކުރީކޮޅެވެ. ނައީޝް އަވަދި ނެތި އުޅުނީ އޭނާ ވަރަށް ލޯބިކުރާ ކަމެއް ކަމަށްވާ ސެލްފީ ނެގުމުގަ އެވެ. ޒައީމާއާއެކު ސެލްފީ ނެގުމަށްފަހު އެނދުމަތީ މަންމައާއެކު އޮވެ، މަންމަ ގައިގާ ބައްދާލުމަށްފަހު ނައީޝް ދިޔައީ ފެންވަރާށެވެ. ކުރިމަތީ އޮތީ ކިހާ ބޮޑު ތޫފާނެއް ކަމެއް ޒައީމާއަށް އަދި ނައީޝްއަށް ވެސް ނޭނގެ އެވެ.

ފެންވަރުވަން ނައީޝް ފާހަނާގެ ތަޅުންމަތީ ބެހެއްޓުމުން އޭނާގެ ގައިން ވަރުދޫވާން ފެށި އެވެ. މޫނު މައްޗަށް އަދިރިވާން ވެސް ފެށި އެވެ. ފެންވެރުވުމަށްފަހު ނައީޝްއަށް ކާންދިނުމަށް ބޭންދުމުން ކާއެއްޗެއް ހަފާލާނެ ވަރު ވެސް އެ ކުޑަކުޑަ ޖިސްމުގައި ނެތެވެ.

ދެން ޒައީމާގެ ހިތް ފަޅައިގެން ދިޔަ އެވެ. ތުއްތު ނައީޝްގެ ލޯމެރި ހަބަރު ހުސްވީ އެވެ. ރަށު ހޮސްޕިޓަލަށް ނައީޝް ދެއްކުމާއެކު ޑޮކްޓަރުން އެންގީ ވަގުތުން މާލެ ދިޔުމަށެވެ. ނައީޝް މާލެ ގެނައީ ސިފައިންގެ ހެލިކަޕްޓަރެއްގަ އެވެ. ނައީޝް އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތަކާއި ސްކޭންތައް ހެއްދި އެވެ.

އޭގެ ނަތީޖާއިން ނައީޝްގެ ޒުވާން މައިންބަފައިންގެ ފައި ދަށުން ބިންގަނޑު ދަމައިގެން ދިޔަ ކަހަލަ އެވެ. އެ މައިންބަފައިން ރޮއްވާލި އެވެ. ޓެސްޓްތަކާއި ސްކޭންތަކުގެ ނަތީޖާއިން އެނގުނީ ނައީޝްގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާ ކަމެވެ. އަދި އޭގެ ސަބަބުން ނައީޝް ކޮންމެ ވަގުތެއްގައި ވެސް ނޭވާލުން ހުއްޓާލަދާނެ ކަމެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުން ނައީޝްއާމެދު މާބޮޑު އުއްމީދެއް ނެތް ކަމަށް ބުނި ނަމަވެސް އެ ޑޮކްޓަރުންގެ ލަފާގެ މަތިން ނައީޝް މިހާރު ވަނީ އިންޑިއާގެ ކޮޗިންއަށް ގެންގޮސްފަ އެވެ. ނައީޝްގެ ޓިއުމަރު ނެގުމަށް އޮޕަރޭޝަން ކުރުމަށް ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ދަނީ މަސައްކަތްކުރަމުންނެވެ.

ނައީޝްގެ ބައްޕަ ނައުޝާދު ބުނީ، އިއްޔެ ވެސް ނައީޝްގެ އޮޕަރޭޝަން ކުރުމަށް ބައެއް ޓެސްޓްތައް ހެދުމަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެކަން ކުރެވޭ ގޮތެއް ނުވި އެވެ. އެއީ ނައީޝް ވަރަށް ބޮޑަށް ހުން އައިފައިވުމުން ކަމަށް ނައުޝާދު ބުންޏެވެ.

ޓިއުމަރު އުފެދިފައިވަނީ ނައީޝްގެ ސިކުނޑީގެ ވަރަށް އެތެރޭގަ އެވެ. އެ ޓިއުމަރުގެ ސަބަބުން ނައީޝްގެ ގުނަވަނަކަށްފަހު ގުނަވަނެއް މަސައްކަތްކުރުން ހުއްޓެމުންދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އަދި ޓިއުމަރު އެއްކޮށް ނުނެގެނީސް ނައީޝް ރަނގަޅުނުވާނެ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ނައީޝްގެ ހާލަތު ކުރިއަށްވުރެ އެތައް ތަނެއް ގޯސްވެފައިވާއިރު ޑޮކްޓަރުން ގެންދަނީ 24 ގަޑިއިރު ނައީޝްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރަމުންނެވެ. އެ ޑޮކްޓަރުން އަދިވެސް ތިބީ އުއްމީދުގަ އެވެ.

ނައީޝްގެ މަންމަ އާއި ބައްޕަ ވެސް ތިބީ ނައީޝް ރަނގަޅުވާނެ ކަމުގެ އުއްމީދުގަ އެވެ. އެ ދުވަހު ލޯމަރާލި ގޮތަށް އަދިވެސް ނައީޝް ލޯ ނުހުޅުވަ އެވެ. އެއެއްވެސް ހަރަކާތެއް ވެސް ނުކުރެ އެވެ. އެހެންނަމަވެސް އަދި ގޭތެރޭގައި ސަކަރާތް ޖަހައި، މަންމަ އާއި ބައްޕައާއެކު ސެލްފީ ނެގުމަށް ނައީޝް ދުމެ ފުމޭ މަންޒަރު ބެލުމަށް އެ ދެމަފިރިން ތިބީ ކެތްމަދުވެފަ އެވެ.

އެހީއެއް ދެއްވުމަށް:

  • ބީއެމްއެލް އެކައުންޓް ނަމްބަރު (ރުފިޔާ): 7701129929101 ނަން: ހަސަން ނައުޝާދު
  • ބީއެމްއެލް އެކައުންޓް ނަމްބަރު (ޑޮލަރު): 7701276854101 ނަން: ޝަހީދާ އިސްމާއިލް
  • ގުޅޭނެ ނަމްބަރު: 9164616 / 917736839602