ލައިފްސްޓައިލް

ސެލްފީ ނެގުމާ ދެކޮޅީ ކާކު؟ އެއީ އުފާކޮށްދޭ ކަމެއް!

ސެލްފީއެއް ނަގައިނުލައި އުޅުމަކީ މިހާރު ހަމަ އެކަކަށް ވެސް ކުޅަދާނެ ކަމެއް ނޫނެވެ. ސެލްފީ ނެގުން މިހާރު ވަނީ އާންމު ކަމަކަށްވެ މަޖުބޫރު ކަމަކަށްވެސްވެފަ އެވެ. ތަނަކަށް ކާން އެރިޔަސް، ރައްޓެހިންނާ ނުވަތަ އާއިލާއާ ބައްދަލުވިޔަސް ސެލްފީ ނަގައި ރައްކާކޮށްލުން މިހާރު ވަރަށް މުހިންމެވެ.

މިކަމުގައި ހަމަ އެއްވެސް ގޯހެއް ނެތެވެ. ވަރަށް ރަނގަޅެވެ. ސެލްފީ ނެގުމަކީ ރަނގަޅު ކަމެއް ކަމަށް ސައިންސްވެރިން ވެސް މިވަނީ ބުނެފަ އެވެ. އެމީހުން ބުނާގޮތުން ސެލްފީއެއް ނަގައި، ރައްޓެހިންގެ މެދުގައި އެ ހިއްސާކޮށްލުމުން ތިމާގެ މޫޑް ރަނގަޅުވެ އުފާކޮށްދެ އެވެ.

މިކަމާ ގުޅޭ ގޮތުން އެންމެ ފަހުން ދިރާސާއެއް ހަދާފައިމިވަނީ ކެލެފޯނިއާގެ ޔުނިވާސިޓީއަކުންނެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ފޯނުން ފޮޓޯއެއް ނަގައި، އެ ޝެއާކުރުމުން އެ ފޮޓޯގައި ތިބޭ މީހުންނަށް އާދަޔާ ހިލާފު އުފާވެރިކަމެއް ލިއްބައިދެ އެވެ.

މި ދިރާސާގައި އިސްކޮށް އުޅުނު ޔޫ ޖެން އަދި އޭނާގެ ޓީމުން ވަނީ ހަތަރު ހަފުތާގެ މުއްދަތަށް ބަހާލައިގެން މި ދިރާސާ ހަދާފަ އެވެ. ދިރާސާގައި ބައިވެރިކުރީ 41 ކޮލެޖް ދަރިވަރުންނެވެ. އެއީ، 28 އަންހެން ކުދިންނާއި 13 ފިރިހެން ކުދިންނެވެ. މި ކުދިންނަށް އާންމުކޮށް ދިރިއުޅުމުގައި ކޮށް އުޅޭ މިސާލަކަށް ކުލާހަށް ދިޔުމާއި ހޯމް ވޯކް ހެދުމާއި ރައްޓެހިންނާ ބައްދަލުކުރުން ފަދަ ކަންކަން ކުރުމަށް އެންގި އެވެ.

އަދި، ހާއްސަ އިންޓަވިއުއެއް ކުރުމަށް އެ ކުދިން ލެބަށް ގެނަ އެވެ. އެއަށްފަހު އެ ކުދިންނަށް މަސައްކަތެއް ހަވާލުކުރި އެވެ. ތިން ގުރޫކަށް ކުދިން ބަހާލުމަށްފަހު އެއް ގުރޫޕަށް ސެލްފީ ނެގުމަށް އެންގި އެވެ. އަނެއް ގުރޫޕަށް ތިމާ އުފާކޮށްދޭ ކޮންމެ ވެސް އެއްޗެއްގެ ފޮޓޯ ނެގުމަށް އެންގި އެވެ. ތިންވަނަ ގުރޫޕަށް އެންގީ އެހެން މީހަކު އުފާކޮށްދޭނެ އެއްޗެއްގެ ފޮޓޯ ނަގައި އެ މީހަކަށް އެ ފޮނުވުމަށެވެ.

މި ތިން ގުރޫޕްގެ ތެރެއިން ސެލްފީ ނެގި ގުރޫޕްގެ ކުދިން އެ ސެލްފީތައް ބެލުމަށްފަހު އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެގެން ދިޔަކަން ފާހަގަވާ ކަމަށް ދިރާސާގައިވެ އެވެ.

ދެން ތިބި ދެ ގުރޫޕުން ނެގި ފޮޓޯތަކުން ވެސް އުފާވެރިކަން ގެނެސްދިނެވެ. އެހެނަސް އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިނީ ސެލްފީތަކުން ކަމަށް ދިރާސާގައިވެ އެވެ.

ސެލްފީއަކީ ގިނަ ފަހަރަށް ތިމާ އެ ބަޔަކު ދެކެ ލޯބިވާ ނުވަތަ ތާއިދުކުރާ މީހަކާއެކު ނަގާ އެއްޗެކެވެ. ނޫނީ، އަމިއްލަ ނަފުސުގެ ފޮޓޯއެކެވެ. އެހެންކަމުން ސެލްފީއިން އަބަދުވެސް ތިމާ އުފާކޮށްދެ އެވެ. އެއިން ހިތްހަމަ ޖެހުން ލިބެ އެވެ.