މިހާތަނަށް ގިނަބަޔަކު ހީކޮށްގެންތިބީ ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ވޮލީ އެސޯސިއޭޝަނަކީ ރަނގަޅަށް ހިނގަމުން އައި ތަނެއް ކަމުގަ އެވެ. ނަމަވެސް ރައީސް މުހައްމަދު ރިޔާޒާއި މުހައްމަދު ނަޝީދު (ކާނަލް) ވާދަކުރި އިންތިހާބުގައި ދެ ފަހަރު ވޯޓުލައިގެން ވެސް ދެމީހުން އެއްވަރުވުމުން އެކްސްކޯގެ މެމްބަރުން ވޯޓުލައިގެން ތިން ވަނަ ދައުރަކަށް ރިޔާޒް ހޮވުމާއެކު ވޮލީބޯޅަ ފަޅައިގެންދިޔައީ އެވެ. މަންޒަރުމިވަނީ މުޅިން ބަދަލުވެފަ އެވެ. އެންމެ މައްސަލަ ބޮޑުތަނަކަށް މިހާރު ވެފައިމިވަނީ ވޮލީ އެސޯސިއޭޝަނެވެ. މިއިން ދުވަހަކު ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް އަމާޒުނުވާހާ ބޮޑެތި ތުހުމަތުތައް ވޮލީ އަށް ވަނީ އަމާޒުވެފަ އެވެ. މައްސަލައަކީ ކޮބާ ހެއްްޔެވެ؟
ވޮލީގެ ކަންކަން ރަނގަޅަށް ބަލައި ހަދާ އެކި ފަރާތްތަކުން ދައްކާ ވާހަކަތަކުގައި ބުރަދަންހުރި ވާހަކަތަކާއި ނެތް ވާހަކަތައް ވެސް އެބަހުއްޓެވެ. އެވާހަކަތަކަށް ރަނގަޅަށް ކިރާލުމުން ވިސްނުނީ އެންމެ ކަމެކެވެ. މިއަހަރު ކުރީކޮޅު ބޭއްވި ވޮލީ އެސޯސިއޭޝަނުގެ އިންތިހާބަކީ ގޯސް އިންތިހާބެއް ކަމެވެ. އެކަމަކު ހޯމް މިނިސްޓަރީ އާއި ކުޅިވަރުގެ ގައުމީ މަޖިލީހުން ވެސް ކޮންމެވެސް ސަބަބަކާހުރެ އެއިރު އަނގައިން ބުނަން ބޭނުންނުވީ އެވެ. މާފަހުން އެއިންތިހާބު ގޯސްކަމަށް ނިންމައި ކަންކަން އިސްލާހު ކުރަންފެށީ ވެސް ސަބަބެއް މެދުވެރިވެގެންނެވެ. އޭގެ ކުރިން އެއިންތިހާބު ގޯސްކަމަށް ސާފު ހެއްކާއެކު ބުނަމުންދިޔަ މީހުންގެ ވާހަކަތަކަށް ދެމުންއައީ ބީރު ކަންފަތެކެވެ.
އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި އަބަދުވެސް ނުފޫޒު ފޯރުވާ ކަމަށް ވާހަކަދެކެވެ އެވެ. އެއިރެއްގައި އެސޯސިއޭޝަނުގައި ތިބޭ މީހުން އަބަދުވެސް ގޯސްހަދާކަމަށާއި ބާރުގެ ބޭނުންކުރާ ކަމަށް އިދިކޮޅަށް ނުކުންނަ މީހުން ބުނެ އެވެ. އެކަމަކު އެކަންކަން ބަލާ ނުހެދެނީ އެސޯސިއޭޝަނުގައި ތިބޭ އެންމެން އެއްޓީމަކަށް ކުޅޭތީ އެވެ. ވޮލީ އެސޯސިއޭޝަން މިފަހަރު ދިމާވީ މިއާއިދިކޮޅެވެ. ރިޔާޒް ތިން ވަނަ ދައުރަކަށް އިންތިހާބުވި ނަމަވެސް އޭނާއަށް ހުރިހާ ބޮނޑިއެއްލިބުނީ އެސޯސިއޭޝަނުގައި މަސައްކަތް ކުރަމުންއައި އޭނާގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ދެކޮޅު ދެކޮޅަށް ކުޅެން ފެށުމުންނެވެ.
ހޯމް މިނިސްޓްރީން ގޯސްކަމަށް ނިންމައި ކެންސަލްކުރި ވޮލީ އެސޯސިއޭޝަނުގެ އިންތިހާބުގައި ގިނަ މައްސަލަތަކެއްހުއްޓެވެ. ގަވާއިދާ ހިލާފަށް ބައެއް ކުލަބުތަކަށް ވޯޓުލާން ފުރުސަތުދިނީ އެވެ. އިދިކޮޅު ޓީމަށް ވޯޓުލާތީވެ ބައެއް ކުލަބުތަކަށް ވޯޓުލާން ފުރުސަތު ނުދިނީ އެވެ. އަހަރީ ޗަންދާ ނުދައްކާ ކަމަށް ބުނެ ބައެއް ކުލަބުތައް ޝަރުތުހަމަނުވާ ކަމަށްވެސް ނިންމީ އެވެ. އެކަމަކު މިފަދަ އެތައް ކަމެއް ކޮށްފައިވަނީ ގޯސްކޮށްކަން ފަޅާއެރީ އެސޯސިއޭޝަން ތެރޭގައި އުފެދުނު ވާދަވެރިކަމުގައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ލިޔެކިއުމުން ހެކިދައްކަން ފެށުމުންނެވެ. ގަޑިޖެހުނު ފަހުން ބަލައިގެން ފޯމުތަކާއި މުއްދަތު ހަމަވި ފަހުން ޗަންދާ ދެއްކި ކުލަބުތަކުގެ ފައިސާގެ ރަސީދާއި އެނޫން ވެސް އެތައް ލިޔެކިއުމެއް ތިލަކޮށްލީ އެވެ. މިހެކިތަކާއެކު މައްސަލަ ކޯޓަށް ވެސް ވެއްދީ އެވެ.
ވޮލީ އެސޯސިއޭޝަނުގެ ރައީސް ރިޔާޒަށް ގޮތް ހުސްވި ކަމަށް ގަބޫލު ކުރެވެނީ އޭނާއާ ދެކޮޅަށް އެތައް ހެކިތަކެއް އެސޯސިއޭޝަން ތެރެއިން ލިޔެކިއުމުން ބޭރުވާން ފެށުމުންނެވެ. ހަމަމިއާއެކު ކޮންމެވެސް ސަބަބަކާހުރެ ކުރިން އޮތް އިތުބާރާއި "ބާރު" ވެސް ނެތި ދިއުމުންނެވެ. އެހެންނޫންނަމަ އިންތިހާބު ކޮންމެ ގޮތަކަށް ބޭއްވި ނަމަވެސް އޭނާގެ ހަމަލާތައް ބްލޮކޮށްނުކުރެވޭނެ އެވެ.
އެކަމަކު ފާއިތުވެދިޔަ އަށް އަހަރު ވޮލީ އެސޯސިއޭޝަން ހިންގާފައިވާ ގޮތުން ވޮލީގެ ނަން މަޝްހޫރު އަދި ނުފޫޒުގަދަ ގިނަ ބަޔަކު ތިބީ ރިޔާޒާ ދުރުގަ އެެވެ. އޭގެ ތެރޭގައި ތަޖުރިބާކާރު ކޯޗުން ކަމަށްވާ މާޒް އަހުމަދު ސަލީމާއި، އިބްރާހީމް ރަޝީދު (ސަތޯ) އާއި މުހައްމަދު ނަދީމް ފާހަގަކޮށްލެވެ އެވެ. ވޮލީކުލަބުތައް ހިންގެވުމުގައި އަބަދުވެސް އުޅުއްވާ ކުރީގެ ކުޅުންތެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ލަތީފް ވެސް ހުރީ މޫނު އަބުރާލައިގެންނެވެ. ކުރީގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ވޮލީ ކޯޓުން ބޭރުގައި ހުންނަތާ އެތައް އަހަރެއްވެއްޖެ އެވެ.
މިފަދަ ތަޖުރިބާކާރުން ދުރުގައި ތިބޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. މިސާލަކަށް ސަތޯ ނަގަމާ ހިނގާށެވެ. ދޭތެރެދޭތެރެއިން ސަސްޕެންޝަންތައް ކުރިމަތިވިޔަސް އޭނާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެކެވެ. އެކަމަކު އެސޯސިއޭޝަނަށް ފާޑުކިޔާމީހަކަށްވާތީވެ ސަތޯގެ ޓީމަށް ޗެމްޕިއަންކަން ލިބުނަސް އޭނާ އަށް އެންމެ މޮޅު ކޯޗުކަން ކޮންމެވެސް ބަހަނާއެއް ދައްކާފައި ނުދެނީ އެވެ. އެ މަގާމު އޭނާ އަށް ދޭ ފަހަރުތަކުގައި މަގާމާއެކު ދޭން ޖެހޭ އިނާމް ނުދެނީ އެވެ. ސަތޯ އަށް މޮޅު ކޯޗުކަން ލިބުމުން ބައެއް ފަހަރު ދެނީ ސެޓްފިކެޓް އެކަންޏެވެ. އެއާއެކު ދޭން ކަނޑައަޅާފައިވާ ޓްރޮފީ ނުދެ އެވެ. މިއީ ހަގީގަތުގައި ވެސް ކަންހިނގާފައި ހުރި ގޮތެވެ.
ގައުމީ ޓީމަށް ކޯޗުން ނެގުމުގައި ވެސް ތަފާތު ކުރުން އޮންނަ ކަމަށް ވޮލީ ކޯޗުން ތަފާތު އެކި ފަހަރުތަކުގައި ބުނެފައި އެބަހުއްޓެވެ. ކުޅުންތެރިން ވެސް އެސޯސިއޭޝަނުގެ ވެރިންނާ ބެހޭ ގޮތުން ތަފާތު އެކި ޝަކުވާ އިންތިހާ އަށް ކުރެ އެވެ. ކެންސަލްކުރި އިންތިހާބަށް ފަހު ބޭއްވި އެކްސްކޯ ބައްދަލުވުމުގައި އިދިކޮޅަށް ވޯޓުލީ ބައެއް ކުލަބުތަކުގެ މެމްބަޝިޕް ވެސް ވަނީ ނިގުޅައިގެންފަ އެވެ. ޖެނެރަލް ސެކްރެޓަރީ ގައުމުން ބޭރުގައި ބަހައްޓާފައި އެސޯސިއޭޝަން ހިންގާތާ އަހަރެއްވަނީ އެވެ. ބަޖެޓްގެ ބޭނުން ވެސް ރަނގަޅުގޮތުގައި ކުރެވިފައި ނެތީ އެވެ. ރާއްޖޭން ބޭރުން ކާމިޔާބު ހޯދާ ވޮލީ ޓީމަށް ސަރުކާރުންދޭ އިނާމް ފައިސާ ހޯދަން އެދޭއިރު ޓީމުގައި ނުހިމެނޭ މީހުން ވެސް ހިމަނައިގެން ލިސްޓު އެކުލަވާލާފައިވާކަން ފަދަ އެތައް ކަމެއް ކޮށްފައިވާކަން ވާހަކަތައް އާއްމުކޮށް ދައްކަންފެށީ ސީދާ އެސޯސިއޭޝަން ތެރެއިންނެވެ. ވޮލީގެ ދަތުރުތަކުގައި މީޑިޔާ ބައިވެރިކުރުން ވެސް އޮތީ ބޮއްސުންލާފަ އެވެ.
ހަގީގަތަކީ ވޮލީގެ އިންތިހާބީ ފުރަތަމަ ދައުރު ރަނގަޅަށް ދިޔަ ނަމަވެސް ފަހު ދައުރުގައި ކަންކަން ރަނގަޅު ނުކުރެވޭ ވަރަށް އެސޯސިއޭޝަން ބޮއްސުންލާފައި އޮތުމެވެ. ގައުމީ ޓީމު ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް އާ މެނޭޖްމަންޓަކުން ވަރަށް ހިތްވަރުކޮށްގެން ނޫނީ ބާރު ޝޮޓެއް ނުޖެހޭވަރަށް ވޮލީގެ މިހާރު އޮތީ ހިނދިފަ އެވެ.