ރިޕޯޓް

އީދު ހަރަދުތައް މިލިއަނަށްވުރެ މާމަތީގައި!

  • އީދު ފާހަގަ ކުރަން ލ. އަތޮޅުގައި ބޮޑު ހޭދައެއް
  • އަމިއްލަ ފަރުދުންގެ އީދު ހަރަދުވެސް މަތީގައި
  • ގިނަ ބަޔަކު މި އަހަރުގެ އީދުގައި ބޭރަށް ދިޔަ

އީދުގައި އެއްބަޔަކު ދިޔައީ ރާއްޖޭގެ ރަށް ރަށަށެވެ. އަނެއް ބަޔަކު ފުރީ ބޭރަށެވެ. ފުރަމުން ވެސް ގިނަ މީހުން ބުނަމުން ދިޔައީ މިހެންނެވެ، "އަތްމަތި ވަރަށް ދަތިކޮށް މި އުޅެނީ!... ގޭގެ ކުލި ދައްކާލާނެ ފަދަ ވެސް ނެތް!" ނަމަވެސް އީދުގެ މަޖާ ގަނޑު ހިނދި، ރަނގަޅަށް ހަމަނޭވާ ލެވުމުން ބަލައިލިއިރު އެނގުނީ އީދަށް މި މީހުން ކޮށްލި ހަރަދު ލައްކަ މަތި ކަމެވެ. މި އަހަރުގެ އީދު ފާހަގަ ކުރުމަށް މިލިއަނުން ދިވެހިން ހޭދަކޮށްލާފައިވެ އެވެ.

"އާއިލާގެ 15 މެންބަރުންނާއެކު ސްރީލަންކާ އަށް ދިޔައީ. މި ދަތުރުގެ ހޭދަ ގާތްގަނޑަކަށް ބައިލައްކަ އެއްހާ ރުފިޔާ ދިޔަ،" އީދު ޗުއްޓީގައި ސްރީލަންކާ އަށް ދިޔަ މުހައްމަދު ރަޝީދުގެ އަންދާޒާއަކީ މިއީ އެވެ.

ހަމަ ޔަގީނުން ވެސް މި އަހަރުގެ އީދު ޗުއްޓީ ވާނީ ދިވެހިންގެ ހޭދަ އެންމެ މަތިވި އަހަރަށެވެ. އަތުގައި ފައިސާއެއް ނެތޭ، ބުންޏަސް އީދު ޗުއްޓީގެ ހޭދަ އުޅެނީ އަތް ނުފޯރާ ފަށުގަ އެވެ. މީގެ ހެއްކަކީ ދަތުރުފަތުރަށް އީދުގައި އެރި ބާރެވެ. އެތެރެރޭގައި އުދުހުން ތަކަށް ބަލައިލާއިރު، މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލަކަށް އިތުރު ފްލައިޓް އަޅަން މަޖުބޫރުވި އެވެ.

އީދު ޗުއްޓީ އަށް ދަތުރުކުރާ މީހުންގެ ގިނަވުމުގެ ސަބަބުން މި އަހަރުގެ އީދު ފާހަގަ ކުރި ލ. އަތޮޅަށް އާއްމު ޝެޑިއުލްގެ ބޭރުން ކޮންމެ ދުވަހަކު 10 ފްލައިޓު ބޭއްވި އެވެ. ފުވައްމުލަކާއި އައްޑޫ އަދި ތ. ވިލުފުއްޓަށް ދުވާލަކު ހަތަރު ފްލައިޓް ބޭއްވި އެވެ. މީގެ އިތުރުން ކަނޑުގެ ދަތުރުފަތުރަށް ބަލާއިރު 6،000ރ. އަށް ސްޕީޑް ލޯންޗް ހިފާލައިގެން މާފުށީ ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކޮށްލަން ދިޔަ އެތައް ބަޔަކު ވެސް އެބަތިއްބެވެ.

މި ވަރުން ނިމުނީ އެއް ނޫނެވެ. ރާއްޖޭގައި ލޯކަލް ޕެކޭޖު ވިއްކާ ހުރިހާ ރިސޯޓަކާއި ހުރިހާ ގެސްޓް ހައުސްތައް ވެސް ފުރާލީ ދިވެހިންނެވެ. މާލެ ކައިރީގައި ބައެއް ރިސޯޓުތައް ކަމަށްވާ ކުޑަ ބަނޑޮހާއި ކުރުނބާ މޯލްޑިވްސް، ޕެރަޑައިސް އައިލެންޑް ރިސޯޓާއި މީރު އައިލެންޑް ރިސޯޓު ފަދަ ރިސޯޓުތައް ފުރައިލީ ދިވެހިންނެވެ. އަދި މި އަށް ވުރެ ދުރަށް ދާނަމަ ސަން އައިލެންޑަށް އާއިލާއާއެކު ދަތުރުކުރި މީހުން ވެސް މަދެއް ނޫނެވެ.

އަދި ރާއްޖޭގައި 300 އެއްހާ ގެސްޓް ހައުސްތައް ވެސް ދިވެހިން ފުރައިލީ އެވެ. މި ތަންތަނުގައި އަގުތައް ހުރި ގޮތަށް ބަލާއިރު ރިސޯޓުތަކުގެ ރޭޓް އުޅެނީ 100-150 ޑޮލަރު (1،542-2،313ރ.) ގަ އެވެ. އަދި ގެސްޓް ހައުސްތަކުގެ އަގުތައް ވެސް ހުރީ ގާތްގަނޑަކަށް މި އަގުގަ އެވެ.

މިއީ ހަމައެކަނި އެތެރޭގެ އުދުހުންތަކާއި ރާއްޖޭއި ޗުއްޓީ ހޭދަ ކުރުމަށް ދިވެހިން ކުރި ހޭދަ އެވެ؛ މި އަހަރުގެ އީދާ ދިމާކޮށް އަވަށްޓެރި ގައުމުތަކަށް ދިޔަ ދިވެހިން ވެސް މަދެއް ނޫނެވެ. ރާއްޖޭން ބޭރަށް ދަތުރު ކުރި މީހުންގެ ސީދާ އަދަދެއް ރަސްމީ އިދާރާ އަކުން އަދި ނުބުނި ނަމަވެސް، މިދިޔަ އަހަރުގެ ބޮޑު ޗުއްޓީގައި ރާއްޖެ އިން ބޭރަށް ދިޔަ 3،891 މީހުނަށް ވުރެ މި އަހަރު އެންމެ ތަންފުކެއް ވެސް މަދުނުވާނެކަން އެނގެ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ދިވެހިން ގޮސްފައިވަނީ އަވަށްޓެރި ސްރީލަންކާ އަށެވެ. މި އަހަރު ވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. އެ ގައުމަށް މިދިޔަ އަހަރު 1،579 މީހުން ދިޔަ އެވެ. މި އަހަރު މި އަދަދު ދެގުނަ އިތުރުވާނެ ކަމަށް އަންދާޒާ ކުރެ އެވެ. މިކަން އެނގެނީ އެއާލައިން ތަކުން ލިބޭ މައުލޫމާތަކަށް ބަލާއިރު އެވެ. މިގޮތުން މި އަހަރު ސްރީލަންކާ އަށް އެކަނި ވެސް 2،000 ދިވެހިން ދާނެ ކަމަށް އަންދާޒާ ކުރެ އެވެ. އެވްރެޖުކޮށް ސްރީލަންކާ އަށް ދަތުރުކުރާ މީހަކު 515 ޑޮލަރު (ގާތްގަނޑަކަށް 7،941ރ.) ހޭދަ ކުރާ ކަމަށް މަރުކަޒީ ބޭންކުގެ ދިރާސާގައިވެ އެވެ.

ރަށު ފެންވަރުގައި ވެސް ބޮޑު ހޭދައެއް!

ވަކިވަކި ފަރުދުންގެ އިތުރުން މި އަހަރަކީ އީދުގެ ފޯރި މުޅިރާއްޖޭގައިވެސް އެންމެ ގަދަ އެއް އަހަރެވެ. މި އަހަރުގެ އީދު ރަސްމީކޮށް ފާހަގަ ކޮށްފައިވަނީ ލ. ފޮނަދޫގަ އެވެ. ފޮނަދު އަށް އެކަނި ވެސް ބޭރުން 4،000 މީހުން ދަތުުރުކުރި ކަމަށްވެ އެވެ. މީގެ ތެރޭގައި މާލޭން ދިޔަ މީހުން މަދެއްނޫނެވެ.

ފޮނަދޫ ކައުންސިލްގެ މެންބަރު އިބްރާހިމް ޝާހިދު ވިދާޅުވި ގޮތުގައި އީދުގެ ފޯރި މި އަހަރު ވަރަށް ގަދަ އެވެ. މި އަހަރުގެ އީދަށް ކުރި ހޭދަ އެއް މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ.

"އީދުގެ ހޭދަ އުޅޭނީ މިލިއަނުން މަތީގައި. މި ކަމަށް ފައިސާ ހޯދީ ސްޕޮންސަރުންގެ ފަރާތުނާއި ހެޔޮ އެދޭ ފަރާތްތަކުން،" ޝާހިދު ވިދާޅުވި އެވެ.

މިއީ، އީދު ރަސްމީކޮށް މި އަހަރުގެ އީދު ފާހަގަ ކުރި ފޮނަދޫގައި ކުރި ހޭދައެވެ. މީގެ އިތުރުން ހދ. ހަނިމާދޫ އިން ނުވަ ލައްކަ ރުފިޔާ ހޭދަ ކުރުމަށް ފާސް ކުރި އެވެ. ނަމަވެސް މި ހޭދަކުރިކަން ޔަގީނެއްނުވެ އެވެ. އަދި ވިޔަފާރިވެރިންގެ ބޮޑު އެހީތެރިކަމަކާއެކު ހދ. ކުޅުދުއްފުށްޓާއި ކުރިނބީގައި ވެސް އީދުގެ ފޯރިވަރަށް ގަދަ އެވެ.

ކުޅުދުއްފުށީގައި އީދު ޝޯއެއް ނެތްނަމަވެސް، ގިނަ ހަރަކާތް ތަކެއް ބޭއްވި އެވެ. އެ ރަށަށް ރަށުން ބޭރުން 2،000 މީހުން އަރާނެ ކަމަށް މި ހަރަކާތްތައް އިންތިޒާމުކުރި މީހުން ބުނެ އެވެ. މި ރަށުގައި ފައިގަތަޅާ މުބާރާތަކާއި ބީޗު ފުޅުބޯޅަ އަދި ކުރިން އެ ރަށުގައި ކުޅެއުޅުނު ރަށުބަހުންނަމަ "ރުނގުބީ" ގެ އިތުރުން ގިނަ ކުޅިވަރު ތަކެއް ވެސް ބޭއްވި އެވެ. މި ކުޅިވަރުތަކަށް ލައްކަ އެއްހާ ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

"ވަރަށް ކުދިކުދި ކަންކަމުން ފެށިގެން ހޭދަ ކުރެވުނު. މިގޮތަށް އަންދާޒާ ކުރެވޭ ގޮތުގައި ލައްކަ އަކަށް އަރާނެ،" ކުޅުދުއްފުށީ، "އީދު މަޖާ ޓީމް" ގެ އޮފިޝަލަކު ބުންޏެވެ.

ކޮންމެއަކަސް މި އަހަރުގެ އީދަކީ ދިވެހިން އެންމެ ބޮޑު ހޭދައެއް ކުރި އެއް އަހަރަށްވާނެ އެވެ. މި އަހަރު ދިވެހިންގެ އީދުގެ ހަރަދުތައް އެއްކޮށްލާއިރު އުޅެނީ މިލިއަން ރުފިޔާ އިން މަތީގަ އެވެ.