ރިޕޯޓް

އީދު ޗުއްޓީއަށްފަހު، މާދަމާ މަސައްކަތަށް!

އީދު ޗުއްޓީއާއެކު މާލެއިން ބޭރަށް ދިޔަ އެތަކެއް ހާސް މީހުންނަށް މިހާރު ތިބޭނީ ހަމަ ނޭވާލެވިފަ އެވެ. ބޮޑު އީދާ ގުޅިގެން ލިބުނު ނުވަ ދުވަހުގެ ބޮޑު ބަންދުގައި އާއިލާއާއެކު އުފަން ރަށުގައި އެތައް ބަޔަކު މަޖާ ނަގައިފި އެވެ. ރާއްޖެއިން ބޭރުގައި އުފާކޮށްފި އެވެ. ދޮންވެލި ގޮނޑުދޮށްތަކުގައި މުޅި ދުވަސް ހޭދަކުރި މީހުން ވެސް މަދެއް ނުވާނެ އެވެ. އެކަމަކު އީދު ޗުއްޓީ ނިމުނީ އެވެ. ދެން އޮތީ އަނެއްކާވެސް މަސައްކަތަށް ނުކުތުމެވެ.

އީދު ޗުއްޓީ ހިތްފުރޭ ވަރަށް މަޖާކުރެވުނު ނަމަވެސް ނުވަތަ ނޫން ނަމަވެސް މާދަމާ އޮފީސްތައް ހުޅުވެ އެވެ. ސްކޫލްތައް ވެސް ފެށޭނެ އެވެ. މި ނިމިދިޔަ ހަފުތާ ފެށުމުގެ ކުރިން އޮތް ހާލަތަށް މާދަމާ އަނެއްކާވެސް ދާނެ އެވެ.

އީދު ޗުއްޓީއަށް މާލެއިން ވަރަށް ގިނަ މީހުން އެހެން ރަށްރަށާއި ގައުމުތަކަށް ދިޔަ އެވެ. މިހާރު އެ އެންމެން އަލުން މާލެ އައިސް މާލެ މިވަނީ ފުރާލާފަ އެވެ. މާލޭގެ އަސްލު ރުޖޫއަވެފަ އެވެ. މާލެ، މާލެއަށްވެފަ އެވެ.

އީދު ވަރަށް ފޯރިގަދަ!

މި އަހަރުގެ ބޮޑު އީދަށް ނުވަ ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބުމާ ގުޅިގެން ވަރަށް ފޯރީގައި އީދު ވަނީ ފާހަގަކޮށްފަ އެވެ. ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ވަރަށް ގިނަ ރަށްތަކުގައި ބޭއްވި އެވެ.

ރާއްޖެއިން ބޭރު ވެސް ބައެއް ފަންނާނުން ޝޯ ދިނުމަށް ގެނައިރު ރާއްޖޭގެ ފަންނާނުން ވެސް އީދުގައި އުޅުނީ ވަރަށް ބިޒީކޮށެވެ. ކޮންމެ ރެއަކު ރަށެއްގައި ފަންނާނުން ވެސް ވަނީ ޝޯ ދީފަ އެވެ. ފަންނާނުންނަށް އީދުގައި ބޮޑު އާމްދަނީއެއް ވެސް ލިބިފަ އެވެ.

ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތަކުގެ އިތުރަށް މި އަހަރު މުޅި ބޮޑު ތިލަދުންމަތި ހެއްވާލީ އީދާއެކު އައި މެހެމާނުންތަކަކާ ގުޅިގެންނެވެ. އެއީ އަވަށްޓެރި މަލިކުން ހއ. އިހަވަންދޫއަށް އައި މަލިކު މީހުންގެ ސަބަބުންނެވެ. އެ މީހުންއާ ބައްދަލުކޮށްލުމަށް ކައިރި އަތޮޅުތަކުގެ ގިނަ ރަށްރަށެއްގެ މީހުން ވެސް އިހަވަންދޫއަށް ދިޔަ އެވެ.

ޗުއްޓީ މޫޑް ފިލައިފިތަ؟

ބޮޑު ޗުއްޓީއަކަށްފަހު މަސައްކަތަށް ނިކުތުމަކީ ބައެއް މީހުންނަށް އެހާ ފަސޭހަކަމަކަށް ނުވެ އެވެ. ގިނަ ފަހަރަށް މަސައްކަތްކުރާ ހިތެއް ވެސް ނުވެ އެވެ. ކަންނެއް ކަމެއް ހުރެ އެވެ.

އެހެންކަމުން އަވަހަށް ޗުއްޓީ މޫޑް ފިލުވާލައި މާދަމާ މަސައްކަތަށް ނިކުތުމަށް މިހާރު ފެށިގެން ތައްޔާރުވާށެވެ. އާ އަޒުމަކާއެކު އޮފީހަށް މާދަމާ ދާށެވެ. ސްކޫލް ކުދިންނަށް ވެސް ކުރިއަށް އޮތީ ވަރަށް މުހިންމު ދުވަސްތަކެކެވެ.