ރިޕޯޓް

25 ބުރީގެ އުސް އިމާރާތް މައްޗަށް އުފުލެނީ!

ޑައިގްނޮސްޓިކް ސެންޓަރެއް ހިމެނޭ ގޮތަށް އައިޖީއެމްއެޗްގައި އަޅާ 25 ބުރީގެ އާ އިމާރާތަކީ ރާއްޖޭގެ މުޅި ސިއްހީ ނިޒާމް ބަދަލުކޮށްލާނެ އިމާރާތެކެެވެ. އެ އިމާރާތަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް ސިއްހީ ނިޒާމަށް ނާންނަވަރުގެ އިންގިލާބީ ބަދަލެއް ގެނުވާނެ އިމާރާތެކެވެ. މި އުއްމީދީ އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ވަރަށް ބާރަށް ދަނީ ކުރިއަށެވެ.

އިމާރާތް އެޅުމުގެ މަސައްކަތް، އެ މަސައްކަތް ހަވާލުކޮށްފައިވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާއާއިން އަވަދި ނެތި ކުރަމުންދާއިރު، އިމާރާތުގެ މަސައްކަތަށް ބޭނުންވާ ސާމާނު ބެހެއްޓުމަށް ކުރީގައި ލައިސެންސް ޓެސްޓް ހެދުމަށް ބޭނުންކުރި ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. ލައިސެންސް ޓެސްޓް މިހާރު ހަދަނީ ކާނިވާ ސަރަހައްދުގަ އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތް ބިނާކުރަނީ، ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ޕާކިން ލޮޓު ހިމެނޭ ބިމުގައެވެ. މި މަޝްރޫއަކީ ގާތްގަނޑަކަށް 2.1 ބިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި އިމާރާތުގެ ހަ ބުރިއެއް ހާއްސަ ކުރަން ނިންމާފައި ވަނީ ނޭޝަނަލް ޑައިގްނޯސްޓިކް ހިދުމަތަށެވެ. އަދި ޑޮކްޓަރަށް ދެއްކުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ތަހުލީލުތަކެއް ވެސް އެ އިމާރާތަށް ބަދަލު ކުރާނެ އެވެ. އެ އިމާރާތް އެޅުމުން އެޕޮއިންޓްމަންޓް ހެދުމާއި އެހެންވެސް އައުޓް ޕޭޝަންޓް މަސައްކަތްތައް ވެސް އެތަނަށް ބަދަލުކޮށް އިދާރީ ބައެއް މަސައްކަތް ވެސް އެ ބަޔަށް ގެންނަން ވަނީ ނިންމާފަ އެވެ.

އިމާރާތް ފަރުމާކޮށްފައިވަނީ މިހާރު އައިޖީއެމްއެޗް ހިންގާ އިމާރާތާއި ގުޅިފައި ހުންނަ ގޮތަށެވެ. އެހެންކަމުން އެމަޖެންސީ ގޭޓާއި ވީ ފަޅީގައި އޮންނަ މަގު ބަންދުވާނެ ކަމަށް ބެލެވެ އެވެ.

ތިމާވެއްޓާވެސް ރައްޓެހި ގޮތަކަށް، އާ އިމާރާތުގައި ޖިމަކާއި ޗައިލްޑް ކެއާ ސެންޓަރަކާއި ރިހެބިލިޓޭޝަން ސުއިޓެއް ހިމަނާފައިވާއިރު ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސަން ފަސް ބުރި ހާއްސަ ކުރާނެ އެވެ. އިމާރާތުގެ ދޭވަނަ ބުރިއާއި ތިން ވަނަ ބުރީގައި އައުޓް ޕޭޝަންޓް ހިދުމަތްތަކާއި ވެއިޓިން އޭރިއާ ހިމެނޭ އިރު، ތިން ވަނަ ބުރި ހާއްސަކޮށްފައިވަނީ ހައިޑްރޯ ތެރަޕީއަށެވެ. އެ އިމާރާތުގެ 14 ވަނަ ފްލޯ އިން މަތި ހާއްސަކޮށްފައިވަނީ ޑިސެންޓްރަލައިޒްޑް ނަރުހުންގެ ހިދުމަތް ދިނުމަށާއި މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށާއި ޕްރައިވެޓް ރޫމްތަކަށެވެ.

ފަންސަވީސް ބުރީގެ އާ އިމާރާތުގެ މަސައްކަތް 2018 ނިމުމުގެ ކުރިން ނިންމާ އިރު ޝެންހުއާ ކުންފުންޏަށް އަގު ދައްކަން ޖެހޭނީ ތިން އަހަރު ދުވަހަށް ބަހާލައިގެނެވެ. އެ ޕްރޮޖެކްޓް ނިމޭއިރު 500 އެނދުގެ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވާނެ އެވެ. މިއީ ސިއްހީ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދެ ދައުރު ނިމޭއިރު ރައްޔިތުންގެ ހިތްތަކަށް އެންމެ ބޮޑު ފިނިކަމެއް ގެނެސްދޭނެ ޕްރޮޖެކްޓަކަށް ވާނީ ރައީސް ޔާމީން ސިއްހީ ހިދުމަތްތަކަށް މިއަދު ކަނޑައަޅުއްވާފައިވާ ވިޝަން ފުރިހަމަވެގެން ދިޔުމުން ކަމަށެވެ. އެމަނިކުފާނުގެ ސިއްހީ ނިޒާމްގެ އެންމެ ބޮޑު ވިޝަނަކީ އައިޖީއެމްއެޗްގެ އާ އިމާރާތެވެ. މިއީ ރާއްޖޭގެ މިހާތަނަށް ބިނާކުރާ އެންމެ ބޮޑުވެސް އިމާރާތެވެ.

"މި ރާއްޖޭގެ ކޮންމެ ވެރިއެއްގެ ވިސްނުންފުޅައްތޯ އައީ މި ރާއްޖޭގައި 25 ބުރީގެ އިމާރާތެއް އަޅައިގެން ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއް ހަދަން ޖެހޭނެކަން، ރައްޔިތުންނަށް މި ދަނީ ތަރައްގީ ފެންނަމުން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އާ އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އިމާރާތް ނިމިގެން ދިޔުމުން އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ސިއްހީ ނިޒާމު މުޅިން އާ ހަރުފަތަކަށް ޖެހިލާނެ އެވެ.