ރިޕޯޓް

އީދު ފެސްޓިވަލުން ފައިދާ ނެރެވެނީ ކިހިނެއް؟

  • ދިވެހި އުފެއްދުންތައް މާކެޓް ކުރެވިދާނެ
  • ރަށްރަށަށް ބޮޑު ފައިދާއެއް ނެގޭނެ
  • އީދަކީ ޒަމާނީ ފެސްޓިވަލަކަށް ބަދަލުކުރެވޭނެ

މިދާކަށް ދުވަހު މި ނިމުނީ ބޮޑު އީދެކެވެ. ބޮޑެތި ހަރަދުތަކެއްކޮށް ޗުއްޓީ ވެސް ނިމިގެން ދިޔައީ އެވެ. ރަށްރަށުން އީދަށް ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ. އެ އަދަދު މިލިއަނުން ގުނާލެވޭނެ އެވެ. އީދާ ގުޅިގެން ރަށްރަށުން ކުރި ހަރަދާ އެއްވަރަށް ރަށްރަށަށް މީހުން ވެސް ވަނީ ގޮސްފަ އެވެ. އެ މީހުންގެ ފަރާތުން ރަށަށް ކޮންމެ ވެސް ވަރަކަށް ފައިދާ ވެސް ވަނީވެފަ އެވެ.

މި އަހަރު ބޮޑު އީދު އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވަނީ ލ. ފޮނަދޫގަ އެވެ. ޕީއެސްއެމްގެ އީދު އުފާގެ ކުޅިވަރުތަކާއެކު މުޅި ފޮނަދޫ ގުގުމައިގެން ދިޔަ އެވެ. ޝޯ ބަލައިލައި، ކުޅިވަރުތައް ބަލާލުމަށް އެ ރަށަށް އެތައް ބަޔަކު ދިޔަ އެވެ. ފޮނަދު އަށް އެކަނި ވެސް ބޭރުން 4،000 މީހުން ދަތުުރުކުރި ކަމަށްވެ އެވެ. މީގެ ތެރޭގައި މާލޭން ދިޔަ މީހުން މަދެއްނޫނެވެ.

ފޮނަދޫ ކައުންސިލްގެ މެންބަރު އިބްރާހިމް ޝާހިދު ވިދާޅުވި ގޮތުގައި އީދުގެ ފޯރި މި އަހަރު ވަރަށް ގަދަ އެވެ. މި އަހަރުގެ އީދަށް ކުރި ހޭދަ އެއް މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ.

އެހާ ގިނަ މީހުން އެ ރަށަށް ގޮސްފައިވާއިރު ރަށަށް އެތައް ގިނަ ފައިދާތަކެއް ވަނީ ވެފަ އެވެ. ގެސްޓް ހައުސްތަކާއި ފިހާރަތަކަށް ވަނީ ރަނގަޅު އާމްދަނީއެއް ލިބިފަ އެވެ. އެހެނަސް ރަށުން ކުރި ހޭދަ އާއި ރައްޔިތުންގެ ބުރަ މަސައްކަތަށް ލިބުނު އާމްދަނީ އަޅާކިޔޭބާވަ އެވެ؟ ނޫނީ މިއަށްވުރެ ބޮޑު އާމްދަނީ ރަށަށް ނުހޯދުނީސްބާވަ އެވެ؟

ފެސްޓިވަލްތައް ނަމޫނާއަކަށް ބަލާ!

ޕީއެސްއެމް އީދު އުފާއަކީ މިހާރު ރާއްޖޭގައި އެންމެ ކުލަގަދަކޮށް އެންމެ ބޮޑު ހޭދައެއް ކޮށްގެން ކުރިއަށް ގެންދާ އީދު ހަރަކާތެވެ. އެކަމަށް ރަށްތަކުން ކުރިމަތިލަނީ ވަރުގަދަ ޕްރޮޕޯސަލްތަކާ ވެސް އެކުގަ އެވެ. ރަށަށް އޭގެން ފައިދާއެއް ލިބޭނެތީ އެވެ. އެކަމަކު ރަށަށް ލިބެންވާ ހަގީގީ ފައިދާ މި އޮންނަނީ ނުލިބި އެވެ.

މިސާލަކަށް ބަލާލަމާ ހެއްޔެވެ؟ ވޯލްޑް ކަޕް ނުވަތަ އޮލިމްޕިކްސް ވިޔަސް ބޭއްވުމަށް ގައުމުތަކުން ވަރުގަދަ ޕްރޮޕޯސަލްތައް ތައްޔާރުކުރެ އެވެ. އެއީ އޭގެ ސަބަބުން ގައުމުގެ އިގްތިސޯދަށް ފައިދާކުރާނެތީ އެވެ. ގައުމުތަކުގެ ވިޔަފާރިތަކަށް ފައިދާވާތީ އެވެ. އަމިއްލަ ކުދި ވިޔަފާރިތައް ވެސް މިފަދަ ފެސްޓިވަލްތަކުގައި ބޮޑެތި ފައިދާ ދަމައިގަނެ އެވެ.

ހަމަ މިގޮތަށް ރާއްޖެއަށް އަންނަ އެންމެ ބޮޑު ފެސްޓިވަލް ކަމަށްވާ ބޮޑު އީދާ ދިމާކޮށް، ރަށްރަށުގެ ވިޔަފާރިތަކުން ވެސް މިފަދަ ފައިދާތަކެއް ހޯދޭނެ އެވެ. އެކަން ކުރެވޭނެ އެވެ.

ފައިދާ ހޯދިދާނެ ގޮތެއް!

"އީދު މުބާރަކް" ޖަހާލާފައިވާ ޓީޝާޓެއް ނުވަތަ ތޮއްޕެއް އަޅާލަން އީދުގައި އަޅާލަން ބޭނުންނުވާނެ ހެއްޔެވެ؟ އެފަދަ ތަކެތި ހޯދައިގެން ނަފާ ހޯދިދާނެ އެވެ. ޓައިލެންޑްގައި ކުޑަ އަގެއްގައި ހަދާލާފައި ރާއްޖެ އެތެރެކޮށް އީދުގައި އެ ތަކެތި ވިއްކާލައިގެން ވެސް ކުދި ވިޔަފާރިތަކަށް ހަމަ ގައިމު ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ.

ތައިލެންޑް ތަކެތި އެތެރެކުރުން އެކަންޏެއް ވެސް ނޫނެވެ. ހުނަރުވެރިކަން ހުރިއްޔާ އަމިއްލަ އުފެއްދުންތައް ވެސް ހަދަންވީ އެވެ. ރަށުގައި ގޭގައި ތިބޭ އަންހެންވެރިންނަށް އެމީހުންގެ ހުނަރުތައް ދައްކާލައި ނަފާ ހޯދުމަށް ވެސް މިއީ ހަމަ ރަނުގެ ފުރުސަތަކަށްވާނެ އެވެ.

ދިވެހިންނަކީ ހުނަރުން ފުރިފައިވާ ބަޔަކަށްވީ ނަމަވެސް، އަމިއްލަ އުފެއްދުންތައް އުފެއްދުމުގައި ދިވެހިން ތިބީ ފަހަތުގަ އެވެ. ނޫނީ އެ ފުރުސަތު އޮންނަނީ ނުލިބިފަ އެވެ. އެންމެ ކުޑަވެގެން މިފަދަ ދުވަސްވަރެއްގައި މަސައްކަތްތައް ކޮށްލައި ފައިދާ ހޯދެން އެބަ އޮތެވެ. އެކަން ކުރަންވީ އެވެ.

އީދު ޗުއްޓީއަށް ގޮސް އުޅޭއިރު އެ ރަށެއްގެ އުފެއްދުންތައް ކާލަން ވަރަށް ގިނަ މީހުން ބޭނުންވާނެ އެވެ. އެހެންކަމުން މިއީ ވެސް އާމްދަނީއެއް ހޯދުމަށް ކުރެވިދާނެ ކަމެކެވެ. ގޭގައި ތައްޔާރުކޮށް ތަކެތި ވިއްކަންވީ އެވެ.

ޕެކެޓް ކޮށްފައިވާ ޗިޕްސް ނޫނީ އެހެން ވެސް ލުއި ކާނާއެއް ކެއުމުގެ ބަދަލުގައި ދިވެހިން ބޮޑަށް ލޯބިކުރާނީ އަމިއްލައަށް ތައްޔާރުކޮށްލާފައިވާ ކޮންމެ ވެސް ކަހަލަ ކާނާއެއް ކާލުމަށެވެ. ރަށްރަށުގައި މިފަދަ ވަރަށް ތަފާތު ކާބޯތަކެތި ތައްޔާރުކޮށް އުޅެ އެވެ. ވައިވީމަ ހަފާލަން ރަނގަޅު އެތައް އެއްޗެއް ތައްޔާރުކުރެ އެވެ. އެހެންކަމުން މިފަދަ ތަކެތި ތައްޔާރުކޮށްގެން ވެސް ބޮޑު އާމްދަނީއެއް ހޯދިދާނެ އެވެ.

އަންނަ އަހަރުގެ އީދަށް ރަށް ޒީނަތްތެރިކޮށް، ރަށަށް މީހުން އެރުވުމަށް ބޮޑެތި ހަރަދުތައްކުރާއިރު ރަށަށް އިތުރު އާމްދަނީ ވަންނާނެ ގޮތްތަށް ވެސް ހޯދައި، ނަފާ ލިބޭ އީދަކަށް ހެދުމަށް މަސައްކަތްކުރުން މުހިންމެވެ.

އަންނަ އަހަރުގެ ޕީއެސްއެމް އުފާ ބާއްވާނެ ރަށެއް އަދި ނޭނގޭއިރު މިކަަމަށް މިހާރު ވެސް ރަށްތަކުން ވަނީ ތައްޔާރުވާން ފަށާފަ އެވެ. އެ ރަށްތަކުން މިކަންކަމަށް ވިސްނާލުން މުހިންމެވެ.