ވިޔަފާރި

ބަންޔަންޓްރީ ގްރޫޕުގެ ފައިދާ 13 ޕަސެންޓް އިތުރު ވެއްޖެ

Feb 26, 2015

ރާއްޖޭގައި ދެ ރިސޯޓް ހިންގަމުން ގެންދާ ބަންޔަންޓްރީ ގްރޫޕުގެ ސާފު ފައިދާ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 13 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި ބަންޔަންޓްރީ ވައްބިންފަރާއި އިހުރު ރިސޯޓު ހިންގަމުން ގެންދާ ބަންޔަންޓްރީ ގްރޫޕުން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ބަންޔަންޓްރީ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 4.13 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި ފައިދާ އިތުރުވި އެއް ސަބަބަކީ އެ ކުންފުނިން ސީޝެލްގައި ވެސް އިންވެސްޓްކޮށް ވިޔަފާރި ފެށުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ކުއާޓާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެ ކުންފުނިން ސީޝެލްގައި ހިންގާ ޓޫރިޒަމް ވިޔަފާރިން ކަމަށެވެ. މި ވިޔަފާރިން 594 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ރާއްޖޭގައި ހިންގާ ޓޫރިޒަމް ވިޔަފާރިން 489 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ އިތުރުން ތައިލެންޑުގައި ކުރާ ވިޔަފާރިން 180 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބަންޔަންޓްރީން ބުނީ މިދިޔަ އަހަރުގެ ސާފު ފައިދާ އިތުރުވި ނަމަވެސް މި ކުއާޓާގައި މުޅި ކުންފުންޏަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށެވެ. މި އާމްދަނީ ދަށަށް ދިޔަ ސަބަބަކީ ރަޝިޔާގެ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ރާއްޖެ އާއި ތައިލެންޑް އަދި ސީޝެލްއަށް ޓޫރިސްޓުން އައުން މަދުވެފައިވާތީ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.