- ފުޓްބޯޅަ، ވޮލީ، ބާސްކެޓް މައްސަލަގަނޑެއްްގެ ތެރޭގައި
- ޔޫތު މިނިސްޓަރީ އާއި އެސޯސިއޭޝަންތައް ވާދަވެރިކަމުގައި
- ހޯމް މިނިސްޓަރީގެ އަޅާލުންކުޑަ
މިއަދުގެ ދުނިޔޭގައި ކުޅިވަރާއި ސިޔާސީ ކަންކަން ވަނީ ގުޅިލާމެހިފަ އެވެ. އެކަމަކު ކުޅިވަރުގެ ބައެއް ކަންކަމުގައި ޑިމޮކްރަސީއަކީ އެންމެ ރަނގަޅު ފަރުވާއެއްނޫނެވެ. ރާއްޖޭގެ ކުޅިވަރުގައި އަބަދުވެސް ސިޔާސީ ކުލަވަރާއި ޒާތީ ކުޅިގަނޑު ވަރަށް ބޮޑެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް އިންތިހާބު ކުރަން 2008ގައި ފެށިފަހުން ދުވަހެއް ދުވަހަށް ޒާތީ ހަސަދަ އާއި ސިޔާސީކުލަ ގަދަވަމުންގޮސް މިހާރު މިވަނީ އެތައް އަހަރެއްގެ މަސައްކަތުން ނޫނީ އަރައިނުގަނެވޭ ވަރަށް މިކަމެއްގެ އުނދަގޫ ޖެހިފަ އެވެ.
ހަގީގަތުގައި ކުޅިވަރެއްނެތެވެ. ރާއްޖޭގެ އެންމެ ބޮޑު ތިން އެސޯސިއޭޝަން ކަމަށްވާ ފުޓްބޯޅަ އާއި ވޮލީ އަދި ބާސްކެޓް އެސޯސިއޭޝަން މައްސަލަގަނޑެއްގެ ތެރޭގައި އޮންނަތާ އެތައް އަހަރެއްވެއްޖެ އެވެ. ސަބަބަކީ ބައެއްމީހުން ގެންގުޅޭ ޒާތީ ވިސްނުމާއި އެމީހުންގެ ސިޔާސީ ނުފޫޒުހެއްޔެވެ؟
އެފްއޭއެމް ބޮޑު މައްސަލަގަނޑެއްގައި
އެފްއޭއެމްގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ އަކީ ކުޅިވަރުގެ އާއިލާގެ ތެރޭގައި އޮތް އެންމެ ބޮޑު މައްސަލަ އެވެ. އެފްއޭއެމްގެ އިންތިހާބު ރަނގަޅަށް ނުބޭއްވި އެ އެސޯސިއޭޝަން މައްސަލަގަނޑެއްގައި އޮންނަތާ މި ވަނީ އެތައް އަހަރެއް ވެފަ އެވެ. ހުރިހާ ވެސް މައްސަލައަކީ އެފްއޭއެމްގެ ރައީސްގެ ގޮޑީގެ ބާރުވެރިކަމުގެ ދަހިވެތި ކަމުގައި އެ ގޮޑިއަށް ފައި ނަގާ މީހުންގެ ތެރޭގައި ސިޔާސީ މީހުން ގިނަވުމެވެ.
އިންތިހާބު ބޭއްވިތާ އެންމެ ދެތިން މަސް ތެރޭގައި އެ އެސޯސިއޭޝަންގެ އަލަށް އިންތިހާބުވި އެސްކޯ ވެސް އުވި، އާ ރައީސްގެ މަގާމު ވެސް މި އޮތީ ގެއްލިފަ އެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މިފަހަރު ވެސް، މީގެ ތެރެއަށް ވަނީ ކޮންމެވެސް ބައެއްގެ ޒާތީ ކަންތައްތަކަކާއި ސިޔާސީ ވިސްނުންތަކެކެވެ. ކޮންމެ ގޮތެއް ވީ ނަމަވެސް، ކުޅިވަރު އެންމެ މުހިންމު އެއް ޖަމްއިއްޔާ އެފްއޭއެމްގައި ވެސް މި އޮތީ ފަޑެއްގެ މަރުތަޅެއް އެޅިފަ އެވެ. މިކަމުން އަރައި ގަނެވޭނެ ދުވަހެއް ވެސް އިނގެނީ އެއް ނޫނެވެ. ދެން އިންތިހާބެއް ބޭއްވިޔަސް ނިކުންނަން ވެސް މި ތިބީ ހަމަ ސިޔާސީ ބައެކެވެ. އެކަމަކު ސިޔާސީ ނުފޫޒުން އެއްކިބާ ނުކުރެވޭ ނަމަ މިކަމުން ވެސް އަރައިގަނެވޭނެ ދުވަހެއް ނޭނގެ އެވެ.
ވޮލީ އާއި ބާސްކެޓް އިންތިހާބު
ޑީއާރުޕީގެ ރައީސް މުހައްމަދު ނަޝީދު (ކާނަލް) ބަލިކޮށް ވޮލީ އިންތިހާބު މުހައްމަދު ރިޔާޒަށް ކާމިޔާބު ކުރެވުނީ ދެ ފަހަރު ވޯޓުލައިގެން ވެސް އެއްވަރުވެ، އެންމެ ފަހުން އެކްސްކޯ މެމްބަރުން ވޯޓުލައިގެންނެވެ. އެކަމަކު އިންތިހާބުގައި ގަވާއިދާ ހިލާފު އެތައް ކަމެއް ހިނގައިދިޔަކަމަށް ހެއްކާއެކު އެސޯސިއޭޝަނުގެ މުވައްޒަފުން ހިމެނޭ އިދިކޮޅު ޓީމުން މައްސަލަޖެއްސަމުންދިޔަ އެވެ.
އިންތިހާބުގެ ކުރިންނާއި ފަހުން ވެސް ޖެއްސި މައްސަލަތަކަށް އެސޯސިއޭޝަންތަކުގެ ބެލެނެވެރިފަރާތް ކަމަށްވާ ހޯމް މިނިސްޓްރީން ދިނީ ބީރު ކަންފަތެކެވެ. އެމައްސަލަަ ސިވިލް ކޯޓަށް ވެއްދުމުން ވެސް ތިބީ އެއްޗެއްނުބުނެ އެވެ. ހޯމް މިނިސްޓްރީން އަށް ވެސް ކުއްލިގޮތަކަށް ހޭ އަރައި ވޮލީ އިންތިހާބު ގޯސްކަމަށްބުނެ، އެއިންތިހާބު ކެންސަލްކޮށް މިނިވަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވަން އުޅެގަތީ ކުރީގެ އިންތިހާބަށް އެތައް މަހެއް ފާއިތުވިފަހުން އެވެ. އެހެން އެ ދިމާވީ ސިޔާސީގޮތުން ރިޔާޒްގެ ބާރު ނެތި ދިޔައިމާ ހެއްޔެވެ؟
ބާސްކެޓް އިންތިހާބު ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ އެތައް މަހެއްވަނީ އެވެ. ކީއްވެކަން ބުނެދޭނެ މީހަކު ވެސް ނެތެވެ. ބާސްކެޓްގެ ކަންތައްތައް ބައްލަވަން ހުރި، ރައީސް އާލަސްކަންފުޅާ ގައުމުން ބޭރުގައި އުޅުއްވާތާ ހަމަސްވަނީ އެވެ. ބައިއިލެކްޝަނަކުން އިންތިހާބުވީއްސުރެ ނައިބް ރައީސަށް އެ ސޯސިއޭޝަންގެ އޮފީހަކަށް ނުވެދެވެ އެވެ. ރައީސާއި ނާއިބް ރައީސްގެ އަރައިރުމުގަ އެވެ. ޖެނެރަލް ސެކްރެޓަރީ ގިނަވަގުތު އުޅުއްވަނީ ގައުމުން ބޭރުގަ އެވެ. މިކަންކަން އެނގެންޖެހޭ މީހުންނަށް ނޭނގެނީއޭ ބުނެވޭނެ އެއްވެސް ޖާގައެއްނެތެވެ.
ބެޑްމިންޓަން އިންތިހާބު ބޭއްވުނީ ވެސް އެހާހާލުންނެވެ. އެއީ ވެސް އެ ސޯސިއޭޝަންގައި ހުންނެވި، ރައީސް މޫސާ ނާޝިދާ ސިޔާސީ ބަޔަކު މާ ބޮޑަށް ނުގަބޫލުވުން ކަމަށް ވެދާނެ އެވެ. ސިޔާސީ ނުފޫޒު އޮންނަކަމަށް ބުނަންޖެހެނީ މިހެންވެ އެވެ.
މިނިސްޓްރީ އާއި އެސޯސިއޭޝަންތައް ވާދަވެރިކަމުގައި
ހަގީގަތަކީ ޔޫތު މިނިސްޓްރީ އާއި އެސޯސިއޭޝަންތަކުގައި އޮންނަންނުޖެހޭ ވާދަވެރިކަން އޮތުމެވެ. ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި މިފަހަކަށް އައިސް ގިނައިން ތިއްބަވަނީ ކޮންމެވެސް އެސޯސިއޭޝަނެއްގައި ކޮންމެވެސް ސިފައެއްގައި މަސްލަހަތު އޮންނަ ބޭފުޅެކެވެ. މިހެންވުމުން އޭނާ ނުގަބޫލުވާ ކޮންމެ އެސޯސިއޭޝަނެއް ފިއްތާލަނީ އެވެ. ބައެއް ފަހަރު ބޭނުމަކީ އަނެކާ ހުރެގެން ކަންކަން ނުވާކަން ދެއްކުމެވެ.
މިއީ ކުޅިވަރު ހިންގާ މީހުންނާއި ކުޅުންތެރިންނާއި ކުޅިބަލާމީހުން ވެސް އަތުން ހިފައި ޔަގީންކޮށްފައިވާ ކަމެކެވެ. މިކަހަލަ ތަޅާފޮޅުންތަކާ ހުރެ، ސަރުކާރުގެ ކުޅިވަރު ޕޮލިސީތައް ވެސް ތަންފީޒުނުކުރެވެ އެވެ. މިފަދަ އެއް މިސާލު ނަގަމާ ހިނގާށެވެ. ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މަހު މުސާރަ ދޭން ރައީސް ޔާމީން ނިންމަވައި އެކަން އިއުލާނުކުރެއްވި އެވެ. އެކަމަކު އެކަން ހިނގަންޖެހޭ ގޮތަށް ނުހިނގަ އެވެ.
އެސޯސިއޭޝަނެއްގެ ރައީސާމެދު ޔޫތު މިނިސްޓްރީގެ "އިސްބޭފުޅަކު" ހިތްޕުޅާނުވާތީވެ، މިނިސްޓްރީން އެންގީ މުސާރަދެވޭނީ 12 ކުޅުންތެރިންނަށް ކަމަށާއި އެކުޅިވަރުގެ ގައުމީ ޓީމުގައި 14 ކުޅުންތެރިން ތިބެގެން މުސާރަ ނުދެވޭނެ ކަމަށެވެ. ކޯޗާއި ކުޅުންތެރިންނާ ވާހަކަ ދެއްކުމަށްފަހު އެސޯސިއޭޝަނުން އެދުނީ 12 ކުޅުންތެރިންނަށްވާ މުސާރަ 14 ކުޅުންތެރިންގެ މެދުގައި ބަހައިދޭށެވެ.
އެކަމަކު މިނިސްޓްރީން އެގޮތެއް ބޭނުމެއްނުވި އެވެ. އެމީހުން ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ވެސް ސްކޮޑް 12 އަށް ތިރިކުރާށެވެ. އެކަމަކު ސްކޮޑުގައި ތިބެންްޖެހޭ އަދަދު މިނިސްޓްރީން ނުވަތަ ސަރުކާރުން އެއްވެސްއިރެއްގައި ކަނޑައަޅާފައިނުވެ އެވެ. ސާފް ޗެމްޕިއަންޝިޕަށްދާ ގައުމީ ފުޓްބޯޅަ ޓީމުގައި 20 ކުޅުންތެރިން ޖަހަން އޮންނައިރު މުސާރަދެވޭނީ އޭގެތެރެއިން 15 ކުޅުންތެރިންނަށް ކަމަށާއި ސްކޮޑް 15 އަށް ތިރިކުރަން މިނިސްޓްރީން ގަދަދެއްކުމުން ކުޅިވަރަށްއޮތީ ކޮންފައިދާއެއް ހެއްޔެވެ؟ އެންމެ ފަހުން މިވަރު ކުޑަކަމެއް ވެސް ކޮޅެއްގައި ޖެހުނީ ބޮޑު ކޯޅުމަކަށް ގޮސްގެނެވެ.
އަމާޒު އޮލިމްޕިކް ކޮމިޓީ އަށް
އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި ފޭލްވާ ގިނަ މީހުން ޔޫތު މިނިސްޓަރީގައި ތިބެގެން އަމާޒު ހިފަނީ އަބަދުވެސް އޮލިމްޕިކް ކޮމިޓީ އަށެވެ. ދުނިޔޭގެ ފެންވަރުގައި އޮލިމްޕިކް ކޮމިޓީ އަކީ ވަރަށް ބާރުގަދަ އެސޯސިއޭޝަނެކެވެ. އަދި އެތަނުގެ ރައީސްކަމަކީ އެހާމެ ބާރުގަދަ މަގާމެކެވެ. އޮލިމްޕިކް ކޮމިޓީ އަށް ފާރަލުމަކީ މައިގަނޑު ސަބަބަކީ މިއީ އެވެ.
ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ ހޮވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ވޯޓުލައިގެންނެވެ. އަންނަ އަހަރުކުރީ ކޮޅު އަނެއްކާ ވެސް އޮލިމްޕިކް ކޮމިޓީ އާ ދައުރަކަށް އިންތިހާބުކުރަންޖެހެ އެވެ.
އެފްއޭއެމް އިންތިހާބަށް ތައްޔާރުވިއިރު ހިނގާދިޔަ ހާދިސާއެއް ދަންނަވާލާނެމެވެ. ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމީ އެސޯސިއޭޝަނެއްގެ ވެރިއަކަށް ނުވަތަ އިންޓަރިމް ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވެސް އޮލިޕިކް ކޮމިޓީގައި ނުހުންނެވޭނެ ކަމަށެވެ. މިއީ ސީދާ ޝަވީދަށް އަމާޒުކުރި މިސައިލެކެވެ. ބޭނުމަކީ އެފްއޭއެމަށް އޭނާ ކުރިމަތިލިޔަނުދިނުމެވެ. ހަމައެއާއެކު އެފްއޭއެމަށް ކުރިމަތިލާނަމަ އޮލިމްޕިކް ކޮމިޓީން އިސްތިއުފާދިނުމަށް މަޖުބޫރުކުރުމެވެ.
ރާއްޖޭގައި ކަންހިނގާގޮތަށް ބަލާއިރު އޮލިމްޕިކް ކޮމިޓީ އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގައި އެކަކު ހުރުމަކީ ރަނގަޅު ކަމަަކަށް ވެސް ނުވެދާނެ އެވެ. އެކަމަކު ރާއްޖޭގެ ކުޅިވަރުގެ ގައުމީ މަޖިލީހުގެ މިނިންމުމާ ގުޅިގެން ދުނިޔޭގެ އޮލިމްޕިކް ކޮމިޓީން އެނިންމުން ގޯސްކަމަަށް ބުނެ ދެ ސޮފުހާގެ ބަޔާނެއް ނެރުނެވެ. އެހެންވިއްޔާ ކުޅިވަރުގެ ޕޮލިސީ ލެވެލްގައި ނިންމާކަންކަމުގައި ހުރި ބަރުދަނަކީ ކޮބާހެއްޔެވެ؟ އެ ކަންކަން ނިންމުމުގެ ކުރިން ބައިނަލްއަގުވާމީ ޖަމާއަތްތަކާ މަޝްވަރާ ކުރެވެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ވަކިބައެއްގެ ޒާތީ ޝައުގާއި ސިޔާސީ ނުފޫޒު އޮވެއޭ ބުނެވެނީ މިހެންވެ އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގެ ދައުރު
ކުރިން ދެންނެވި އެތައް ސަބަބުތަކާހުރެ ޔޫތު މިނިސްޓަރީ އެންމެ ރަނގަޅަށް މަސައްކަތް ކުރެ އެކޭ ބުނެވޭކަށް ނެތެވެ. އެކަމަކު ހަގީގަތީ ސަރުކާރުގެ ގުނަވަންތަކުގެ ތެރެއިން އެންމެ ބާރު ދުވެލީގައި ހިނގަން ރައީސް ޔާމީން ބޭނުންފުޅުވަނީ ޔޫތް މިނިސްޓްރީ އެވެ. އެމަނިކުފާނު ގައުމީ ޓީމުތަކަށް މުސާރަދެއްވަން ނިންމެވުމުން އެކަމަށް ހުރަސްއެޅެންޖެހޭ ޕޮލިސީ ލެވެލްގެ ސަބަބެއް އޮވެގެންނުވާނެ އެވެ.
ނަމަވެސް ޔޫތު މިނިސްޓަރީގައި ބައެއް ބޭބޭފުޅުންގެ އަމިއްލަ މަސްލަހަތު މާބޮޑަށް އިސްކުރުމުގެ ސަބަބުން އެމިނިސްޓްރީ ރަނގަޅަށް ހިންގެވުނު ވަޒީރަކު ފަހުގެ ތާރީހެއްގައި ނުފެންނަ ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އިހަށް ދުވަހު މިނިސްޓަރީއާ ހަވާލުވެވަޑައިގެންނެވި ވަޒީރު އިރުތިޝާމް އާދަމަކީ މި ސަރުކާރުގެ ތިން ވަނަ ޔޫތު މިނިސްޓަރެވެ. މަގާމާ ހަވާލުވެވަޑައިގެން އެކަމަނާ އެސޯސިއޭޝަންތަކާ ބައްދަލުކުރެއްވުމުން އެންމެން ފައްޗަކަށް އަމުނާލީ ކުރީގެ ވަޒީރުންނަށް ވެސް ދަންނަވައިގެން ވެސް ކުރިއެރުމެއް ނުލިބިހުރި ޝަކުވާތަކެވެ.
އޭގެ ތެރެއިން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވީ މިފަހުން މިނިސްޓްރީގެ ހިންގުމަށް އަންނަމުންދާ ބަދަލަކީ އެސޯސިއޭޝަންތަކުންކުރި ޝަކުވާތަކާ ގުޅިގެން މިނިސްޓަރު އިރްތިޝާމް ގެންނަވާ ބަދަލުތައް ކަމަށެވެ. ކޮންމެވެސް ކަހަލަ ހެޔޮ ބަދަލުތަކެއް އަންނަތަން ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން ކުޅިވަރު ވެސް ޒާތީވެ، އެހާމެބޮޑަށް ސިޔާސީ ވެފައިވާ މިވަގުތު ކުޅިވަރުތަކަށް މިނިސްޓްރީގެ އިސްނެގުމާއި އަޅާލުން ވަރަށް ބޮޑަށް ލިބިގެން މެނުވީ މި ދަނޑިވަޅުން އަރައިގަންނަން ދެން ފަސޭހަނުވާނެ އެވެ. ސިޔާސީ ވިސްނުމަށް ވުރެ ކުރިއަށް ނެރެންވީ ގައުމީ ކުޅިވަރަށް ފައިދާ ހުރި ވިސްނުންތަކެކެވެ. މަރުތަޅު އެޅުވިފައި އޮތް އެސޯސިއޭޝަންތަކުން އެ ތަޅު ނައްޓައިގެން ނޫނީ ދިވެހި ކުޅިވަރަށް ދެން ކުރިއެރުމެއް ނެތެވެ.