ރިޕޯޓް

އިއްފަގެ ހުނަރުން އެމިރޭޓްސް ގުޑުވާލައިފި!

ކޮފީ މިއީ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް މިވަނީވެފަ އެވެ. ދިވެހިންނާއި ކޮފީއާ ނުލާ އުޅެވޭނެކޭ ހިތެއް ނުބުނެ އެވެ. ގިނަ ބަޔަކު ބުއިމަށް ކޮފީ ބޭނުންކުރި ނަމަވެސް ދިވެހި ޒުވާނަކު ކޮފީ ބޭނުންކުރަނީ މުޅި ތަފާތު ކަމަކަށެވެ. ކުރެހުމަށެވެ. މި ޒުވާނަކީ ހުސައިން އިއްފަލް (އިއްފަ) އެވެ.

އިއްފައަކީ ކުރެހުމަށް ލޯބިކުރާ ފަރާތަކަށް އާ ނަމަކަށް ވެސް ނުވާނެ އެވެ. އޭނާއަކީ ކަނޑުގެ އަޑީގައި ކުރެހުމެއް ކުރެހި ފުރަތަމަ ދިވެހި ޒުވާނާ އެވެ. އެ ޝަރަފު އޮތީ އޭނާގެ އަތުގަ އެވެ. ކޮމާޝަލް އާޓްގެ ދާއިރާގައި އޭނާ ހަރަކާތްތެރިވާތާ މިހާރު އެތައް އަހަރެއް ވަނީވެފަ އެވެ. މާލޭގެ ގެސްޓް ޝޮޕްތަކުގައި ވެސް އިއްފަގެ ކުރެހުންތައް ވަރަށް ގިނަވާނެ އެވެ.

ކަނޑުގެ އަޑީގައި ކުރަހާ އިއްފަ ޝަރަފެއް ހޯދިއިރު އަނެއްކާވެސް އޭނާ މިވަނީ ދިވެހިން ފަހުރުވެރިވުން ހައްގު ޝަރަފެއް ހޯދާފަ އެވެ. ޔޫއޭއީގައި އިއްފަގެ އެގްޒެބިޝަނެއް ވަނީ ބާއްވާފަ އެވެ. މި އެގްޒެބިޝަން ދެ ދުވަހަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި އެގްޒެބިޝަނުގައި އިއްފަގެ މޮޅު ހުނަރު ދައްކާލި އެވެ. އެއީ، ކޮފީ ކުރެހުމެވެ. ހިކި ކޮފީ އާއި ހޫނު ފެން ބޭނުންކޮށްގެން އިއްފަ ވަނީ ދުބާއީގެ އަމީރުންނާއި އަރަބި ބައެއް ލީޑަރުންގެ ފޮޓޯ، ކޮފީ ބޭނުންކޮށްގެން ކުރަހައި އެގްޒިބިޓްކޮށްފަ އެވެ.

ޔޫއޭއީގެ ޝަރުޖަހްގައި އެގްޒެބިޝަނެއް ބޭއްވުމަށް އިއްފައަށް ފުރުސަތު ލިބުނީ މިދިޔަ މަހު ނޭޝަނަލް ގެލެރީގައި ބޭއްވި "ގަހުވަ ފޮޓޯ އެގްޒެބިޝަން"ގެ ތެރެއިންނެވެ. އެ އެގްޒެބިޝަނުގައި 70 ކުރެހުމެއް ދައްކާލައިފައިވެ އެވެ. އެއީ ތިން މަސް ދުވަހުން ކުރި މަސައްކަތެވެ.

އޭނާގެ މި ހުނަރުވެރިކަން ފެނި، ހައިރާންވެ އަންތަރީސްވީ އެ އެގްޒެބިޝަން ބަލާލުމަށް ނޭޝަނަލް ގެލެރީއަށް ދިޔަ ފަތުރުވެރިއެކެވެ. ކަންދިމާކުރި ގޮތުން އެ ފަތުރުވެރިޔާއަކީ ޝަރުޖަހްގެ ކަލްޗަރަލް ހެރިޓޭޖް އިންސްޓިޓިއުޓްގެ ޗެއާމަން އެވެ. އިއްފަ ޔޫއޭއީއަށް ދިޔައީ އޭނާ ދިން ފުރުސަތެއްގަ އެވެ.

އެ އިންސްޓިޓިއުޓްގައި އެގްޒެބިޝަނެއް ބޭއްވުމަށް އިއްފައަށް ފުރުސަތު ދިންއިރު، އެ އިންސްޓިޓިއުޓްގައި ކިޔަވާ ދަރިވަރުންނަށް އިއްފަގެ ހުނަރާ ބެހޭ ގޮތުން ލެކްޗާ ވެސް ދީފަ އެވެ. މިއީ އޭނާ ދިން ފުރަތަމަ ލެކްޗާކަން ފާހަގަކޮށްލެވެ އެވެ.

މި މަހުގެ 26 ން 28 ށް ކުރިއަށްދިޔަ މި އެގްޒެބިޝަނަށް ޔޫއޭއީގެ ދުބާއީ، އަބޫ ދާބީ އަދި އެހެން ވެސް ސިޓީތަކުން މީހުން ޒިޔާރަތްކުރި އެވެ. އަދި ޝަރުޖަހްގެ ސުލްތާން ވެސް ވަނީ މި އެގްޒެބިޝަނަށް ޒިޔާރަތްކުރައްވާފަ އެވެ.

ހަމަ ގައިމުވެސް މިއީ އިއްފައަށް ލިބުނު އަގު ވަޒަން ނުކުރެވޭވަރުގެ ބޮޑު ފުރުސަތެކެވެ. އަދި ހަމަ އެފަދައިން ދިވެހިންނަށް ލިބުނު ބޮޑު ފަހުރެކެވެ.