- ބައެއް ރަށްރަށުގެ ނަރުދަމާއި ފެނުގެ މަޝްރޫއު ހިންގާ
- ރާއްޖޭން ބޭރުން 44 ޒުވާނުންނަށް ސްކޮލާޝިން ދީފި
- ރާއްޖޭގެ 180 ރަށުގައި އެކި މަޝްރޫއު ކުރިއަށް ދޭ
ފާރުގައި ހިތްޕާފައި ހުރި ތަސްވީރުތައް ގިނަކަމުން ބެލުނީ އެވެ. ކޮންމެ ތަސްވީރަކު ވެސް ވާހަކައެއް ކަޔައިދެ އެވެ. އެހެންވެ ހިތުގައި އުފެދުނީ ސުވާލެކެވެ. އެކަމަކު އެއަށް ޖަވާބު ލިބިއްޖެ އެވެ. ޔަގީނަށް ވެސް އެނގޭ ކަމަކީ މި ތަސްވީރު ތަކުން ފެންނަނީ ބަޔަކު ކުރާ ބުރަ މަސައްކަތެވެ. މިއީ ރާއްޖޭގެ ވިޔަފާރީގައި އެންމެ މަގުބޫލު އެއް ނަން ކަމަށްވާ ޗަމްޕާ ބްރަދާޒް އިން ހިންގާ އިޖުތިމާއީ ޒިންމާގެ މަޝްރޫއު ތަކެވެ. މުޅި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ހިލޭ ސާބަހަށް މަސައްކަތްކޮށްދީ، އެހީވުމަށް އުފައްދާފައިވާ، އަލި ފުޅުތުއްތު ފައުންޑޭޝަން "އޭއެފްޓީއެފް" ގެ ދީލައި އަތް ވަނީ މުޅި ރާއްޖެ އަށް ދިއްކޮށްލާފަ އެވެ.
"އެހީ ދިނުމަށް ވުރެ ބޮޑު އުފަލެއް ކޮބައިތޯ؟" އޭއެފްޓީގެ އެހީގެ ސަބަބުން ލިބިވަޑައިގަންނަވާ އުފަލަކީ ކޮބައިތޯ "އަވަސް" އިން ސުވާލު ކުރުމުން ހިނިތުންވުމާއެކު، ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ މިހެންނެވެ.
އަފީފުގެ އާއިލާ އިން އޭއެފްޓީއެފްގެ ހިދުމަތް ދިވެހި ރައްޔިތުން ނަށް ދެނީ އޯގާތެރިކަމާއެކުގަ އެވެ. ބޭނުންވަނީ ކޮންމެ ދިވެއްސަކީ ވެސް އުފަލުގައި އުޅޭ މީހެއްގެ ގޮތުގައި ފެންނާށެވެ. އެހެންކަމުން އޭއެފްޓީއެފް ފައުންޑޭޝަނުން ރަށްރަށަށް ގޮސް ރައްޔިތުން ބޭނުންވާ ކަންތައް ބަލަ އެވެ.
އަފީފުގެ ބައްޕާފުޅު އަލި ފުޅުތުއްތުގެ ހަނދާނުގައި 2000 ވަނަ އަހަރު އޭއެފްޓީ އުފައްދަވާފައިވަނީ އަފީފުގެ ދޮށީ ދަރިކަނބަލުން ކަރީން ފާތިމަތު އަފީފު އެވެ. އޭއެފްޓީއެފް އިން މިހާތަނަށް 182 ރަށެއްގައި 360 އަށް ވުރެ ގިނަ މަޝްރޫއެއް ހިންގާފައިވެ އެވެ. މި މަޝްރޫއުތަކުގެ އަގު ކުރާނަމަ އެތައް މިލިއަން ޑޮލަރަށް އަރާނެކަން ޔަގީނެވެ. މި ޖަމިއްޔާ އިން ދީލަތިކަމާއެކު، އެހީ ދީފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ދާއިރާ އާއި ތަރައްގީގެ އެކި މަޝްރޫއުތައް، ތައުލީމީ ދާއިރާ އާއި މުނިފޫހި ފިލުވުމުގެ ދާއިރާ އަދި ސިއްހީ ދާއިރާ އާއި ކުޅިވަރުގެ އިތުރުން ތަފާތު އެކި ކޯސްތައް ހިންގުން ވެސް ހިމެނެ އެވެ.
ޒުވާނުން ބިނާކުރަން އިސްކަމެއް
އޭއެފްޓީއެފްގެ ޕްރޮގްރާމް މެނޭޖަރު އާސިމާ ލުތުފީ "އަވަސް" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެންމެ ފުރަތަމަ ދިނީ ޒުވާނުން ނަށް ރާއްޖޭން ބޭރުގައި ކިޔަވަން ސްކޮލާޝިޕް ތަކެއް ކަމަށާއި ނަމަވެސް ފަހުން ގިނަ ދާއިރާތަކުން އެހީތެރިވާން ފަށާފައިވާ ކަމަށެވެ.
އާސިމާ ވިދާޅުވީ ފުރަތަމަ އެހީ ފެށިއިރު، މީހުންގެ ވިސްނުން ވަރަށް ތަފާތު ކަމަށެވެ.
"ރަށްރަށަށް ގޮސް ބޭނުންވާ ކަންކަން އޮޅުން ފިލުވާފަ އަންނަން ފެށީމަ އޭރު ބުނޭ ދެން ހަބަރެއް ނުވާނެއޭ. އެހެންވެ އޭރު އަމިއްލަ އަށް އެއްޗިހި ގެންގޮސް ހަވާލު ކުރަނީ،" އާސިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްލަބް ޖަމިއްޔާތަކާ ވާހަކަ ދެއްކުމުން އެންމެ ބޮޑަށް އެދެނީ، ތައުލީމީ ދާއިރާއާ ގުޅުންހުރި އެކި ކަހަލަ މަަސައްކަތްތައް ކަމަށެވެ.
"ޖަމިއްޔާ ތަކަށް ހުޅުވާލީ. މިގޮތަށް ހުޅުވާލުމުން އެޑިއުކޭޝަނާއި ހެލްތް އަދި އެވެއާނަސްގެ އިތުރުން ޓްރެއިންގެ އިތުރުން، ކުޅިވަރުގެ ބައެއް ކުދި މުބާރާތްތަކާއި ވައިޑީޕީއަށް ޕްރޮގްރާމް. މިދިޔަ އަހަރު ވެސް ފަންޑުގެ 82 ޕަސެންޓް ދީފައިވާނީ އެޑިއުކޭޝަން ދާއިރާ އަށް،" އާސިމާ ވިދާޅުވި އެވެ.
އޭއެފްޓީއެފް އިން އުލިގަމުގައި މިސްކިތް ބިނާކޮށް ހަތް ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ދިއްފުށީގެ ހެލްތް ސެންޓަރުގެ ބައެއް އިމާރާތް ކޮށްދިނުން ހިމެނެ އެވެ. މިތަނުގައި ބަލި މީހުނަށް ފަރުވާދޭނެ ހަ އެނދުގެ ވޯޑަކާއި ލޭބަރޫމް ފަދަ ގިނަ ވަސީލަތްތައް ހިމެނެ އެވެ. ހޯރަފުށީ އޯކިޑްވިލާ "ރަށް ވެހިގެ" އިމާރާތް ކޮށްދިނުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. މީގެ އިތުރުން ވިލުފުށީގެ ސްކޫލް ޑިޖިޓަލް ކުރުމަކީ ވެސް އޭއެފްޓީއެފްގެ މަސައްކަތް ތަކުން ފާހަގަ ކޮށްލެވޭ ކަމެކެވެ. އަދި އިސްކަންދަރު ސްކޫލްގެ 31 ކްލާސް ރޫމް ޑިޖިޓަލް ކޮށްދިނުން ވެސް ހިމެނެ އެވެ.
އެންޖީއޯ ތަކަށް ބޮޑު އެހީއެއް
އޭއެފްޓީއެއެފްގެ އެހީ ނުލިބޭ ޖަމިއްޔާއެއް ނުހުންނާނެ އޭ ބުނުމަކީ ކުށަކަށް ނުވާނެ އެވެ. މި ފައުންޑޭޝަނުން ރާއްޖޭގެ ބޮޑެތި ހުރިހާ ޖަމިއްޔާ ތަކަށް މިހާރު ވެސް ދަނީ ދީލައިކަމާއެކު އެހީ ވަމުންނެވެ. މިގޮތުން އޯޓިޒަމް އެސޯސިއޭޝަން އާއި ކެއާ ސޮސައިޓީއަށް ގިނަ އެހީތަކެއް ދީފައިވެ އެވެ. މިގޮތުން 2012 ވަނަ އަހަރު އޯޓިޒަމް އެސޯސިއޭޝަންގެ އޮފީސް ރެނޮވޭޓް ކޮށްދިނުން ވެސް ހިމެނެ އެވެ.
"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޗަމްޕާ އަފީފު ވިދާޅުވީ އެންޖީއޯ ތަކަށް އެހީވުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.
"ކެންސަރު ސޮސައިޓީ އަށް ވަރަށް ފަހުން މި ގަނެ ދިނީ ސްކޭން ކުރާ މެޝިނަނެއް. މޮބައިލް މެޝިނެއް. އޭރުން ޑޮކްޓަރުން ގޮވައިގެން ރަށްރަށް ގޮސް ޓެސްޓްތައް ހެދޭނެ. ދާދިފަހުން ޑީއެންއޭ މެޝިނެއް ހަދިޔާ ކޮށްދީފައިވާނެ ޝީ އަށް. ޑީއެންއޭ ނުހެދޭތީ. މީގެ އިތުރުން ޖާނީ އަށް ވެސް އެހީތެރިކަން ދެން،" އަފީފު ވިދާޅުވި އެވެ.
ތުރާކުނު ފެނާއި ނަރުދަމާ އެޅުން
އޭއެފްޓީއެފް އިން ވަނީ ހއ. ތުރާކުނުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދީފަ އެވެ. ތުރާކުނުގައި ގާއިމް ކޮށްފައި ހުރި ފެނާއި ނަރުދަމާ ނިޒާމުގެ ދަށުން 150 ޓަނުގެ ވޯޓާ ސްޓޯރޭޖް ޓޭންކެއް އަޅައި 139 ގެޔަކަށް ފެންމީޓަރު ވައްދަ ދީފާވާކަމަށާއި 140 ގެޔަކަށް ޖަންގުޝަންތަށް ގުޅައި، 118 ގެޔަކަށް ފެންހޮޅި ލައި، އިސްކުރުން ފެން އަންނަ ގޮތަށް ވަނީ ފައްކާކޮށްފަ އެވެ. މި މަޝްރޫއުއަށް 38 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
އާސިމާ ވިދާޅުވީ ކުރިއަށް ވެސް ގިނަ ކަންތައްތަކެއް ރާވާލާފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ވެސް ގާއިމް ކުރެވޭނެ،" އާސިމާ ވިދާޅުވި އެވެ.
އޭއެފްޓީއެފް އިން މީގެ އިތުރުން ވެސް ކުދި އެހެންނަމަވެސް މުހިންމު ގިނަ އެހީތަކެއް ދަނީ ދެމުންނެވެ. އޭއެފްޓީގެ ދީލަތިކަމުގެ އަތްވަނީ މުޅި ރާއްޖެއަށް ދިއްކޮށްލާފަ އެވެ.