ވިޔަފާރި

އަފީފްގެ ތައުރީފް ގެސްޓްހައުސްތަކަށް: މިއީ ޓޫރިޒަމަށް ފަހި ބަދަލެއް

  • ގެސްޓްހައުސް ރެގިއުލޭޓް ކުރަން ޖެހޭ
  • ވިޔަފާރިން ޓޫރިޒަމް ފައިދާ ކުރޭ
  • ރިސޯޓުތަކަށް އެއްވެސް އަސަރެއް ނުކުރޭ

ހުރިހާ ފަންތިއެއްގެ މީހުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެވޭނެ ފުރުސަތު ފަހިކޮށްދިނީ ގެސްޓްހައުސްތަކުން ކަމަށް ވިދާޅުވެ ޓޫރިޒަމްގެ އެއްބާނީ ޗަމްޕާ ހުސެން އަފީފް ގެސްޓް ހައުސް ޓޫރިޒަމަށް ތައުރީފް ކުރައްވައިފި އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޗަމްޕާ އަފީފު ވިދާޅުވީ ގެސްޓްހައުސް ޓޫރިޒަމުން ޔަގީންވެގެން ދިޔަ އެއް ކަމަކީ ކޮންމެ ފަންތިއެއްގެ ޓޫރިސްޓަކަށް ވެސް ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން އެކަށީގެންވާ މަންޒިލަކަށް ވުމެވެ. އަފީފު ވިދާޅުވީ އެއީ ރާއްޖޭގެ ޓޫރިޒަމް ޑައިވާސިފައި ކުރަން އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އޭގެ ސަބަބުން ރާއްޖެއަކީ މާ އަގު ބޮޑު މަންޒިލެއް ކަމަށް ދެކެވިފައި އޮންނަ އޮތުން ބަދަލުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ބޭރުގައި އޮންނަ ޕާސެޕްޝަނަކީ ރާއްޖެއަކީ މާ އަގުބޮޑު ތަކެނޭ!. މިހާރު އެކަން ގޮސްފި އާދައިގެ އަންނަން ބޭނުންވާ މީހުންނަށް ވެސް އާދެވޭ. މިހާރުވެސް ޔޫރަޕުން ޓެކްސީއަކަށް އަރާލާފައި ބުނެބަލަ ރާއްޖެދާން. ބުނާއިރަށް ބުނާނެ ތިއީ މާ އަގުބޮޑު ތަނެކޭ އަހަރެން ދާން. އެހެންވީމަ ގެސްޓްހައުސްތައް އުފެދުމުން އެކަން ގޮސްފައި އާދައިގެ ބަޖެޓު މީހަކަށް މިތަނަށް އާދެވޭނެ ގޮތްވާކަން އެއީ ވަރަށް ރަނގަޅު ކަމެއް،" ކްރައުން ޗަމްޕާ ގެ ޗެއާމަން އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި މުހިންމު ކަމަށާއި، އެހެންކަމުން މި ދާއިރާ ވަރަށް ރަނގަޅަށް ރެގިއުލޭޓްކޮށް ބެލެހެއްޓެން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ޖެހެނީ ރާއްޖެއާ މެދު އޮންނަ ތަސައްވުރަށް އުނިކަމެއް އައިސްފާނެ ކަމެއް ނުހިނގާނެ ކަން ކަށަވަރު ކުރަން ކަމަށެވެ. ގެސްޓް ހައުސް ޓޫރިޒަމްގެ ފެންވަރު ވެސް ދެމެހެއްޓުމަށް އިސްކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެސްޓްހައުސް އެއީ ވަރަށް ރަނގަޅު ކަމެއް. އެކަަމަކު އެތަންތަންވެސް ރަނގަޅަށް ރެގިއުލޭޓް ވެގެން ގެސްޓުންނަށް ލިބެން ޖެހޭ ހިދުމަތްތައް ރަނގަޅަށް ލިބޭ ގޮތަށް ބަލަމުން ދިޔައީމަ ރަނގަޅުވާނެ. އެއީ ރަނގަޅަށް ރެގިއުލޭޓް ކުރުން. އަޅުގަނޑު މި ދަންނަވަނީ މިސާލަކަށް ރިސޯޓުތަކުގެ ގަވާއިދުގައި އޮވޭ ކޮޓަރީގައި މިވެނި ކަމެއް ހުންނަން ޖެހޭނެއޭ ކޮޓަރި އެެއްނަމަ. ގެސްޓުންނަށް ގެއްލުން ނުވާގޮތަށް ރެގިއުލޭޓް ކުރެވޭނަމަ ވަރަށް ރަނގަޅުވާނެ،" އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސް މާކެޓުގެ ސަބަބުން ރިސޯޓު މާކެޓަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި، ޓޫރިޒަމަށް ވަނީ ފައިދާ ކަމަށެވެ. އޭނާ ވިދާޅުވީ ރިސޯޓް ތަކަށް އަންނަނީ އެންމެ ހައިމާކެޓް ޓޫރިސްޓުން ކަމަށާއި ކިތަންމެ ވަރަށް ގެސްޓް ހައުސް ހުއްޓަސް ރިސޯޓަށް އާ ދެވޭ މީހާ ދާނީ ރިސޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަސަރެއް ކުރާނެ ކަމަކަށް. ގެސްޓްހައުސްއަށް އަންނަ މީހާ ގެސްޓްހައުސްއަށް އަންނާނީ. ތިއީހަމަ ފައިވް ސްޓާ ހޮޓާ ހަދާފައި ހުންނައިރު، އެމީހުންނަށް ގެއްލުމެއް ވާނެހޭ ފޯ ސްޓާ ހޮޓަލެއް ހަދާފައި ހުރީމަ ބުނުން ކަހަލަ ކަމެއް،" އަފީފު ވިދާޅުވި އެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި ފުޅާވެ ތަރައްގީ ވަމުން އަންނަ ވިޔަފާރިއެކެވެ. މިހާރު މުޅިރާއްޖޭގައި 390 ގެސްޓްހައުސް ހިންގަމުންދެ އެވެ.