ރާއްޖޭގެ ޓޫރިޒަމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މީރު އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވޮލްޓާ ސީ. ކައުފްމަން އިއްޔެ ނިޔާވެއްޖެ އެވެ.
ޓޫރިޒަމްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ވޮލްޓާ ނިޔާވީ ކެންސަރު ބައްޔަން ފަރުވާ ކުރައްވަމުން ދަނިކޮށް އޮސްޓްރޭލިއާގަ އެވެ.
ޗަމްޕާ ބްރަދާސްގެ ގިނަ ރިސޯޓުތަކެއްގައި ހިދުމަތްކޮށް ގިނަ ބަޔަކު ތަމްރީން ކޮށް ދެއްވި ވޮލްޓާގެ ހިދުމަތްތަކާ ބެހޭ ގޮތުން ޗަމްޕާ ހުސެއިން އަފީފު "އަވަސް" އަށް މިއަދު ވިދާޅުވީ ވޮލްޓާއަކީ އެ ކުންފުންޏާއި ރާއްޖޭގެ ޓޫރިޒަމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
"ރާއްޖޭގައި 15 އަހަރު ވަނީ ހިދުމަތް ކޮށްދެއްވާފަ. މިހާރު މިފެންނަ މީރު އައިލެންޑް ރިސޯޓާއި ގަސްފިނޮޅު އެގޮތުގައި ފެނުމުގައި އޭނަގެ ދައުރު ބޮޑު،" އަފީފު ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ ވޮލްޓާއަކީ ރާއްޖޭގެ ޓޫރިޒަމަށް މީހުން ބިނާ ކުރުމުގައި ދެވަނަ އެއް ނެތް ބޭފުޅެއް ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ރިސޯޓުތަކުގައި އެންމެ މަތީ ލެވަލްގައި އެ ތިބި ހުރިހާ ކުދިން އެ މަގާމަށް އައުމުގައި ވޮލްޓާގެ ދައުރު ވަރަށް ބޮޑު،" އަފީފު ވިދާޅުވި އެވެ.
ކޮމަންޑޫ ރިސޯޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލާހު ވިދާޅުވީ ވޮލްޓާއަކީ ދިވެހިންނާ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އަދި އެއީ ލާމަސީލު މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އެންމެންގެ މެންޓާއެއް. އަޅުގަނޑު މި މަގާމަށް އައުމުގެ ވޮލްޓާގެ ދައުރު ބޮޑު. ފުރަތަމަ ވޮލްޓާއާ ދިމާވިއިރު އަޅުގަނޑު ހުރީ ފްރަންޓް އޮފީސް ސްޕަވައިޒަރަކަށް. ވަރަށް ގިނަ އެއްޗިހި މި ދާއިރާ އިން އަޅުގަނޑަށް ވެސް ކިޔައި ދެއްވި،" ޒުވާން ޖީއެމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޮލްޓާއަކީ މަސައްކަތުގައި 110 ޕަސެންޓް ދޭ، ބޭފުޅެއް ކަމަށާ ދިވެހިން ދެކެ ވަރަށް ލޯބިވާ ބޭފުޅެއް ކަމަށެވެ.
"ރޯދަ މަހު ރޯދަ އަށް ވެސް ހުންނަ ވާނެ. ކޮންމެ ދުވަހަކު ރޯދަ ވީއްލަން ހުންނަ އެއްޗިހި ޗެކް ކުރާނެ. ވިދާޅުވާނެ ހަރަދު ބޮޑު ވިއަސް ވަަރަށް ރަނގަޅަޅޭ ހުންނަން ވާނީ. އަދި ލޯންޗް ކްރޫއިންގެ ޓޭކްއަވޭ ވެސް ވަރަށް ރަނގަޅު ކޮށޭ ހުންނަން ވާނީ ވިދާޅުވޭ. ކައިރިން އެކަންތައް ބައްލަވާ،" ސަލާހު ވިދާޅުވި އެވެ.