ވިޔަފާރި

އެއާޕޯޓުގެ ލޯނު ދައްކަނީ ބަޖެޓަކުން ނޫން، 15 އަހަރުން ދެއްކޭނެ: ނަޒީރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ސަރުކާރުން ނަގާފައިވާ އެއް ބިލިއަން ޑޮލަރުގެ ލޯނު 15 އަހަރުން ދެއްކޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގައި ކުރި އަށް ގެންދިޔަ، "މައި ފިއުޗާ- މައިނޭޝަން" ޕްރޮގްރާމުގައި ކްރައުން ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ، ނަޒީރު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރަން މި ސަރުކާރުން ކުރިއަށް ގެންދަނީ "އެކްސަލަރޭޓެޑް އިކޮނޮމިކް" އެޖެންޑާއެއްގެ ދަށުން ކަމަށެވެ.

"ބޭރުގެ މާހިރުންގެ އެހީގައި މި ކުރިއަށް ދަނީ. އަޅުގަނޑުމެންގެ އިންވެސްޓްމަންޓް މި އުޅެނީ އެއް ބިލިއަން ޑޮލަރުގައި. މި އިންވެސްޓްމަންޓުގެ ރިކަވަރީއަކީ އެސްޓިމޭޓް ކުރެވެނީ 15 އަހަރަށް. އެންމެ ބޮޑެތި ލޯނު މި އަންނަނީ ޗައިނާ ސަރުކާރުންނާއި ސައޫދީ އަދި މިޑްލްއީސްޓް ފަންޑުތަކުން. އެ ބޭފުޅުން އަޅުގަނޑުމެންނަށް ލޯނު ދެއްވާފައި މިވަނީ ވަރަށް ކުޑަ އިންޓަރެސްޓް ރޭޓުގައި 25 އަހަރަށް،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ކުރިއެރުން މިހުރި ރޭޓުން ލޯނު ދެއްކުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

"މިހާރުގެ ސްޕީޑުން އަމިއްލަ އަށް [ލޯނު] ދެއްކޭނެ. އިރާދުކުރެއްވިއްޔާ މިހާރު ދާގޮތަށް ދާނަމަ މި ފައިސާއަކީ ސަރުކާރުގެ މާލިއްޔަތުން ނަގައިގެން ދައްކަން ޖެހޭނެ އެއްޗެއް ނޫން. އެ އޮޕަރޭޝަނުން [އެއާޕޯޓް] އިން ދެއްކޭނެ އެއްޗެއް،" ނަޒީރު ވިދާޅުވި އެވެ.

މިހާރުގެ ސްޕީޑުން އަމިއްލަ އަށް [ލޯނު] ދެއްކޭނެ. އިރާދުކުރެއްވިއްޔާ މިހާރު ދާގޮތަށް ދާނަމަ މި ފައިސާއަކީ ސަރުކާރުގެ މާލިއްޔަތުން ނަގައިގެން ދައްކަން ޖެހޭނެ އެއްޗެއް ނޫން. އެ އޮޕަރޭޝަނުން [އެއާޕޯޓް] އިން ދެއްކޭނެ އެއްޗެއް
އަހުމަދު ނަޒީރު | ކްރައުން ނަޒީރު


ހޮޓެލް އެންޑް ރިސޯޓުގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ލޯނުން އުފެދޭ ދަރަންޏަކީ ރާއްޖެއަށް މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އެބަހުރި އެ ކެޕޭސިޓީ. ސަރުކާރުގެ އިންފްރާސްޓްރަކްޗާ އާއި ދިވެހި ގައުމުގެ މުސްތަގުބަލަށް ބަލާއިރު މިއީ ވަަރަށް ކުޑަ ކަމެއް. މިހާރު މި ކުރެވެނީ ފީޒިބިލިޓީ ސްޓަޑީ އާއި ކޮންސެޕްޓް ހަދައި ދުނިޔޭގެ ފެންވަރުގައި އިންވެސްޓްމަންޓްތައް. ހަމަ ތިބެފައި ކުރަނީ އެއް ނޫން،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކުގައި ނަގާ ލޯނުތައް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ލޯނުގައި، ހާސް މި ލަފުޒު އަޅުގަނޑު ބޭނުން ކުރާކަށް ވެސް ބޭނުމެއް ނޫން. މި އެޓްރެކްޓިވް،" ޖަނާހު ވިދާޅުވި އެވެ.

ލޯނުގައި ހާސް މި ލަފުޒު އަޅުގަނޑު ބޭނުން ކުރާކަށް ވެސް ބޭނުމެއް ނޫން،
މުހައްމަދު އަލީ ޖަނާހު

ނަޒީރު ވިދާޅުވީ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓު ހިންގިއިރު، ރާއްޖޭގެ އެއާޕޯޓަށް ގެއްލުން ވަމުންދިޔަ ކަމަށެވެ.

"އެމްއޭސީއެލް އިން ހިންގަން ފެށި ފަހުން ފަސް އަހަރު ތެރޭގައި ސާފު ފައިދާ 460 މިލިއަން ޑޮލަރަށް އަރައިފި. ޖީއެމްއާރު ސެޓެލްމެންޓްގައި 270 މިލިއަން ޑޮލަރު ދެއްކި،" ނަޒީރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ވީއައިއޭ ތަރައްގީ ކުރުމަށް ބިޔަ މަޝްރޫއެއް ހިންގަމުންނެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަޝްރޫއުތަކުގެ ބޮޑުބައެއް މި އަހަރު ނިންމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.