ރިޕޯޓް

މުންޑޫ، ޗައިނާގެ މުސްލިމުންނާއެކު: ކައިފިންތަ؟ ނިދިންތަ؟

Oct 2, 2016
15
  • އިސްލާމް ދީން ކިޔަވައިދޭ ބޮޑެތި 10 މަރުކަޒު
  • އިސްލާމިކް އެސޯސިއޭޝަންތައް ހިންގާ
  • މުސްލިމުންގެ އާބާދީ 21 މިލިޔަނަށްވުރެ ގިނަ

ޑިޑް ޔޫ އީޓް! -- ތިބާ މީރުކޮށް ކައިފިން ހެއްޔެވެ؟
ޑިޑް ޔޫ ސްލީޕް! -- ތިބާ އަރާމުކޮށް ނިދިން ހެއްޔެވެ؟

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު، ޗެއާމަން މާއޯ ޒޭޑޯން، ޗައިނާއަށް ވަރަށް ބޮޑު ކަލްޗަރަލް ރިވޮލިއުޝަނެއް ގެނެއްވި އެވެ. އިންގިލާބީ މި ބަދަލު 1966 އިން 1976 އަށް މާއޯ ގެންނެވުމުގައި ރަށްފުށުގެ ދަނޑުވެރިން ސިޓީއަށް ބަދަލުކޮށް މަސައްކަތުގައި ސާމިލު ކުރުވުމާއެކު ދަނޑުވެރިކަމުގެ އިންޖީނު ރޫރޫލައިގަތެވެ ފުޓްސޯޓޭޖަކާ ދިމާއަށް ދިޔައެވެ. އެ އިހުސާސްތަކުގެ ތެރޭގައި އެކަކު އަނެކަކާ ބައްދަލުވެއްޖެ ނަމަ ލޯތްބާއެކު "ތިބާ ކައިފައިންތަ؟" އަދި "ތިބާއަށް އަރާމުކޮށް ނިދުނުތަ؟" މި ސުވާލުތައް އަހަ އެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ އެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އިގްތިސޯދެވެ. ދުނިޔޭގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. އެފަދަ ބިޔަ ބޮޑު ގައުމުގެ 1.37 ބިލިއަން މީހުންގެ އާބާދީގައި މި ދެ ސުވާލަކީ އެކަކު އަނެކަކަށް އަޅައިލުމާއި ލޯބި ދައްކުވައިދޭ ދެ ރަމްޒެވެ. އެ މީހުންގެ ހިތާ އެންމެ ގާތުގައިވާ އެންމެ ރީތި ސަގާފަތެވެ. އެކަކު އަނެކަކަށް ބައްދަލުވާ ހިނދުއެވެ. މިފަހަރު ޗައިނާގެ ޒިނާން ސިޓީގައި ހުރެގެން އަހަރެން މި ދެ ސުވާލު ކޮށްލާނަމެވެ. ޗައިނާގެ ބިޔަ އާބާދީގައި ހިމެނޭ 22 މިލިޔަން މުސްލިމުންގެ މައްޗަށް ގަނޑުކޮށެވެ. ތިޔަ ތިބީ މީރުކޮށް ކައިގެން ހެއްޔެވެ؟ އަރާމުކޮށް ނިދައިގެން ހެއްޔެވެ؟

ޗައިނާގެ 1.37 ބިލަންމީހުންގެ އާބާދީގެ ކުރީގެ ވެރިރަށް ޒިއާން ސިޓީގެ ކާރޫބާރޫ ބޮޑު މުސްލިމް ސްޓްރީޓްގައި ހުރެ ހަމައެކަނި ޗައިނާގެ މިތިބަހާ މުސްލިމުންނަށް އަޑު އިއްވަން މި ސުވާލު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ކޮންމެ ރޯދަ މަހުކު ޗައިނާގެ މުސްލިމުން ރޯދަ ހިފިޔަ ނުދީ ދުއްތުރާ ކުރާ ކަމަށް ދެކެވޭ ވާހަކަތަކުގެ ތެރެއަށް ވަދެލައި އެއަށް ޖަވާބެއް ހޯދައިލުމެވެ. އަދި ޗައިނާގެ މުސްލިމުންގެ ހާލު ލޮލުން ދެކެ އަތުން ހިފުމެވެ. އެމީހުން ސުފުރާ މަތިން ކައި އެ މީހުންގެ މިސްކިތުގައި ނަމާދުކޮށްލައި އެ މީހުންގެ ވިޔަފާރި ގޭގެއިން ބާޒާރުކޮށްލާ ހެދުމުގައި ދައްޗެއް ތުރާލެއް އޮތްތޯ ބެލުމެވެ.

މުސްލިމް ސްޓްރީޓްފެ ބިޔަ ރެސްޓޯރެންޓަކަށް ވަދެވުމާއެކު ސަލާމް ގޮވާލާފައި އެކެއްގެ ގާތުގައި "ނިޝިލޭ...! ނެ ދަޝުއީ މިއާން؟" މިހެން އެހީމެވެ. އެންމެންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. އެއްފަހަރާ ޖަވާބު ދިނީ "އަލްހަމްދު ލިއްލާހި" އޭ ބުނަމުންނެވެ. އެ މީހުން އެ ހިނިތުމުގައި ތިބި އިރު ކޮންމެ ރޯދަ މަހަކާ ދިމާކޮށް ޗައިނާގެ މުސްލިމުންނާ ގުޅުވައި ހެޑްލައިންނަށް މި އަންނަނީ ކޮން ވާހަކައެއް ހެއްޔެވެ؟

"އެއީ އެކަމުގައި މާ ބޮޑު ހަގީގަތެއް އޮންނަ ވާހަކަތަކެއް ނޫން! އެއީ ސިޔާސީ ކަމެއް،" މި ރެސްޓޯރެންޓްގެ މުސްލިމް މެނޭޖަރު އަދި ތަނުގެ ވެރިޔާ ބުންޏެވެ. އޭނާ އޭރު ތައްޔާރުވަމުން ދިޔައީ އިޝާ ނަމާދަށް އަރަން އެ ސަރަހައްދުގައި ހުންނަ ޗައިނާގެ އެންމެ ދުވަސްވީ މިސްކިތަށް ދިއުމަށެވެ. އަދި ބުންޏެވެ: "ތިބާއަށް ވެސް ނަމާދު ކުރެވޭނެ، ތިބާއަށް ރޯދަ ހިފައި ގުރުއާން ކިޔެވޭނެ، ހައްޖުވެ ޒަކާތް ދެވޭނެ، ތިބާއަށް ވަޒީފާ އަދާކޮށް މުދާ ހޯދައި ވިޔަފާރި ކުރެވޭނެ، ޗައިނާގައި މުސްލިމުންނަށް ހުރަހެއް ނެތް،"

އެހެން ފިހާރައެކެވެ. މުޅީން މުސްލިމް އަންހެން ކުދިންނާއި މެދު އުމުރުގެ އަންހެނުންނެވެ. ހަލާލު ގޮތުގައި ކަތިލާފައިވާ ގެރިމަހުގެ ކާތަކެތި ވިއްކުމުގަ އެވެ. މުސްލިމުންގެ ރީތި ހެދުމާއި ރީތި އާދަ ކާދައިގަ އެވެ. އެތަނުން އެއް ޒުވާނަކު ކިޔައިދިން ގޮތުގައި ޗައިނާގެ މުސްލިމުންގެ ވާހަކަ އަހަރުގެ ކޮންމެ ވެސް ހިސާބަކުން ސުރުހީއަށް ބަދަލުވަނީ ސިޔާސީ ގޮތުން ހުޅަނގުގެ ގައުމުތަކުން ޗައިނާގެ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ގަސްދުގައި ރާވައިގެނެވެ.

ހަގީގަތުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި ކޮމިއުނިސްޓް - ސޯޝަލިސްޓް ދައުލަތެއް ގާއިމް ކުރެވުނުތާ 67 އަހަރުވީއިރު އިސްލާމީ ގައުމުތަކާ އެއްކޮޅަށް އެންމެ ބޮޑަށް ވަކާލާތުކޮށްފައިވާ އަދި ކުރަމުންދާ ދުނިޔޭގެ ބޮޑުބާރަކީ ޗައިނާއަށްވާއިރު ޗައިގެ މުސްލިމުންނާބެހޭ ގޮތުން ކޮންމެއަހަރަކު ހުޅަނގު ދައްކާ ހެއްވާ ވާހަކަ އެވެ.

"ޗައިނާ މިއީ އެންޓި މުސްލިމް ނުވަތަ މުސްލިމުންނާ ދެކޮޅު ގައުމެއްތަ؟ ތިބާއަށް މި މަންޒަރު ފެނޭތަ؟ އެކަމަކު މުސްލިމުންގެ ތެރޭގައި ވެސް ހަރުކަށި މީހުން ތިބެދާނެ، އެފަދަ ފަރާތްތަކުގެ ފައިދާ ހުޅަނގު ގައުމުތަކުން ނަގައި ޗައިނާއާ ޖައްސާލާ ކޮންމެ އަހަރެއްގައި ވެސް އަހަރުގެ ކޮންމެވެސް ހިސާބެއްގައި، އޭގެ ގިނަ ވާހަކަ ވަނީ ހަދާފައި،" ޒުވާން އެ އަންހެން ކުއްޖާ ތައްޔާރު ކުރަމުން ދިޔަ ގެރި މަހުގެ ކަބާބުގެ ރަހަ ބަލައިލުމަށް ދިއްކޮށްލަމުން ބުންޏެވެ. -- ޝުކުރިއްޔާ!

ޗައިނާގެ ގްރޭންޑް މޮސްކްގެ މުންނާރު ބެލެހެއްޓުމުގައި ތިބޭ މީހުންގެ ތެރެއިން އެކަކީ ވަރަށް ދުރުން އެހިސާބަށް އަންނަ މީހެކެވެ. އޭނާއަކީ ކުރިން ވަކި ދީނެއް ހިޔާރުކޮށްގެން އުޅުނު މީހެއް ވެސް ނޫނެވެ. އަހަންނަކީ މުސްލިމެއްކަން އެނގުމުން އޭނާ ބޭނުންވީ އެކުގައި ފޮޓޯއެއް ނަގާށެވެ. އެ ފަހުންވެސް އަތުކުރިން ދުލެއް ނުކުރި އެވެ. ކުރެވުނު ސުވާލަކުން އޭނާގެ ވާހަކައިގެ ކުރި ފަޅައިފި އެވެ.

އޭނާ ބުނިގޮތުގައ ޗައިނާގެ މުސްލިމުންނާ ގުޅުވާލައިގެން އުފަން ކުރާ މައްސަލައަކީ "އެއްގޮތަކަށް ވެސް އެހެން އޮތް މައްސަލައެއް ނޫނެ" ވެ.

"އަހަރެމެންގެ ތެރޭގައި މުސްލިމުން ބެހިގެން ދަނީ މައި ދެ ދަރިކޮޅަކަށް އެއީ ޗައިނާގައި ރަސްމީކޮށް ބަލައިގެންފައިވާ 55 ދަރިކޮޅުގެ ތެރެއިން ދެ ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ހޫއީންނާއި ޗައިނާގެ ސިޔާސީ ހަލަބޮލިކަން ބޮޑުވެފައި އޮތް ޒިންޖިއާންގަށް ނިސްބަތްވާ ޔީގްހޫރު ދަރިކޮޅު އޭގެ ތެރެއިން ނުކުންނަށް ކުދި މައްސަލަތަކުގެ ފައިދާ ހުޅަނގު ނަގަނީ، އަހަރެމެންގެ އެއްވެސް މައްސަލައެއް ނެތް،"

"ތިބާ ކައިފިންތަ؟ ތިބާ އަހަރާމުގައި ނިދިންތަ؟" މިސް ކިތުގެ ވުލޫކުރަން ހާއްސަ ބައި ދައްކާލުމަށްފަހު އަހަންނާ ވަކިވަމުން އޭނާ އެއްސެވެ.

އިސްލާމް ދީނުގެ މަތިވެރިން ނޫރު ޗައިނާގެ ފާރު ހުރަސްކޮށް ވަދެ ބޮޑު އާބާދީއަކަށް އަލިކޮށްދިންތާ 1،400 އަހަރުވެއްޖެ އެވެ. މި ގައުމުގައި "މުސްލިމުންނަށް މިނިވަންކަމެއް ނެތޭ!" ހުޅަނގުގެ މީޑިއާއިން ބުނާއިރު އަދި "ޗައިނާގައި މުސްލިމުން ދީނުން ބޭރުކުރަނީ" އޭ ބުނެ ރިޕޯޓް ކުރާއިރު އެއަކީ އަސްލު އެ ވާހަކަ ދައްކާހާ ބޮޑުކޮށް އޮތް މައްސަލައެއް ނޫނެވެ.

އަހަރެން ޗައިނާގައި ހޭދަ ކުރި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުސްލިމުން ތަފާތު ކުރުމުގެ ގޮތުން ކުރި އަދި ކޮށްފައިވާ ކަމެއް ނުދެކެވެ. މުސްލިމް އާބާދީ ބޮޑު ޒިއާންގެ ގިނަ އަދަދެއްގެ މުސްލިމު އާމުންނާއި އިލްުމުވެރިންނާއި އިމާމުން ފަދަ ބޭފުޅުންނާ ވާހަކަ ދެއްކި އިރު ވެސް އެކަންކަމާ އިންކާރު ކުރެ އެވެ.އެމީހުންގެ މައިގަނޑު ވާހަކައަކީ "ޗައިނާގައި މުސްލިމުންނަށް އިސްލާމް ދީނުގެ ޝިއާރުތައް ފާޅުކުރުމާއި ދީނުގެ މަގަށް އުޅުމުގައި ހުރަސްތަކެއް ކުރިމަތިކުރެވިފައެއް ނެތޭ" އެވެ.

ޗައިނާގެ މުސްލިމުންނަށް ދީނީ މިނިވަންކަމާއި ހައްގުތައް ލިބިފައިވާއިރު ޗައިނާގެ ވާދަވެރި ގައުމުތަކުގެ މީޑިއާއިން އެހެން މަންޒަރެއް ދައްކަން ކުރާ މަސައްކަތުގައި ކޮންމެވެސް ބޭނުމެއް އޮންނާނެ އެވެ. ޗައިނާއަކީ ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުގެ ރުހުމާއި ތާއީދު ލިބިފައިވާ ގައުމަކަށްވާތީ އެ އިތުބާރު ނަގާލައި މުސްލިމުންނާއި ޗައިނާ ޖެއްސުމެވެ.

  • މުސްލިމް ސަރަހަދުތަކުގައި 30،000 އަށްވުރެ ގިނަ މިސްކިތް ހުރޭ
  • މުސްލިމުންގެ އަޑު އުފުުލުމަށް 16 އިލްމުވެރިންގެ ކައުންސިލެއް
  • 45،000 އަށްވުރެ ގިނަ މަތީ ފެންވަރުގެ އިމާމުން

ޗައިނާއަށް އިސްލާމްދީނުގެ ހިދާޔަތު އެންމެ ފުރަތަމަ ގެނެސް ދެއްވި ކަމަށް ޗައިނާގެ މުސްލިމުން ވެސް އަދި ރަސްމީ ޑޮކިއުމަންޓްތަކުން ވެސް ބުނާ ބޭފުޅަކީ ސަހާބީ ސައުދު ބިން އަބީ ވައްގާސެވެ. ޗައިނާގައި އެންމެ ފުރަތަމަ އެޅި މިސްކިތަކީ ގުއާންޒޫގައި އެޅި ހުއައިޝެން މިސްކިތެވެ. އެ މި މިސްކިތް ސައުދު ބިން އަބީވައްގާސްގެ ހަނދާނުގައި ބިނާކުރި މިސްކިތެކެވެ. އެހިސާބުން ފެށިގެން ޗައިނާގައި އިސްލާމީ ދަންމަރު ވަނީ ފާޅުވެފަ އެވެ. އެ ނޫރު ދަނީ ވިދާ ބަބުޅަމުންނެވެ. ދުވަހުން ދުވަހަށް ޗައިނާގެ މުސްލިމު އާބާދީ ދަނީ މައްޗަށް އުފުލެމުންނެވެ.

ޗައިނާއަކީ ކޮމިއުނިސްޓް ސޯލިސްޓް ގައުމެކެވެ. އެއްވެސް ދީނެއްވަކިން ނަގައިގެން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި ޗައިނާއިން ޕްރޮމޯޓް ކުރަނީ ގައުމާއި ވަތަނެވެ. އަދި އެރޫހެވެ. އެކަމަކު ޗައިނާގެ އެހެން ދީންތަކާ ހިލާފަށް ސަރުކާރުގެ ބައިވެރިވުމާއެކު ޗައިނާގެ މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރުމާއި ދީނުގެ މަގުގައި ސާބިތުވެ ތިބުމަށް 1953 ވަނަ އަހަރުން ފެށިގެން ބޮޑެތި މަސައްކަތްތަކެއްވަނީ ކޮށްފައެވެ.

ރާއްޖެއެކޭ އެއް ގޮތަށް ޗައިނާގައި ވެސް ނަމާދު ގަޑީގައި ކޮންމެ މިސްކިތަކުން ވެސް ބަންގި ގޮވައެވެ. ބަންގީގެ އަޑު ގުގުމާލާ ގޮތަށް މިސްކިތާއި މިސްކިތުން ބޭރުގައި ވެސް ފައްކާކޮށްފައި ހުރެ އެވެ. މުސްލިމުން އަންހެނުންނާއި ފިރިހެނުން ފެނުމާއެކު އެއީ މުސްލިމުންކަން އެނގެ އެވެ. އެންމެވެސް އަޅަނީ މުސްލިމުންގެ ހެދުމެވެ. ފިރިހެނުން ބޮލުގައި ތާކިހާ އަޅާފަ އެވެ. އަންހެނުންބުރުގާ އަޅައިގެނެވެ. ނަމާދު ކުރުމާއި ހުކުރު ކުރުމުގައި ހުރަހެއް ނޯވެ އެވެ.

ޗައިނާގެ ކުރީގެ ވެރިރަށް ޒިއާން ސިޓީގެ އާބާދީއަކީ އަށް މިލިޔަނެވެ. އޭގެ ތެރެއިން މުސްލިމުންގެ ނިސްބަތަކީ އެއް ޕަސެންޓެވެ. މި އެންމެނަކީ އިސްލާމިކް ފައިނޭން އުސޫލަށް ތަބާވާ ސުންނީ މުސްލިމުންނެވެ. ޗައިނާގެ މުސްލިމުންނަކީ އިސްލާމިކް ފައިނޭންސްގެ އުސޫލުތަކަށް މާކުރީއްސުރެ ތަބާވަމުން އައިބަޔެކެވެ.

ޗައިނާގެ ބޮޑެތި ބޭންކުތަކުގެ ތެރެއިން ބޭންކް އޮފް ނިންޒިއާއަކީ އިސްލާމިކް ފައިނޭންސްގެ މައިގަޑު އެއްމަރުކަޒެވެ. ޗައިނާގެ އެންމެ ޝަރަފުވެރި ދެ މުވައްސަސާއަކީ ސިފައިންނާއި ކޮމިއުނިސްޓް ޕާޓީ ކަމަށްވާއިރު ސިފައިންގެ އާދައިގެ މަގާމުތަކުން ފެށިގެން އޮފިސަރުންނާ ހަމަޔަށް މުސްލިމުން އެބަތިއްބެވެ. ޗައިނާގެ ތާރީޚުގައިވެސް މުސްލިމް އޮފިސަރުން އަދާކޮށްފައިވާ މުހިއްމު ދައުރު ވަނީ ބަޔާންވެގެންނެވެ. ކޮމިއުނިސްޓް ޕާޓީގެ މަގާމުތަކުގައިވެސް މުސްލިމުން އެބަތިއްބެވެ.

ކޮންމެ ރަށެއްގައި އިސްލާމްދީނުގެ އުސޫލުތަކަށް ފެތޭ ކެއުން ލިބޭނޭހެން ރެސްޓޯރަންޓްތަކާއި ކެފޭތައް ގާއިމްކުރެވިގެންވެއެވެ. އެތަންތަން ގިނަފަހަރަށް ހިންގަނީވެސް މުސްލިމުންނެވެ. ގެރިބަކަރި ހަލާލުގޮތުގައި ކަތިލައި އޭގެ މަސް ވިއްކާ ތަންތަނުގައި އެއީ ގިންގްޒެންސާއީ ނުވަތަ ހަލާލު މަސްކަން އެނގޭނޭހެން ލިޔުންތައް ބަހައްޓާފައި ހުރެއެވެ. ނަންބޯޑުގެ ތިރީގައި އަރަބިން ޝަހާދަތުގެ ދެކަލިމަވެސް ލިޔެފައި ހުރެއެވެ. އާބާދީ ކޮންޓްރޯލް ކުރުމަށްޓަކައި ވަރަށް ހަރުކަށި އުސޫލުތަކެއް ތައާރަފް ކުރެވިފައިވާ ގައުމެކެވެ. ކޮންމެ ދެމަފިރިއަކަށް ހުއްދަވެގެންވަނީ އެއްކުއްޖަކު ކަމަށްވިޔަސް ޗައިނާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި މުސްލިމުން ވަނީ މި އުސޫލުން އިސްތިސްނާ ކުރެވިގެންނެވެ. ސިޓީތަކުގައި މުސްލިމް ދެމަފިރިއަކަށް ދޭއް ނުވަތަ ތިނެއް ހުއްދައެވެ. ރަށްފުށުގައި ނަމަ ތިނެއް ނުވަތަ ހަތަރެއް ހުއްދައެވެ.

ޗައިނާގެ ބޮޑެތި އަދި އާސާރީ މިސްކިތްތަކުގެ ތެރެއިން ދެން އެންމެ މުހިއްމު މިސްކިތަކީ ޒިއާން ސިޓީގައިވާ ބޮޑު މިސްކިތެވެ. މިއީ މުޅިންވެސް ޗައިނާގެ އިމާރާތް ކުރުމުގެ ފަންނަށް ފެއްތިފައިވާ ވަރަށްވެސް ބޮޑު ވަރަށްވެސް ހައިބަތު ހުރި މިސްކިތެކެވެ. މި މިސްކިތުގައި ކޮންމެ ދުވަހަކު ވައުޒު ބުނުމާއި ދީނީ ދަރުސް ދިނުން އޮވެއެވެ. މިސްކިތުގެ މައި ހޯލާއި އިންވެގެން ދަރުސް ދިނުމަށް ހާއްސަ ހޯލެއް ހަދާފައި ހުރެއެވެ. ޗައިނާގެ ޓަން ޚާންދާނުގެ ރަސްކަމުގެ ދުވަސްވަރު މި މިސްކިތް މުޅިން ނިންމާލެވިފައިވަނީ މީލާދީން 742 ވަނަ އަހަރުއެވެ. މިސްކިތް ގާއިމް ކުރެވިފައިވަނީ ބާރަހާސް އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައެވެ. މިމަގުގެ ފިހާރަތަކާއި ކެފޭތަކުން ފެންނަނީ މުޅިން ވެސް އިސްލާމީ ތަރިކައިގެ އަސަރުތަކެވެ. ޝަހާދަތުގެ ދެކަލިމަ ލިޔެފައި ނުވާ ފިހާރައެއް ކެފޭއެއް މިމަގުން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.

ޑިޑް ޔޫ އީޓް!
ޑިޑް ޔޫ ސްލީޕް!