- މިފްކޯއަށް ގެއްލުންވާތާ އަހަރުތަކެއްވެއްޖެ
- ރީ-ސްޓްރަކްޗާ އިން ބަދަލުތަކެއް ގެނެވިދާނެ
- ބަދަލާމެދު ހިއްސާދާރުން ކަންބޮޑުވުން އެބައޮތް
ސަރުކާރުން މި ވަނީ އެސްޓީއޯގެ ދަށަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބަދަލުކޮށްފަ އެވެ. ބޮޑު ގެއްލުމެއް ވަމުންދާ މިފްކޯ-އެސްޓީއޯގެ ދަށަށް ގެންދިއުމާއެކު، އެސްޓީއޯގެ ހިއްސާދާރުންގެ ވަނީ ސުވާލުތަކެއް އުފައްދާފަ އެވެ. މި ބަދަލާއެކު އެސްޓީއޯގެ ހިއްސާދާރުންނަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ މިއީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟
"މި ބަދަލުގެ ސަބަބުން އެސްޓީއޯގެ ހިއްސާދާރުންނަށް ވާނީ ފައިދާ،" މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލް "އަވަސް" އަށް ވިދާޅުވި އެވެ.
އެސްޓީއޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެ އިން އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ކުންފުންޏެވެ. ދިވެހި ސަރުކާރުގެ 81.62 ޕަސެންޓާއި އާއްމުންގެ 18.37 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް 520 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 57ރ. ބަހާފައިވެ އެވެ.
ނަމަވެސް، އެސްޓީއޯގެ ދަށަށް ސަރުކާރުން ބަދަލުކުރި މިފްކޯއަކީ މިހާރު ވެސް ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އޮތް ކުންފުންޏެކެވެ. ނަމަވެސް މި ބަދަލު ގެންނަން ޖެހުނީ މިވަނީ މިފްކޯ ރީ-ސްޓްރަކްޗާ ކުރުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިކޮނޮމިކް ކޮމިޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވީ މިފްކޯ- އެސްޓީއޯގެ ދަށަށް ގެނެސް ރީސްޓްރަކްޗާ ކުރަން ޖެހުނީ "އެ ނޫން ގޮތެއް ނެތިގެން" ކަމަށެވެ.
"މިހާރު ވެސް މިފްކޯގެ ބުކްސް އަށް ބަލާއިރު 300 މިލިއަން ރުފިޔާ ނެގެޓިވް އިކިއުޓީއެއްގައި [ގެއްލުމެއް] މި އޮތީ. އެހެން ވީމާ އަޅުގަނޑުމެންނަކަށް ނެތް ކުންފުނި ރިސްޓްރަކްޗާ ނުކޮށް ހިންގޭކަށް ވެސް. އެކަން ކުރަން ޖެހެނީ ކުންފުނި ރިސްޓްރަކްޗާ ކުރަން. އެގޮތުގެ މަތިން މި ބަދަލު ގެނައީ،" ޒުހޫރު ވިދާޅުވި އެވެ.
މިފްކޯ މިހާލަތަށް ވެއްޓުނީ ކީއްވެ؟
އެންމެ މުހިންމު ސުވާލަކީ މިއީ އެވެ؟ ސަރުކާރުގެ މަސް ކުންފުނި، ދަރާ ވިކިގެން ގޮސް، އޮނިގަނޑަށް ބަދަލު ގެންނަ ހިސާބަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ މި މައްސަލައަކީ މި އަދަދު އިއްޔެއަކު ވީ ކަމެއް ނޫނެވެ. މިފްކޯ އަށް މި މައްސަލަ ދިމާވެފައިވާތާ އަހަރު ތަކެއް ވެއްޖެ އެވެ. މިކަން ގުޅިގެންދަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާއި، ކުންފުނީގައި ހުރި ވިޔަފާރީގެ ފުރުސަތުތައް މަދުވުމެވެ. އަނެއް ސަބަބަކީ މިފްކޯ އަބަދު ވެސް ހިންގަމުން އައިސްފައިވަނީ ސަރުކާރުގެ ޑިވިޒަނެއްގެ ގޮތުގައި ކަމަށްވުމެވެ. ސަރުކާރުން ސަބްސިޑީ ދީގެންނެވެ. މި އަހަރު އެކަނި ވެސް މަސް ގަންނަން ސަރުކާރުން މިފްކޯއަށް 80 މިލިއަން ރުފިޔާ ދީފައިވެ އެވެ. ދެން އޮތް ސަބަބަކީ 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މިފްކޯ އާއި ކޫއްޑޫ އަދި ފެލިވަރު ވަކި ތިން ކުންފުނީގެ ގޮތުގައި ބައިކޮށްލުމެވެ. މިކަން އޮޑިޓަ ޖެނެރަލް 2013 ވަނަ އަހަރު ނެރުއްވި ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ.
މިފްކޯގެ މާލީ ހިސާބުތަކުން ދައްކަނީ، މި ބަދަލުގެ ސަބަބުން ބޮޑު ގެއްލުމެއް ކުންފުންޏަށް ވެފައިވާ ކަމެވެ. މިގޮތުން ގެއްލުންވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ އެސެޓް ބެހުމުގައި ކަންތައް ކުރިގޮތެވެ. މީގެ ކުންފުނިން ވެސް މިފްކޯއަކީ ގެއްލުމުގައި ހިންގަމުންދިޔަ ކުންފުންޏެކެވެ. އެގޮތުން 2007 ވަނަ އަހަރު އެ ކުންފުންޏަށް 217 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ. އަދި 2008 ވަނަ އަހަރު 203 މިލިއަން ރުފިޔާ ގެއްލުންވި އެވެ. ނަމަވެސް 2009 ވަނަ އަހަރު މި ގެއްލުން ފުރަތަމަ ފަހަރަށް 317 މިލިއަން ރުފިޔާ ފަހަނަ އަޅައި ދިޔަ އެވެ. އަދި 2011 ވަނަ އަހަރު 370 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އަދި 2012 ވަނަ އަހަރު 372 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަން މިފްކޯގެ މާލީ ހިސާބުތަކުން އެނގެ އެވެ.
މިފްކޯއަށް ގެއްލުންވި އަހަރުތައް ކުރުކޮށް
- 2007 ވަނަ އަހަރު 207 މިލިއަން ރުފިޔާ
- 2008 ވަނަ އަހަރު 203 މިލިއަން ރުފިޔާ
- 2009 ވަނަ އަހަރު 317 މިލިއަން ރުފިޔާ
- 2011 ވަނަ އަހަރު 370 މިލިއަން ރުފިޔާ
- 2012 ވަނަ އަހަރު 372 މިލިއަން ރުފިޔާ
އެސްޓީއޯ ހިއްސާދާރުން ބިރު ގަންނަން ޖެހޭތަ؟
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު "އަވަސް" އަށް ވިދާޅުވީ މި ބަދަލުގެ މައިގަނޑު ސަބަބަކީ ދެ ކުންފުނި ގުޅިގެން މަސައްކަތްތަކެއް ކުރުން ކަމަށާއި، އެކަން ކުރިއަށް ގެންދާ ގޮތަކާމެދު ސަރުކާރާ މަޝްވަރާ ފަށާފައިވާ ކަމަށެވެ.
މިފްކޯގެ އެމްޑީ އަދްލީ ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން މިފްކޯ އާއި އެސްޓީއޯ އަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި މިއީ އެސްޓީއޯގެ ހިއްސާދާރުން ބިރު ގަންނަ ޖެހޭ ކަމެއް ނޫނެވެ.
"މިއީ ރައީސް ޔާމީން ނިންމެވި ވިޔަފާރީގެ ރަނގަޅު ނިންމުމެއް. މިފްކޯ އިން މިހާރު މި ވަނީ ކުންފުނި ރަނގަޅު ކުރުމަށް ކުރަން ޖެހޭ މައިގަނޑު އިންވެސްޓްމަންޓްތައް ކޮށްފަ. އެގޮތުން ފެލިވަރު އަޕްގްރޭޑް ކޮށް ވަނީ ނިމިފައި. އައްޑޫ ޕްލާންޓުގެ މަސައްކަތް ވަނީ ފެށިފައި. އެހެންވެ މި ބަދަލުގެ ސަބަބުން މުސްތަގުބަލުގައި އެސްޓީއޯއަށް ރަނގަޅުވާނެ،" އަދްލީ ވިދާޅުވި އެވެ.
މިފްކޯ އިން ވަނީ އެ ކުންފުނީގެ ދަށުގައި ހިންގާ ފެލިވަރު މަސް ބަންދުކުރާ ފެކްޓްރީ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ އިންވެސްޓްކޮށްގެން ބޮޑު ބަދަލެއް ގެނެސްފަ އެވެ. މީގެ އިތުރުން އައްޑޫގައި ވެސް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވެ އެވެ.
ދެ ކުންފުންޏަށް ވެސް ފައިދާ ހޯދިދާނެ
މި ބަދަލާއެކު ދެ ކުންފުންޏަށް ވެސް ފައިދާ ތަކެއް ހޯދިދާނެ އެވެ.
މިފްކޯގެ އެމްޑީ އަދްލީ ވިދާޅުވީ މިފްކޯއަށް އަހަރު 40 މިލިއަން ޑޮލަރު ލިބޭ ކަމަށާއި، އެހެންކަމުން އެސްޓީއޯ އަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށް ދެވިއްޖެނަމަ ފައިދާ ކުރާނެ ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާގެ ބޮޑުބައި ވިއްކަނީ ސަރުކާރު ކުންފުނިތަކަށް. ނަމަވެސް މިހާރުގެ ބަދަލުގެ ސަބަބުން އެސްޓީއޯ އަށް ފައިދާ ހޯދޭނެ. މިފްކޯއަށް ފައިދާ ބޮޑު. މިފްކޯގެ ހަރަދުގެ ބޮޑުބައެއް ތެލަކީ. އެސްޓީއޯ އިން މިފްކޯއަށް މިހާރަށްވުރެ އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދެވިދާނެ. މީގެ އިތުރުން މިފްކޯގެ ބޯޓު ފަހަރު މުޅި ރާއްޖޭގައި ހަރަކާތްތެރިވޭ. އެހެންވެ އެސްޓީއޯގެ ތެލުގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމަކީ ވެސް ކުރެވޭނެ ކަމެއް،" އަދްލީ ވިދާޅުވި އެވެ.
މިފްކޯ-އެސްޓީއޯގެ ދަށަށް ގެނައުމުން އިއުލާނު ކުރަން ބޭއްވި ނިއުސް ކޮންފަރެންސުގައި ފިނޭންސް މުހައްމަދު މުނައްވަރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސްވެރިކަމުގެ ދާއިރާގެ ވިޔާފަރި ބިޒްނަސް މޮޑެލަކަށް ހިންގުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން މިފްކޯ، އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުމަކީ ބިޒްނަސް މޮޑެލަކަށް މަސްވެރިކަމުގެ ވިޔަފާރިތައް ހިންގުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.
"މިއީ ވަރަށް ފައިނޭންޝަލީ ވަރަށް މުހިންމު ނިންމުމެއް، ބިޒްނަސް މޮޑެލަކަށް ފިޝަރީޒް އިންޑަސްޓްރީ ކުރިއަށް ނުދާތަން މި ފެންނަނީ، ކޮންމެ އަހަރަކު ސަރުކާރު ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަބްސިޑީގެ ގޮތުގައި ދެމުންދާތަން މި ފެންނަނީ، މިކަން ހައްލުކުރުމަށް ގެނެވޭ ބިޒްނަސް މޮޑެލަށް އަަލުކުރުމަށް އެޅިގެންދާ ފުރަތަމަ ފިޔަވަޅު އެޅިގެން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ މިފްކޯ ރީ-ސްޓްރަކްޗާ ކުރެވުމުން އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ފައިނޭންސް ހަމަޖެހިގެންދާނެ ކަމަށެވެ.
"ވަރަށް ފަހުން ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން ވަރަށް އިންޓަނޭޝަނަލް ބައެއް ކަމަށްވާ އައިޓީއެފްސީއާ، އައިޓީއެފްސީއަކީ އައިޑީބީގެ އާމެއް، އެ ބޭފުޅުންނަކީ ޓްރޭޑް ފައިނޭންސިން ދޭ ބައެއް، އެ ބޭފުޅުން ވެސް ތިއްބެވީ ފައިނޭންސެއް ދޭން ތައްޔާރަށް، އެކަމަކު ރީސްޓަކްޗާއެއް ނުކޮށް މިކަން ނެތް އަޅުގަނޑުމެންނަށް ކުރެވޭކަށް، އެ ބޭފުޅުން ވެސް ހަމަ މޯދެން 10، 20 މިލިއަން ޑޮލަރު ޓްރޭޑް ފައިނޭންސް އިން ދޭން ތައްޔާރަށް އެ ތިއްބެވީ، އެހެން ނަމަވެސް މިހާރު މިފްކޯ އޮތް ހާލަތެއްގައި ނެތް އެއްވެސް ކަހަލަ ފެސިލިޓީސްތަކެއް ދެވޭކަށެއް ރީސްޓަކްޗާ ނުކޮށެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެއަކަސް ސަރުކާރުން މިވަނީ މުހިންމު ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެއީ ސަރުކާރުގެ މަސް ކުންފުނި، އެސްޓީއޯގެ ދަށަށް ގެނައުމެވެ. ސުވާލަކީ މި ބަދަލުގެ ސަބަބުން ކުރާނެ އަސަރަކީ ކޮބައިބާ އެވެ؟