ރިޕޯޓް

ސުޕައިސް ރޫޓްގައި ރާއްޖެ: ޗައިނާގެ ބޮޑު ބާޒާރު!

ޗައިނާގެ ވެރިކަން ކުރާ މި ސިޓީ، ބެއިންޖިންގެ ހޯޓަން ރިކްޝާ ޓްއާ ވަރަށް މަޖަލެވެ؛ ރިކްޝާ ދަމައިދޭ ބައިސްކަލްގަނޑުގައި އިންނަ މީހާ މަޑި މައްޗަށް ތެދުވެލައި ފިނދުމަސްގަނޑު ކާއްތާލާފައި ދުއްވާ ހިނި އަންނަ މަންޒަރުގެ ތެރެއަށް ހުސްވާވަރު ނުވީ ފެންނަ އާދަޔާ ހިލާފު އިމާރާތްތަކާއި ސަގަފާތާއި އަޖައިބެއް ކަހަލަ ކޯރު "ހޯހައި" ގެ ހިތްގައިމު ކަމާއި ތާރީހުގެ ފުން ކަމުންނެވެ. ހަމަ އެއްވެސް ތަފާތެއް ނުފެންނަ ގޯޅިތައް އަޅަމުން ގޮސް ލޯކަލް އާއިލާއެއްގެ ގެއަށް ވަދެވިއްޖެ އެވެ. އެ އާއިލާގައި ހިމެނޭ ސުން ނަމަކަށް ކިޔާ އަންހެން މީހާއަށް އޭނާގެ ގެއަށް ވަނީ "މޯލްޑިވްސް" ދިހަ ވަރަކަށް މީހުން ކަން ކޮންމެވެސް މީހަކު ބުނެދީފި އެވެ. އޭނާ ހުޅުވައި ދިނީ އޮފީހެއް އަދި ކާގެއެއްގެ ގޮތުގައި ބޭނުން ކުޑަ ކޮޓަރިއެކެވެ. އެ ތަނުން ދެއްކީ ޗާޓެކެވެ. އޭނާ އެދުނީ އެ ޗާޓުން "މޯލްޑިވްސް" ފާހަގަ ކޮށްދޭށެވެ. ނޫސްވެރިޔާ އަދި ދުނިޔޭގެ ތާރީހާއި ހަބަރުތައް ދިރާސާ ކުރައްވާ މަޝްހޫރު ލިޔުންތެރިޔާ އިމާދު ލަތީފު އެ ޗާޓުން ފާހަގަ ކޮށްދެއްވީ ޗާއިނާ އާއި ރާއްޖެއާ ދެމެދު ކަނޑުގެ ދަތުރުތައް އޮންނާނެ އަދި އޮތް ގޮތުގެ މަގެކެވެ. އަދި ތިކިތަކުގެ ރާއްޖެ އާއި ރާއްޖެ ޗައިނާއަށް މުހިންމުވާ ސަބަބެވެ. ސްޕައިސް ރޫޓަކުން ފެށުނު ގުޅުމާއި ސިލްކް ރޫޓަކުން ފައްކާ ކުރާ ގުޅުމުގެ އަސްލާއި އިރު މައްޗަށް ރާއްޖޭގެ މޫނު އެނބުރުނު ގޮތެވެ. ސުން އާއި ހޯޓަން ރިކްޝާގެ ޓޫރިސްޓް ގައިޑް އެ ޗާޓުން ދެއްކި ރޮނގަކީ ޗައިނާގެ އެވޭލާ މިނިވަން ވިޔަފާރީ ދަތުރުތަކުގައި އެންމެ މުހިންމު ބެލްޓަކީ އިމާދު ފާހަގަ ކުރި ރޮނގު ކަމާއި އެ ރޮނގުމަތީގައިވާ ތިކިތަކަކީ އެ ދަތުރު ތަކުގެ އެންމެ ރަނގަޅަށް ފައްކާ ކުރެވުނު ބާޒާރާއި ގުޅުމުގެ މަންޒިލް ކަމެވެ. އެއީ ރާއްޖެ އެވެ. އެއީ ނިމުމެއް ނެތް ގުޅުމެއް ފަށައިދިން މަގެވެ.

"ޖޯގްރަފީ ގޮތުން ބެލިޔަސް އަދި ޖިއޯ ޕޮލިޓިކްސްގެ ގޮތުން ބަލާއިރު ވެސް ރާއްޖެ އޮންނަނީ ދުނިޔޭގެ ވަރަށް މުހިންމު ޕޮއިންޓެއްގެ ގޮތުގައި ބެލެވިފައިވާ ދިމާއެއްގަ މި ރޫޓަކީ ވަރަށް މުހިންމު ރޫޓެއް، އެކަން އެމީހުންނަށް ވެސް އެނގޭކަން އެ ބުނެދިނީ،" ހޯޓަން ރިކްޝާ ޓްއާއަށް ފަހު އިމާދު ވިދާޅުވި އެވެ.

މި މަގަށް ނުކުމެ ހޯދައި ބަލައިލަމާ ހެއްޔެވެ؟ އިމާދު ފާހަގަ ކޮށްދިން މަގަކީ ސްޕައިސް ރޫޓް، ނުވަތަ ހަވާދުގެ މަގެވެ. ރާއްޖެ އޮންނަނީ ސުޕައިސް ރޫޓްގަ އެވެ. ޖޯގްރަފީ ގޮތުން އެއީ އެ ބެލްޓްގެ އެންމެ މުހިންމު ޕޮއިންޓްގެ ހައްގަށް މެދެވެ. ކަނޑު ފަޅުގެ ދަތުރުފަތުރަށް އަހުލުވެރިވެގެން ތިބުމަކީ ރާއްޖޭގެ މައްޗަށް މުޅީން ލާޒިމުވި އެއް ސަބަބަކީ ވެސް އެއީ އެވެ. -- އަނެއް ސަބަބަކީ ޖިއޮގްރަފީ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ބޮޑު ބަޔަކީ ކަނޑު ކަމަށްވުމެވެ.

މި ސަބަބުތައް މިހެން ހުރުމުން ދުރު އިރު މައްޗާއި އިރުމަތީ އޭޝިއާގައި "ކަނޑުގެ ދަރީން" ގެ ގޮތުގައި ރާއްޖޭގެ ރަށްވެހިން މަޝްހޫރުވެފައި އޮވެ އެވެ. އިންޑިޔާ ކަނޑުގެ ސަރަހައްދުތަކުގެ ތެރެއިން ކަނޑުފަރުގެ ވަނަވަރަށް މޮޅުވެފައި އެކަމަށް ފަރިތަވެ އާދަވެފައި ތިބި ބަޔަކީ ވެސް "ކަނޑުގެ ދަރިން" ނުވަތަ ދިވެހިންނެވެ.

ސްޕައިސް ރޫޓްގެ ތެރެއިން ދެކުނު އިރުމަތީ އޭޝިއާއަށާއި ދުރު އިރުމައްޗަށް، އަދި މީގެ ތެރެއިން ޗައިނާއަށް ހަވާދުގެ ބާވަތްތައް ހޯދަން ގޮސް އުޅުނު ވިޔަފާރި އުޅަނދުތައް ދަތުރުކުރި ބެލްޓްގެ މެދުން އެންމެ މުހިންމު މަންޒިލަކީ ރާއްޖެ އެވެ. ބޮޑަށް ޗައިނާއަށް އަމާޒު ކުރެވޭ ސްޕައިސް ރޫޓްގައި ޗައިނާ އަކީ ދުރު އިރުމަތީ އޭޝިޔާގެ ގައުމެކެވެ. ނަމަވެސް ޗައިނާ ބޮޑުބައި އޭޝިޔާގެ މެދަކާ ހަމައަށް ދަމާލެވިފައި އޮތުމުން ދުރު އިރުމައްޗަށްވުރެ ބޮޑަށް ނިސްބަތް ކުރެވެވެނީ އިރުމަތީ އޭޝިޔާގެ ގޮތު އެވެ.

އަދި ސްޕައިސް ރޫޓްފައި ޗައިނާގެ ދަތުރުތައް ގިނަވެފައި ބެލްޓްގައި އެ ގައުމުގެ ވިޔަފާރި ފުޅާވެ ނުފޫޒު ގަދަކަމާއެކު ސްޕައިސް ރޫޓްގެ ހަވާދުގެ ބާވަތްތަކާއި ތަށި މުށީގެ ބާޒާރު އުފައްދަން ޗައިނާއިން ވަނީ ރާއްޖެއާއެކު ވަރަށް ބަދަހި ގުޅުމެއް މާ ކުރިން ފެށިގެން ފައްކާކޮށްފައި ކަމަށް މުޅީން ޔަގީން ކުރެވެއެވެ. އެއީ މިހާރު ޗައިނާ އާއި ރާއްޖެއިން ވެސް ބޭނުން ކުރާ "އެވަލާސްޓިން ފްރެންޑްޝިޕް" ގެ ގުޅުމެއްކަން އެނގެ އެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ މައްޗަށް ދިރާސާތަކެއް ކުރައްވާފައިވާ އާކިއޮލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރު ޖޯން ކާޒްވެއިލް އޭނާގެ "ދަ އެކްސްކެވޭޝަން އޮފް މެންޓާއީ" ގައި ހާމަކޮށްފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި ސްޕައިސް ރޫޓްގައި ދަތުރު ކުރި ވިޔަފާރިވެރިން ހާއްސަކޮށް ޗައިނާގެ ވިޔަފާރިވެރިންގެ އުޅަނދުތައް އެންމެ ގިނައިން ބަނދަރު ކުރަނީ ރާއްޖެއަށެވެ. އަދި އެންމެ ގިނައިން ތަކަތީ ބާޒާރު އުފައްދާ އެއް ގައުމަކީ ރާއްޖެއެވެ. އެއީ މިނިވަން ވިޔަފާރީގައި އެތައް ސަތޭކަ އަހަރުވީ ވަރަށް ބަދަހި ވަރަށް އާދަޔާ ހިލާފު ގުޅުމެކެވެ.

ރާއްޖެ ޗައިނާގެ މިނިވަން ވިޔަފާރި އާއި ގާތް ރަހުމަތްތެރި ގުޅުޅުމުގެ ސާފު މާޒީ އާއި ސީދާ އުމުރު ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ޗައިނާ އާއި ރާއްޖެ އާ ދެމެދު ހާއްސަ، ބަދަހި ގުޅުމެއް ފައްކާވެފައި އޮންނަތާ 1300 އަހަރަށްވުރެ ގިނަ ވެއްޖެ ކަމަށް ވަނީ ބެލެވިފަ އެވެ. "ސީނު ކަރަ" އިގެ ގޮތުގައި ދިވެހިން ޗައިނާއަށް ހާއްސަ ނަމައް ދީފައިވުމުން ވެސް ދުރު އިރުމަތީގައި އޮތް ޗައިނާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ޔަގީން ކޮށްދެ އެވެ.

ކާޒްވެއިލް ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައްޗަށް ހޯދުންތަކެއް ސީދާ ކުރެއްވޭތޯ މަސައްކަތްތަކެއް ކުރައްވާ ކާމިޔާބީއަކާ ހަމައަށް ވަޑައިގެންނެވުމުގެ މާ ކުރިން ވެސް ރާއްޖޭގެ ރަށްރަށުން ފެނިފައިވާ އަދި ފެންނަމުންދާ ޗައިނާގެ ތަށި މުއްޓާއި ސީނު ތަށި ދިވެހިން ދަނެ އެވެ. އަދި ޗައިނާގެ ސިލްކަކީ ރާއްޖޭގެ މަޝްހޫރު އެއްޗެކެވެ. އެ ސިލްކް އަންނަ އުނާއި އެހެނިހެން ސާމާނު ފެންނާން ނެތަސް އެ ވާހަކަ ދިވެހިންގެ ލިޔުންތަކުގައި އެބަހުއްޓެވެ. "ސީނު ކަރަ" ދިވެހިންގެ މެދުގައި ނަން ހިނގައި މަޝްހޫރެވެ. އެ މަޝްހޫރުކަން ފެށުނު ހިސަބާކީ ސްޕައިސް ރޫޓުން ނެޓި މަގުގެ ވަރަށް ދުރެވެ. ރަނގަޅު ދިރާސާއަކު ސީދާ ކޮޅު ހޯދި ދާނެ އެވެ.

އިސްދޫ ލޯމާފާނުން ޗައިނާ އިން ގެންނަ ފަށުވި ފޮތި ރާއްޖޭގައި މަޝްހުރޫވެފައި ދިވެހިންގެ ގޭގޭގައި ދަމާއުޅުނުކަން އެނގެ އެވެ. އެ ލޯމާފާނަކީ 12 ވަނަ ގަރުނުގެ ލިޔުމެކެވެ. އެއީ ޗައިނާ އާއި ރާއްޖޭގެ މިނިވަން ވިޔަފާރި އާއި ގުޅުން ދަތުރު ކުރާ އެންމެ ދުރު ހިސާބުކަން ނުވަތަ ނޫންކަން އިތުރު ދިރާސާތަކުން އަދި ވެސް ސާބިތު ކުރެވިދާނެ އެވެ.

ޗައިނާ ގެ ވިޔަފާރި ދަތުރުތަކުގައި މެދުއިރުމައްޗަކީ މުހިންމު ދިމާއަކަށްވީ ފަދައިން ރާއްޖެއަކީ ވެސް މުހިންމު މަންޒިލެކެވެ. ޗައިނާގެ ސީނު ތައްޓާއި ތަށި މުއްޓާއި ސިލްކުގެ އަސަރު ރާއްޖޭގައި އެހާ ބޮޑީ އެހެންވެގެން ނޫން އެހެން ސަބަބެއް ނެތެވެ. ތައްޓެއްގެ ވާހަކަ ދިވެހިންގެ ހިޔާލާތުން ނުނެއްޓުނު ތައްޓަކީ ސީނު ތައްޓެވެ.

ކާޒްވެއިލްގެ ވަނީ ރާއްޖޭގައި ވެސް އޭނާގެ ރިސާޗް ހައްދަވާފަ އެވެ. އޭނާ 1974 ވަނަ އަހަރު ރާއްޖެ ވަޑައިގެން ކުރެއްވި މަސައްކަތުން ރާއްޖެ އާއި ޗައިނާއާ ދެމެދުގައި މީލާދީން ނުވަ ވަނަ ގަރުނާއި 19 ވަނަ ގަރުނާ ދެމެދުގައި ހިނގާފައިވާ ވިޔަފާރީގެ ހެކިތައް ހޯއްދެވި އެވެ.
-- ސަލްޓަން ޕާކުން ބައެއް ކޮނެ އެ ތަނުން ޗައިނާގެ ތަށިމުށި ހޯދުނެވެ. އަދި މާލޭގެ ވެލިން ވެސް ޗައިނާ ތަށިމުށީގެ އެތިއެތިކޮޅު ހޯދި އެވެ. އެ ތަކެތީގައި ތެރޭގައި ސްޕައިސް ރޫޓްގެ އެހެން ގައުމުތަކުގެ އުފެއްދުމެއް ނުފެނުނެވެ.

އޭގެ ކުރިން އަދި 1970 ވަނަ އަހަރާއެކު ދިގު ދެމިގެން ދިޔަ ދިރާސާތަކެއް ސީރިއާ ގައިވެސް އޭނާ ކުރިޔަށް ގެންގޮސް ކުރިއެރުން ހޯދި އެވެ. އެ މައުލޫމާތުތަަކީ ރާއްޖެއާބެހޭ ގޮތުން ހޯދައި ބަލަން ކާޒްވެއިލްގެ ޝައުގުވެރިކަން އުފެދުނު އެއް ސަބަބެވެ. އޭގެ ތެރޭގައި ދުރުއިރުމައްޗާއި ރަތް ކަނޑުގެ އައްސޭރި އާއި އިރުމަތީ އެފްރިކާގެ ރަށްރަށް ވެސް ހިމެނެ އެވެ.

ތާރިހު އިލްމުވެރިޔާ ނަސީމާ މުހައްމަދު ލިޔުއްވާ ގޮތުގައި ކާޒްވެއިލް ލެބަނަންގެ އެމެރިކަން ޔުނިވަސިޓީ އޮފް ބައިރޫތުގައި މަސައްކަތް ކުރެއްވި އިރު ރާއްޖޭގެ ދަރިވަރަކާ ބައްދަލުވެ އޭނާގެ އަތުގައި ހުރި ޗައިނާގެ ތަށިމުއްޓާއި ސީނު ތަށި ރާއްޖޭގައި ހުރޭތޯ ސުވާލު ކޮށް އެއީ ރާއްޖޭގައި ވަރަށް ގިނަ ބާއްވަތެއްކަން ޔަގީން ކުރި އެވެ.

ޗައިނާގެ ތަށިމުށި ދެކުނު އޭޝިއާ އަށާއި މެދު އިރުމައްޗަށް ގެންދިއަ ބެލްޓާބެހޭ ގޮތުން އިތުރަށް ހޯދަން ރާއްޖެ އަށް ވަޑައިގަތީ އެހެންވެ އެވެ. ވަޑައިގެންނެވީ އާއިލާއާވެސް އެކުއެވެ. އޭނާގެ ހޯދުންތަކުން ސާބިތުވީ ރާއްޖެ އޮތީ ޗައިނާ އިން މެދުއިރުމައްޗަށް ދާން ދަތުރު ކުރާ މަގުގައި ކަމާއި އެއީ އެ ދަތުރުތަކުގެ އެންމެ މުހިންމު މަންޒިލް ކަމެވެ. އަދި އެ ދަތުރުތަކުން ރާއްޖެއާ އެކު ގުޅުމެއްއުފެދި މިނިވަން ވިޔަފާރީ ބާޒާރެއް އުފެދި ބޮޑުވަމުން އައި ކަމެވެ.

ބެއިޖިންގައި ހުންނަވައިގެން އިމާދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޗައިނާގެ ތަށިމުށްޓާއެކު މެދުއިރުމަތީގެ ތަށިމުށި ވެސް ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މީލާދީން 19 ވަނަ ގަރުނާ ހަމައަށް ނުވަތަ އޭގެ ފަހަށް ވެސް ތަށި މުއްޓާއި ސީނުތަށީގެ ބާޒާރު ފުޅާކޮށްގައި ހިނގާފައި އޮތް ކަމަށް ބެލެވޭނެ ހެކި ބައެއް ތާރީހީ އިލްމުވެރިން ވަނީ މި ޒަމާނުގެ "ފައިން ޓެކްނޮލޮޖީ" ގެ އެހީގައި ހޯދާފަ އެވެ. އެއަށް ބާރު ލިބޭ އެއް ކަމަކީ ކާޒްވެއިލް އިނގިރޭސި ވިލާތުގައި ހެދި ތަހުލީލުތަކުން ރާއްޖެއިން ފެނުނީ ޗައިނާގައި ތަކެތިކަން ސާބިތުވުމެވެ.

ނަސީމާ ވިދާޅުވެފައިވާ ގޮތުގައި ޗައިނާ އާއި ރާއްޖޭގެ އެ ވިޔަފާރީގައި ރާއްޖޭގައި މުޅީން ވެސް ކޮށްއުޅުނީ މުދަލަށް މުދާދޭ ވިޔަފާރި އެވެ. އެހެންކަމާ އެކު، ޗައިނާ މީހުން އައިސް، ގަންނަން ބޭނުންވާ ތަކެތީގެ ބަދަލުގައި، ތަށިމުށިން ހަދާފައިވާ ހިފާގެންގުޅޭ ތަކެއްޗާއި، އެ ރަށުން ގެނެސްފައިވާ އެހެނިހެން ތަކެތި ވިއްކަނީ އެވެ. ރާއްޖެއިން ފެންނަ ތަށިމުށީގެ ތަށިތަކާއި ބޯތަށި ފަދަ ތަކެއްޗަކީ، އަގުގެ ބަދަލުގައި ދީފައިވާ ތަކެއްޗެވެ.

ހޯޓަން ރިކްޝާ ޓްއާ ނިންމާލި އިރު ފެނުނު ޗާޓުގެ ތެރެއަށް އިމާދު އަހަރެން ކޮއްޕާ ވައްޓާލި ފަދައިން ޗައިނާގައި ހޭދަ ކުރި ހަފުތާއެއްހާ ދުވަހު ޒިޔާރާތް ކުރި އަޖައިބުން ފުރިފައިވާ އަދި ޔުނެސްކޯގެ ހެރިޓޭޖް ލިސްޓްގައި ހިމެނޭ އާސާރީ ކޮންމެ ސައިޓަކަށް އޭނާ އަހަރެން ގަންބާލާފައި ލިޔާށޭ ވިދާޅުވި އެވެ. އެ ވާހަކަތައް އެބަ ލިޔަމެވެ. ފުރަތަމަ މިވާހަކަ އެވެ.

ބެއިޖިން އިން: މުންޑޫ އާދަމް ހަލީމް