ގައުމީ ކޯޗު އޮސްޓްރޭލިޔާގެ ޑަރެން ސްޓެވާޓަށް މަގާމު ހަވާލުކުރިތާ ދެ މަސް ފާއިތުވެދިޔައިރު ވެސް އޭނާ އަށް ކޮންޓްރެކްޓެއް ދީފައިނުވާކަން ކަށަވަރުވެއްޖެ އެވެ.
ނޫހުގައި ނަން ޖަހަން ބޭނުންވާ ނުވާ ގައުމީ ޓީމުގެ ކަންކަން ދެނެހުރި އަދި ކޯޗާ ގާތް މީހަކު ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ރަސްމީ ފަރާތެއް މިވަގުތު އެފްއޭއެމުގައި ނެތެވެ.
އޮސްޓްރޭލިޔާގެ ގައުމީ ޓީމަށް 1992 ވަނަ އަހަރު ކުޅުނު ސްޓެވާޓް ޖުލައި މަހު ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ކޯޗުކޮށްދިނީ ސިންގަޕޫރު ލީގުގަ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ މުހައްމަދު ޝިޔާޒު (މޯހަން) ކޯޗު ގެނައުމުގެ ކުރިން ވިދާޅުވީ ސްޓެވާޓަކީ އޭޝިއާގެ ފުޓްބޯޅަ ދަންނަ ރާއްޖޭގެ ފުޓްބޯޅައަށް އެންމެ އެކަށޭނެ ކޯޗަަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އެކިގޮތް ގޮތުން ބަލާފަ އޭނާ ރާއްޖޭގެ ކޯޗަކަށް ގެންނަން ޓެކްނިލް ކޮމިޓީން ނިންމަފައިވަނީ، ކޯޗާ އިންޓަވިއު ކުރުމުގެ އިތުރަށް އެހެން ދިމަދިމާތަކުންވެސް ބެލިން. އޭނާއަކީ މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އެންމެ އެކަށޭނެ ކޯޗަކަށް ވާނެ ކަމަށް އުންމީދު ކުރަނީ" މޯހަން ވިދާޅުވިއެވެ.
ސްޓެވާޓަށް ގައުމީ ކޯޗުކަން ދިނީ އެ މަގާމުގައި ކުރިން ހުރި ނިއުޒިލެންޑްގެ ވޯލްޑްކަޕް ކޯޗް ރިކީ ހާބަޓް މަގާމުން އިސްތިއުފާ ދިނުމުންނެވެ.
ސްޓެވާޓްގެ ކޯޗުކަމުގައި މިހާތަނަށް ރާއްޖެ ކުޅެފައިވަނީ ތިން މެޗެވެ. އެއީ 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގޯލްޑް ޓީމާ ދެކޮޅަށް ކުޅުނު މެޗާއި ބަނގްލަދޭޝްގެ ގައުމީ ޓީމާއެކު ކުޅުނު މެޗުގެ އިތުރުން އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ލާއޯސްއާ ދެކޮޅަށެވެ. މީގެ ތެރެއިން ބަނގްލަދޭޝް އަތުން 5-0އިން އަދި ލާއޯސް އަތުން ރާއްޖެ މޮޅުވީ 4-0އިންނެވެ. ކޮންޓްރެކްޓެއް ނެތަސް ލާއޯސްއާ ރާއްޖެ ކުޅެންޖެހޭ ދެ ވަނަ ލެގުގެ މެޗަށް ޓީމު ތައްޔާރުކުރާނީ ސްޓެވާޓެވެ.