މޯލްޑިވިއަން އައިޑޮލް 2

އައިޑޮލްގެ ޖަޖުންނަކީ އުނޫޝާ، އިއްބެ އަދި އައްފާން

ޕީއެސްއެމްއިން ކުރިޔަށް ގެންދާ ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން މިރޭ ލޯންޗުކޮށް، ސީޒަންގެ ޖަޖުންގެ ޕެނަލް އިއުލާންކޮށްފި އެވެ. މިފަހަރުގެ ޖަޖުންނަކީ ކުރިން ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ އާއި އިބްރާހިމް އަލީ އެވެ. އަދި އަލަށް ޕެނަލްއާ ގުޅުނު އިސްމާއިލް އައްފާނެވެ.

ދަރުބާރުގޭގައި މިރޭ ޖަޖުންގެ ޕެނަލް އިއުލާންކޮށްފައިވާއިރު، އެއްވަނަ ސީޒަންގައި ޖަޖުންގެ ޕެނަލްގައި ހިމެނު އަންމަޑޭ ޖަޖުންގެ ޕެނަލްގައި ނުހިމެނޭކަން ފާހަގަކޮށްލެވެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ލޯންޗުކޮށް ދެއްވާފައިވަނީ ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކެވެ.

އިބްރާހިމް އުމަރު މަނިކް ވިދާޅުވީ، އައިޑޮލް ސީޒަންގެ އެކެއްގެ ކާމިޔާބީއަށްފަހު ސީޒަން ދެއެއް ވެސް ކާމިޔާބު ވެގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ ސީޒަން އެކަކަށްވުރެ ދެއެއް ކާމިޔާބުވެގެން ދިޔުން ކަމަށް ވިދާޅުވި އެވެ.

ޖަޖުންގެ އިތުރުން ޝޯގެ ހޯސްޓުން ވެސް މިރޭ ވަނީ އިއުލާންކޮށްފަ އެވެ. ޝޯ މިފަހަރު ހުށަހަޅައިދޭނީ، މޫސާ ވަސީމް އަދި ލަމްހާ ލަތީފެވެ. ލަމްހާއަކީ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއް ފަށަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީގައެވެ. ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އަދި އައިޑޮލް ޝޯގެ ޕްރޮޖެކްޓް ހެޑް އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ދެވަނަ ސީޒަން ވެގެން ދާނީ ފުރަތަމަ ސީޒަންއަށް ވުރެ ޕްރޮޑަކްޝަން އަދި ކޮލަޓީގެ ގޮތުންވެސް ރަނގަޅު ޝޯއަކަށެވެ.

ޝޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ ސީޒަންގެ ރަންވަނަތަކަށް ދިޔަ ފަންނާނުން ބައިވެރިވި އެވެ. އަދި ޕީއެސްއެމްގެ އިސް ފަރާތްތަކާއި ސްޕޮންސަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެ އެވެ. އައިޑޮލްގެ ބައެއް ތަރިންގެ ހުށަހެޅުންތައް ވެސް ރަސްމިއްޔާތުން ފެނިގެން ދިޔަ އެވެ. އެގޮތުން ޓޮޕް ތްރީ ކަމަށްވާ ލައިޝާ، ޝަލަބީ އަދި އިޝާންގެ ވަރަށް ހާއްސަ ހުށަހެޅުމެއް ފެނިގެން ދިޔަ އެވެ.

މި ސީޒަންގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ. މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސް އަދި ލޮޓަސް އެވެ. ޓްރެވެލް ޕާޓުނަރަކީ މޯލްޑިވިއަން އެވެ. ބެވަރޭޖް ޕާޓްނަރަކީ އެކްސް އެލް އެވެ.