މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން ބާއްވާނެ ރަށްތައް އިއުލާންކޮށްފި

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގައި އޮޑިޝަންތައް ބާއްވާނެ ހަ ރަށް މިރޭ އިއުލާންކޮށްފި އެވެ. ސީޒަން ދެއެއް ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ކުރިން އޮޑިޝަންތައް ބާއްވާނެ އެވެ.

މި ސީޒަންގެ އޮޑިޝަންތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ލ. ގަން، މާލޭ ސިޓީ، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ލޯންޗު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޮޑިޝަން ބާއްވާނެ ރަށްތައް އިއުލާން ކުރި ނަމަވެސް، އޮޑިޝަންތަކުގެ ތާރީހު އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މިފަހަރުގެ ސީޒަންގެ ޖަޖުންނަކީ ކުރިން ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ އާއި އިބްރާހިމް އަލީ އެވެ. އަދި އަލަށް ޕެނަލްއާ ގުޅުނު އިސްމާއިލް އައްފާނެވެ. ޝޯ މިފަހަރު ހުށަހަޅައިދޭނީ، މޫސާ ވަސީމް އަދި ލަމްހާ ލަތީފެވެ. ލަމްހާއަކީ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.

ޝޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ ސީޒަންގެ ރަންވަނަތަކަށް ދިޔަ ފަންނާނުން ބައިވެރިވި އެވެ. އަދި ޕީއެސްއެމްގެ އިސް ފަރާތްތަކާއި ސްޕޮންސަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެ އެވެ. އައިޑޮލްގެ ބައެއް ތަރިންގެ ހުށަހެޅުންތައް ވެސް ރަސްމިއްޔާތުން ފެނިގެން ދިޔަ އެވެ. އެގޮތުން ޓޮޕް ތްރީ ކަމަށްވާ ލައިޝާ، ޝަލަބީ އަދި އިޝާންގެ ވަރަށް ހާއްސަ ހުށަހެޅުމެއް ފެނިގެން ދިޔަ އެވެ.

މި ސީޒަންގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ. މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސް އަދި ލޮޓަސް އެވެ. ޓްރެވެލް ޕާޓުނަރަކީ މޯލްޑިވިއަން އެވެ. ބެވަރޭޖް ޕާޓްނަރަކީ އެކްސް އެލް އެވެ.