މޯލްޑިވިއަން އައިޑޮލް 2

ކުޑަ ގައުމަކުން އައިޑޮލް ފަދަ ޝޯއެއް ބޭއްވުމަކީ ކާމީޔާބީއެއް: މަނިކު

މޯލްޑިވިއަން އައިޑޮލް ފަދަ ފްރެންޗައިޒް ޝޯއެއް ރާއްޖެ ފަދަ މީސްކޮޅު މަދު ގައުމަކުން ބޭއްވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކް މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ލޯންޗުކޮށްދެއްވުމަށްފަހު މިރޭ ވާހަކަފުޅު ދައްކަވަމުން މަނިކް ވިދާޅުވީ، މޯލްޑިވިއަން އައިޑޮލްގެ ކާމިޔާބީއަކީ ދިވެހި ރައްޔިތުން ގަބޫލުކޮށްފައިވާ ކާމިޔާބީއެއް ކަމަށެވެ. ކާމިޔާބީއެއް ކަމަށް ކިޔަނީ ޝޯ ފެށިގެން ނިންމާލެވުމުން އެކަނި ނޫން ކަމަށާއި ޝޯގައި ބައިވެރިވި ކުދިންގެ ދިރިއުޅުމަށް އައި ބަދަލަކީ ވެސް ކާމިޔާބީއެއް ކަމަށެވެ.

"އަޅުގަނޑުމެން ކާމިޔާބުގެ ވާހަކަ މި ދައްކަނީ މިކަހަލަ ޝޯއެއް ނިމިގެންދާއިރު އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމަށް ލިބިގެން ދިޔަ ތަޖުރިބާގެ ސަބަބުން، އަޅުގަނޑުމެން ކާމިޔާބުގެ ވާހަކަ މި ދައްކަނީ އަޅުގަނޑުމެން ކަހަލަ ކުޑަ ގައުމެއްގައި މިހާ މަދު ރައްޔިތެއްގެ ތެރޭގައި މިހާ ބޮޑު ޝޯއެއް އާދެ މުޅި ދުނިޔެއަށް ދިވެހި ރާއްޖެ ފެނިގެންދިޔަ ޝޯއެއް ނިންމާލެވުނީމަ،" މަނިކް ވިދާޅުވި އެވެ.

މަނިކް ވިދާޅުވީ، ސީޒަން ދެއެއް ގެނެވެނީ ސީޒަން އެކެއް ކާމިޔާބުވީ ކަމަށާއި ސީޒަން އެކެއްގެ ވާހަކަ ފުރަތަމަ ދެކެވުނުއިރު އެ ސީޒަން ފަށަން ބަޖެޓެއް އަދި ވަސީލަތްތަކެއް ނެތް ކަމަށެވެ. އިންޓަނޭޝަނަލް ޝޯއެއް ބާއްވާނެވަރުގެ ގާބިލުކަން ޕީއެސްއެމްގެ ޓެކްނިކަލް ޓީމްގައި އޮތް ކަމާމެދު އޭރު ސުވާލު އުފެދުނު ކަމަށް މަނިކް ވިދާޅުވި އެވެ.

"ހަތަރު ފަސް ބޯޑު މީޓީނެއްގައި މަޝްވަރާކުރުމަށްފަހު، އެ ރިސްކް ނެގީ އަޅުގަނޑުމެންގެ މެނޭޖްމެންޓް ޓީމަށް އޮތް އިތުބާރެއްގެ ސަބަބުން، އަޅުގަނޑުމެން ބޯޑުން އެކަން ކުރަން ހުއްދަ ދިނީ، އަޅުގަނޑުމެންގެ ބޯޑު މެންބަރުން އެކަން ކުރުމަށް ދެއްވި އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން،" މަނިކް ވިދާޅުވި އެވެ.

މަނިކް ވަނީ ދެވަނަ ސީޒަން، އެއްވަނަ ސީޒަންއަށްވުރެ ކާމިޔާބުވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިރޭ ވިދާޅުވެފަ އެވެ.

ޝޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ ސީޒަންގެ ރަންވަނަތަކަށް ދިޔަ ފަންނާނުން ބައިވެރިވި އެވެ. އަދި ޕީއެސްއެމްގެ އިސް ފަރާތްތަކާއި ސްޕޮންސަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެ އެވެ. އައިޑޮލްގެ ބައެއް ތަރިންގެ ހުށަހެޅުންތައް ވެސް ރަސްމިއްޔާތުން ފެނިގެން ދިޔަ އެވެ. އެގޮތުން ޓޮޕް ތްރީ ކަމަށްވާ ލައިޝާ، ޝަލަބީ އަދި އިޝާންގެ ވަރަށް ހާއްސަ ހުށަހެޅުމެއް ފެނިގެން ދިޔަ އެވެ.

މި ސީޒަންގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ. މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސް އަދި ލޮޓަސް އެވެ. ޓްރެވެލް ޕާޓުނަރަކީ މޯލްޑިވިއަން އެވެ. ބެވަރޭޖް ޕާޓްނަރަކީ އެކްސް އެލް އެވެ.