ރާއްޖެ ކުޅިވަރު

އަޑުބަރޭ ގައުމީ ސްކޮޑުން ބާކީ ކުރުން، ސިޔާސީ ނިންމުމެއް ނޫން

ސިޔާސީ ޕާޓީއެއްގެ އިސްމީހަކު އެއްދުވަހު އަޅުގަނޑަށް ފޯނުކުރި އެވެ. އެއީ ވަރަށް ގާތް މީހެކެވެ. އޭނާ އެދިލެއްވީ ގައުމީ ފުޓްބޯޅަ ޓީމު މޮޅުވުމުން އޭނާގެ ޕާޓީން ޓީމަށް މަރުހަބާ ކިޔާ ވާހަކަ ޓީވީން ވަގުތުން ގެނެސްދެމުންދިޔަ ކުޅިވަރު ޝޯގައި ބުނެދިނުމަށެވެ. އެކަމަކު ވަގުތުން ނޫނެކޭ ބުނީމެވެ. އެކަން ކުރާނަމާ ޕާޓީން ވަކިން ބަޔާނެއް ނެރެންވީ ކަމަށާއި ކުޅިވަރު ޝޯގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބަޔާން ނުކިޔޭނެ ކަމަށް އޭނާ ގާތުގައި ބުނީމެވެ. އެއީ ކުޅިވަރާއި ސިޔާސީ ކަންކަން މަސްހުނިކުރުމަކީ ރަނގަޅު ކަމެއްކަމަށް ނުފެންނާތީ ކަމަށް ވެސް ބުނީމެވެ. އޭނާ ގަބޫލުކުރެއްވި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖޭގައި ކުޅިވަރު ވަރަށް ބޮޑަށް ސިޔާސީ ވެއްޖެކަމީ މުޅި ރާއްޖެ ދަންނަ ހަގީގަތެކެވެ. ކޮންމެ ކަމެއްގައި ވެސް އިންޓާނަލް ޕޮލިޓިކްސް އޮންނަ ފަދައިން ކުޅިވަރުތެރޭގައި ވެސް އެކަން އޮވެ އެވެ. އެއްބަޔަކު އަނެއްކަބަޔަކަށް އެއްވެސް އިމެއްނެތި ޖެއްސުންކުރެ އެވެ. ނަތީޖާއެއްގެ ގޮތުން ކަންކަމުގައި އޮންނަ، އަގުމާތްވި އުސޫލުތައް ވަނީ ދޫކޮށްލައިފަ އެވެ. މިފަހަކަށް އައިސް ކުޅިވަރުގެ ޕޮލިޓިކްސްގެ ތެރެއަށް ކުޅުންތެރިން ވެސް ވަނީ ވަދެފަ އެވެ. އެކަމަކު ކުޅުންތެރިންނަކީ ވަކިފަރާތަކަށް ނުޖެހި ތިބެންޖެހޭ ބައެކެވެ.

ރާއްޖޭގެ މައި ސިޔާސީ ދެ ޕާޓީގެ ތެރެއިން އެމްޑީޕީން އިއްޔެ ކަންބޮޑުވީ އެޕާޓީގެ އިސް އެކްޓިވިސްޓެެއް ކަމަށްވާ ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްއަދު އަލީ (އަޑުބަރޭ) ލާއޯސްއާ ދެކޮޅަށް ކުޅޭ ގައުމީ ސްކޮޑުން ބާކީ ކުރުމުންނެވެ. އެމްޑީޕީން ސިފަކުރާ ގޮތުގައި އަޑުބަރޭ ގައުމީ ޓީމުން ބާކީ ކުރީ ބިރު ދައްކާށެވެ. ސިޔާސީ ގޮތުން އެޕާޓީ އާއި އަޑުބަރޭ އަށް ޖެއްސުންކުރާށެވެ. ޕާޓީގެ ބަޔާނުގައި ގައުމީ ފުޓްބޯޅަ އިދާރާ އަށް ވެސް ފާޑުކިޔާފައިވެ އެވެ.

އެކަމަކު މިއީ ޒިންމާދާރު އެއްވެސް ބަޔަކު ކުޅުންތެރިޔާއަށް ހެޔޮއެދޭނަމަ ކުރަން ހެޔޮވާވަރުގެ ކަމެއްކަމަށް ނުބެލެވެ އެވެ. ތިން ސަބަބެއް ފާހަގަކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ އަޑުބަރޭ މުޅި އުމުރަށް ގައުމީ ޓީމުން ބާކީކުރީއެއްނޫނެވެ. އޭނާ ބާކީކުރީ ލާއޯސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗުން އެކަންޏެވެ. ދެ ވަނަ ކަމަކީ އެތައް ދުވަހެއް ވަންދެން ޕްރެކްޓިހެއްނުކޮށް، މެޗެއް ނުކުޅެ ހުރި ކުޅުންތެރިއަކު ގައުމީ ޓީމަށް ނަގަންޖެހޭ ސަބަބެއް ނެތުމެވެ. ކުޅުންތެރިޔާ އަށް ގައުމީ ޓީމުން ޖާގަ ދޭންޖެހޭނީ ކުލަބު ލެވެލްގައި އޭނާ މޮޅަށް ކުޅޭނަމަ އެވެ. ކޮންމެ ގޮތަކަށް ނަމަވެސް އަޑުބަރޭ ހައްޔަރު ކުރި ފަހުން މާޒިޔާ ކުޅުނު މެޗުތަކުން އޭނާ ނުފެނެ އެވެ. ހައްޔަރުން ވީއްލުމުން ޕްރެކްޓިސް މަދުކަމުން ކުލަބުން މެޗެއްކުޅެން ފުރުސަތުދީފައިނުވެ އެވެ. މިހާލަތުގައި އޭނާ ނަގައިފިނަމަ އެދެވެނީ އެހެން ކުޅުންތެރިންނަށް ގޯސް މެސެޖެކެވެ.

ތިން ވަނަ ކަމަކީ ކުޅިވަރުގެ އަހުލާގު ހިފެހެއްޓުމެވެ. ކުޅުންތެރިޔާ ޕާފޯމް ނުކުރާނަމަ ނުވަތަ ޕްރެކްޓިސް ނުކުރާނަމަ އޭނާ އަށް ކޯޗުން ޖާގަ ނުދޭނެ އެވެ. ޖެހޭނީ މަސައްކަތްކޮށްގެން ޓީމުން ޖާގަ ހޯދާށެވެ.

އެކަމަކު އަޑުބަރޭ އަކީ އެންމެން ވެސް އިއްތިފާގުވާނެ ފަދައިން ރާއްޖޭގައި ހުރި މޮޅު ކުޅުންތެރިއެކެވެ. ބަރާބަރަށް ޕްރެކްޓިސް ކޮށްފިނަމަ ގައުމީ ޓީމަށް އަރާނެކަން 100 ޕަސެންޓް ޔަގީން ކުޅުންތެރިއެކެވެ. ގިނަ މަގާމުތަކަކަށް ކުޅެވޭ، ދަނޑުމަތީގައި ގޮތްދޫކޮށް، އެއްފެންވަރެއްގައި ކުޅޭ މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ކޮންމެ ކުލަބަކުން ވެސް ބޭނުންވާފަދަ ކުޅުންތެރިއެކެވެ. އޭނާގެ މައްސަލައަކީ ސިޔާސީ ކަންކަމުގައި ދޭތެރެދޭތެރެއިން ހައްޔަރުކުރަން ޖެހުމެވެ.

މިހެންވެ މިއީ އޭނާ އަށް ހެޔޮއެދޭނަމަ ސިޔާސީ ފަރާތްތަކުން ވެސް ނަސޭހަތްތެރިވާންވީ ވަގުތެވެ. ގައުމީ ޓީމަށް މިފަހަރު ނުގެނީ ސިޔާސީ މަގްސަދެއްގައި ކަމަށް ބުނުމުގެ ޖާގައެއްނެތެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނަގާފައިވާ ގޮތަށް ވިސްނައި، އަޑުބަރޭ ނުނަގައިގެން އެކަމާ ހިތްހަމަ ނުޖެހުމެއް އޮތްނަމަ ފާޑުކިއުން އެންމެ އެކަށީގެންވަނީ ސިޔާސީ ފާޓީ އަކަށްނޫނެެވެ. އެކަން ކުރަންވީ އޭނާގެ ކުލަބު މާޒިޔާއިންނެވެ. އެކުލަބާއި ކުޅުންތެރިޔާ ވެސް ފާޅުގައި ނުޖައްސާ މައްސަލައެއް އަޑުބަރޭގެ ފުޓްބޯޅަ ހަޔާތާ ގުޅުވައިގެން ސިޔާސީ ޕާޓީއަކުން ޖެއްްސުމަކީ ކުޅިވަރު ސިޔާސީވެފައިވާ ކަމުގެ އިތުރު ހެއްކެކެވެ.

މި އަހަރު ކުރީކޮޅު ވެސް އަޑުބަރޭ ހައްޔަރުކުރި އެވެ. ގާޒީއަކަށް ބިރުދައްކައިގެންނެވެ. އޭނާ ހައްޔަރުކުރި ދުވަހުގެ ހަވީރު އަޅުގަނޑާ ބައްދަލުވި އެވެ. މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވޭތޯ އާއި އެއީ ކާކުތޯ އޭނާ އެހި އެވެ. އަދި އެމީހަކީ އޭނާ ކަމަށާއި ހައްޔަރުކުރާނެހެން ވަރަށް ހީވާ ކަމަށް ވެސް ބުންޏެވެ. އެރޭ އޭނާ ހައްޔަރުކޮށް ޖަލުގައި 15 ދުވަހު ބާއްވާފައި ދޫކޮށްލިއިރު މާޒިޔާ އޮތީ އޭއެފްސީ ކަޕުގެ މުހިންމު މެޗަކަށް ތައްޔާރުވެގެންނެވެ. މެޗުގެ އެއްދުވަސް ކުރިން ކުޅުންތެރިޔާ ދޫކޮށްލި ނަމަވެސް ކޯޗު އަލީ ސުޒޭން، އަޑުބަރޭ އަށް ފުރަތަމަ 11އިން ޖާގަ ނުދިނެވެ. ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ ފަސްފޫޓު ހަތަރު ފޫޓު ގޮޅިއެއްގައި އޮވެ ކުޅުންތެރިން މެޗަށް ފިޓްވާނަމަ ޕްރެކްޓިސް ކުރުމުގެ ބޭނުމެއްނެތް ކަމަށެވެ. ސުޒޭނުގެ މިވާހަކައިން އިބްރަތެއް ހާސިލްކުރަމާ ހެއްޔެވެ؟