ހައިކޯޓް

ކަނޑިއެއް ގެންގުޅުނު މީހަކަށް އިއްވި ޖަލު ހުކުމަށް ހައިކޯޓު ތާއިދު

ކަނޑިއެއް ގެންގުޅުމުގެ ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ހުކުމަކަށް ހައިކޯޓުން ތާއީދުކޮށްފި އެވެ. މި ހުކުމް އިއްވާފައިވަނީ މ. ނޫރުއްސަބާހް، އަބްދުލްބާސިތު މުހައްމަދަށެވެ.

ކުރިމިނަލް ކޯޓުން އަބްދުލްބާސިތްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއީ، 2008 ވަނަ އަހަރު ޖުލައި މަހުގެ ދެވަނަ ދުވަހުގެ ރޭ ތިން ފޫޓު ބައިގެ ކަނޑިއެއް ގެންގުޅުނު ކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. މި މައްސަލާގައި އޭނާގެ މައްޗަށް އުފުލީ ރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި ކުރިމިނަލް ކޯޓުން އަބްދުލްބާސިތުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއިދުކުރީ، އެ ހުކުމަކީ ގާނޫނާއި ޝަރުއީ ހަމަތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ އަބްދުލްބާސިތުގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ. އެގޮތަށް ހައިކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކަނޑި ގެންގުޅުމުގެ ކުށުގެ އިތުރުން އޭނާގެ މައްޗަށް އެ ކަނޑި ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލަ ވެސް މީގެ ކުރިން ސާބިތުވެ ހުކުމެއް ކޮށްފައިވެ އެވެ. އެ މައްސަލާގައި އޭނާއަށް ކުރީ މާރާމާރީ ހިންގުމުގެ ދައުވާ އެވެ. ކަނޑި ގެންގުޅުނު މައްސަލަ އޭނާގެ މައްޗަށް ސާބިތުވުމުން ހައިކޯޓަށް ވެއްދި މައްސަލާގައި އެކަން ފާހަގަކޮށްފައިވެ އެވެ. އެ މައްސަލާގައި ބުނެފައިވަނީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ނުދެވޭނެ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމްގައި ވަނީ، މާރާމާރީ ހިންގުމުގެ ކުށާއި ހަނގުރާމަވެރި ހަތިޔާރު އެތެރެކުރުމަކ މުޅިން ތަފާތު ދެ ކުށެއް ކަމަށެވެ. އަދި އެ ކުށުގެ މާއްދީ ރުކުން ވެސް ތަފާތު ކަމަށެވެ.

ބާސިތުގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، އޭނާއަށް އަދަބު ދޭން ޖެހޭނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫން ކަމަށާއި މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކުން ކުށް ޝައްކެއް ނެތް މިންވަރަށް ސާބިތުކުރުމަށް ނުފުދޭކަމަށް ބުނެ ފާހަގަކުރި ނުކުތާ ހިމެނެ އެވެ. އޭގެ އިތުރަށް އޭނާ ހުށަހެޅި ދިފާއީ ހެކިން ހާޒިރުކޮށްފައިނުވާ ކަމަށާއި ކަނޑި ގެންގުޅުން މައްސަލަ ތަހުގީގުކޮށް، ލިބިދޭންޖެހޭ ހުރިހާ ހައްގެއް ލިބިފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

މި ކަންކަމާ ގުޅިގެން ހައިކޯޓު ހުކުމުގައި ބުނެފައިވަނީ، ބާސިތަށް އަދަބު ކަނޑައެޅުމަށް ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނު ނުހިނގާނެ ކަމަށެވެ. އަދި، ބާސިތުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ހާޒިރުނުކުރުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ގޯސް ކަމަށް ބެލެން ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭގެ އިތުރަށް ހުކުމްގައިވާ ގޮތުން ބާސިތަށް ތަހުގީގުގައި ލިބެންޖެހޭ ހައްގުތައް ވަނީ ދީފަ އެވެ.