- ގާނޫނު އަސާސީ ބަދަލުކުރުމުގެ މައްސަލަ މަޝްވަރާތަކަށް
- ޖޭޕީ އިން އޮތީ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ތައްޔާރަށް
- ރިޔާސީ އިންތިހާބާ މެދު ޕާޓީގެ ފޮނި އުންމީދުތައް ބޮޑު
ކެރަމް ގަނޑެއް އެންމެ މުހިންމު އެއްޗަކީ ބޮޑު ފޮއްޗެވެ. ކެރެމްގެ ކުދި ފޮތިތައް ތަންތަނަށް ފޮނުވާލުމާއި ފޮތި ވެއްޓުމުގެ ބާރު ވެސް އޮންނަނީ ބޮޑު ފޮތީގެ މައްޗަށެވެ. ބޮޑު ފޮތި ފޮނުވާ މިސްރާބު ރަނގަޅުވެއްޖެ ނަމަ، ކެރަމްގައި ކުރި ހޯދިދާނެ އެވެ. ކެރަމްގެ ކުޅިބައި ބަދަލުކޮށްލާ އެއްޗަކީ ވެސް ބޮޑު ފޮއްޗެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާނަމަ "ބޮޑު ފޮއްޗަކީ"، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ގިނަ ބަޔަކު ދެކިދާނެ އެވެ. އެހެނަސް މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތުން ނަމަ، ރާއްޖޭގެ ސިޔާސީ ކުޅިބައިގައި ގޭމްޗޭންޖަރަކީ. ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްކަން އެމަނިކުފާނު ވަނީ ސާބިތުކޮށްދީފަ އެވެ.
މިހާތަނަށް ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ވަނީ ވާދަކުރައްވާފަ އެވެ. ދެހާސްއަށްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް 2013ގައި އެމަނިކުފާނު ނެރުއްވި ނަތީޖާއަކީ ދަށް ނަތީޖާއެއް ނޫނެވެ. އެންމެ ވަރުގަދަ ކެންޑިޑޭޓުންނާ ވަރަށް ކައިރި ވާދަކުރައްވައި ރަނގަޅު ޗެލެންޖެއް ދެއްވި އެވެ. ފަސް އަހަރު ތެރޭގައި އެމަނިކުފާނުގެ ތާއިދު އިތުރުކުރައްވައި ރަނގަޅު ސަޕޯޓް ބޭސްއެއް އުފެއްދެވި އެވެ.
އެމަނިކުފާނުގެ ނާކާމިޔާބުގެ ރެކޯޑެއް އޮތް ނަމަވެސް އޭގެން ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް، ރައީސްކަމަށް ހޮވިވަޑައިގަތް ކޮންމެ ބޭފުޅަކު ވެސް ހޮވިވަޑައިގަތީ އެމަނިކުފާނު ތާއީދު ކުރައްވައި އަދި އެމަނިކުފާނުގެ ސަޕޯޓް ބޭސްގެ ފުރިހަމަ ތާއީދާ އެކު އެވެ. ގާސިމްގެ ތާއީދު ނުލިބުނު ކެންޑިޑޭޓް އަބަދުވެސް ވީ ފެއިލް އެވެ. އެވާހަކަތައް މާޒީގެ ތެރެއަށް ދޫކޮށް އަނެއްކާ ވެސް ފެންނަ މަންޒަރަށް ބަލާ ނަމަ، 2018 ވަނަ އަހަރު ވެސް އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނިކުންނެވުމުގެ ކުލަވަރު މި އަންނަނީ ފެންނަމުންނެވެ.
އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީ އިން މި ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކައުންސިލުން މި ވަނީ ނިންމައިފަ އެވެ. ޖުމްހޫރީ ޕާޓީ ވަނީ ގާސިމް ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް ނެރެން އަތުކުރި އޮޅާލައިފަ އެވެ. އެކަމަކު އެ ހިސާބަށް ދާން މިފަހަރު ގާސިމަށް ފަސޭހައެއް ނުވާނެ އެވެ. ސަބަބަކީ، އެމްޑީޕީގެ ވެސް ރުހުމާ އެކު ދާދިފަހުން ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން 65 އަހަރު ވެފައިވާ ބޭފުޅަކަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތެއް މިހާރު ނެތީމަ އެވެ.
އަނެއްހެން ބުނާ ނަމަ، އެމަނިކުފާނުގެ ފިޔަތައް ވަނީ ކޮށާލާފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވެސް އެ އިސްލާހަކީ ސީދާ "ބޮޑު ފޮތި" ދުއްވާލަން ރާވައިގެން ފާސްކުރި އިސްލާހެކެވެ. އެހެން ވީމާ، ގާސިމަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރަން ޖޭޕީ އިން މަސައްކަތް ކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ޕާޓީ އިން އެއީ ތާއީދު ކުރާ އިސްލާހެއް ވެސް ނޫނެވެ. އެހެން ވެއްޖެ ނަމަ، އެ ޕާޓީ އިން މަސައްކަތް ކުރާނީ އެ އިސްލާހު ބާތިލް ކޮށްލަން ހެއްޔެވެ؟
"އަޅުގަނޑު ގަބޫލުކުރަނީ ރިޔާސީ އިންތިހާބެއް ބާއްވާއިރު އެންމެންނަށް ބައިވެރިވެވޭ ގޮތަށް އޮންނަން ވާނެ ކަމަށް، ރައްޔިތުން ދެން ނިންމާނީ 65 އަހަރުވެފައިވާ މީހަކު ހޮވާނީތޯ ނުވަތަ ނޫންތޯ، އެމީހަކު ސިއްހީ ހާލަތު ތަންދޭތޯ ނުވަތަ ނޫންތޯ، ރައްޔިތުން ނިންމާނީ،" އިސްލާހަށް ފާޑުވިދާޅުވަމުން ޖޭޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ވަކި ބަޔަކަށް ކުރިމަތިނުލެވޭ ގޮތް ހެދުމަކީ އެއީ ތަހުޒީބީ ކީއް ކުރަންތޯ ޑިކްޓޭޓާޝިޕެއްގައި ވެސް ކަންތައް ކުރާނެ ގޮތެއް ނޫން އެއީ އުމަރަށް ބަލާފައި ކުރިމަތިލެވޭނެ މަތީ އުމެރެއް ކަނޑައެޅުމަކީ، ވަރަށް ނާތަހުޒީބު ކަމެއް އެއީ، އަޅުގަނޑުމެން އެ ބަދަލުކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،"
އަލީ ހުސެއިންގެ ވާހަކަތަކަށް ޖޭޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ތާއިދުކުރެއްވި އެވެ.
ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލަކީ ޒާތީކޮށް، އެމަނިކުފާނަށް ކުރިމަތިލެވޭނެ ގޮތް ނުހެދުމަށްޓަކައި ގެނެސްފައިވާ ބަދަލެއް، ބާރާއި ނުފޫޒު ހުރި ފަރާތްތަކުން ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ ގާނޫނު އަސާސީއަށް ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް ގެނެސްފައިވާ ބަދަލުތައް ބަދަލުކުރުން،" ރިޔާޒު ވިދާޅުވި އެވެ.
ގާނޫނު އަސާސީ ބަދަލުކޮށްފާނެތަ؟
ޖުމްހޫރީ ޕާޓީން ބޭނުންވަނީ ގާނޫނު އަސާސީ އަލުން އިސްލާހުކޮށްގެން ގާސިމަށް ކުރިމަތިލެވޭނެ މަގު ތަނަވަސްކުރުމެވެ. އެ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެކަން އިއުލާން ކޮށްފައިވާއިރު ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. މީގެ ދުވަސްކޮޅެއް ކުރިން ޖޭޕީގެ ލީޑަރުކަން އެހެން ބޭފުޅަކަށް ދޭ ވާހަކަ ދެކެވުނު ނަމަވެސް އަދިވެސް އެ މަގާމުގައި ހުންނެވީ ގާސިމް އިބްރާހިމެވެ. އެހެންކަމުން އެ ޕާޓީގެ ކެންޑިޑޭޓަކީ ގަވާއިދުގައިވާ ގޮތުން ގާސިމެވެ. ނަމަވެސް ފުރުސަތު ނެތީ އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނީ ހަމަ އަޅުގަނޑުމެންގެ ލީޑަރަށް ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ހުރި ހުރިހާ ހުރަސްތަކެއް ގާނޫނީ ހުރިހާ ހުރަސްތަކެއް ނައްތާލުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ، އޯލް ޕާޓީ ޓޯކްސްގައި ވެސް އަޅުގަނޑުމެން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރަން ގާނޫނު އަސާސީއަށް ގެނައި ބަދަލު އަލުން މުރާޖާކުރުމަށް، އިހު އޮތް ގޮތަށް ރުޖޫއަކުރަން،" އަލީ ހުސެއިން ވިދާޅުވި އެވެ.
މި މަހުގެ ތެރޭގައި ހުރިހާ ޕާޓީތަކެއް އެއް މޭޒަކަށް އަރައި މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންދާއިރު ޖޭޕީ މަޝްވަރާތަކަށް ގެންދާ ކަރުދާހުގެ އެންމެ މަތީގައި ވަނީ މިކަމަށް ހައްލެއް ހޯދުމެވެ. ޕާޓީތަކާ މަޝްވަރާކޮށް ގާނޫނު އަސާސީ ބަދަލުކުރުމެވެ. ގާނޫނު އަސާސީ ބަދަލުކުރުމަށް ޖޭޕީއަށް ޕީޕީއެމް އަދި އެމްޑީޕީ މެންބަރުންގެ ފުރިހަމަ އެހީތެރިކަން ބޭނުންވާނެ އެވެ.
އެމްޑީޕީ އާއި ސަރުކާރަށް އެއްބަސްވެވިދާނެތަ؟
އެމްޑީޕީ އަދި ސަރުކާރު ހިންގާ ޕީޕީއެމްއަށް ވެސް ޖޭޕީ ރިޔާސީ އިންތިހާބަށް ނިކުންނަ ނަމަ އެ ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ވަރަށް ބޮޑު ވާދަވެރިކަމަކަށެވެ. އެމްޑީޕީ އަދި ޕީޕީއެމް ވެސް ވެރިކަމާ ހަވާލުވީ ޖޭޕީގެ އަތުގައި ހިފައިގެންނެވެ. އެހެންކަމުން ޖޭޕީގެ ފިޔަ ކޮށާލުމަށް އެ ދެ ޕާޓީން ގުޅިގެން ހިންގި "ޖަރީމާ" އަލުން ބަދަލުކުރުމަށް އެ ދެ ޕާޓީއަށް އެއްބަސްވެވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.
މަޝްވަރާތަކަށް ޖޭޕީގެ އެޖެންޑާއަކީ މިކަމަށް ހައްލެއް ހޯދުން ކަމަށްވީ ނަމަވެސް އެކަމަށް އުއްމީދެއް އެބަ އޮތްބާ އެވެ؟
"އުއްމީދާއެކު މި ދަނީ ކޮންމެވެސް ކަންތައްތަކެއް ހާސިލުވާނެ ކަމަށް މަޝްވަރާތަކުން، އުއްމީދުގައި މި ދަނީ އެހެންނަމަވެސް ފާއިތުވި ތަނުގައި ސަރުކާރުން އެއްވެސް ވަރަކަށް ގައުމު ރަނގަޅު ދިމާލަކަށް ގެންދިޔުމުގައި ދޫދޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، އެހެންވީމަ ޔަގީންކަމެއް ނެތް، އެކަމަކު އުއްމީދެއް އެބަ އޮތް،" އަލީ ހުސެއިން ވިދާޅުވި އެވެ. "މަސައްކަތް ކުރާނަން އެމްޑީޕީ އަދި ޕީޕީއެމްއާ ވެސް އަދި ހުރިހާ ބޭފުޅުންނާ ވެސް މަޝްވަރާކޮށްގެން މަސައްކަތްކުރާނަން އެއްވެސް މީހެއްގެ ހައްގެއް އުނިވެގެން ނުދާނެ ގޮތަށް ގައުމުގެ ކަންކަން ހަމަޖައްސަން، ރައްޔިތަކަށް ލިބޭ ހައްގެއް އުނިކުރުމަކީ ތަހުޒީބު އުސޫލެއް ނޫން، ރަނގަޅު ގޮތެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.
އެކަމަކު ބޮޑު ސުވާލަކީ އެ ނިންމުން ބަދަލު ކުރަން އެމްޑީޕީ އިން ތައްޔާރު ހެއްޔެވެ؟ އެމްޑީޕީއަށް ވެސް އެންމެ ބޮޑު ހުރަހަކަށް މިހާތަނަށް ވެސް ވެފައި އޮތީ ގާސިމް އެމީހުންގެ ކޮޅަށް އަރައި ވަޑައިނުގަތުމެވެ. އެ ޕާޓީގެ ކެންޑިޑޭޓް ކުރީގެ ރައީސް ނަޝީދު ދެ ފަހަރު ވެސް ފެއިލްވީ ގާސިމްގެ ސަބަބުން ކަމަށް އެ ޕާޓީ އިން ގަބޫލު ކުރެ އެވެ. އެމްޑީޕީ އިން ގާނޫނު އަސާސީ އިސްލާހުކުރަން ވޯޓު ދިނީ ވެސް އެ ވިސްނުމުގައި ކަމަށް ވުން ގާތެވެ. ގާސިމް އެމްޑީޕީ އިން އިތުބާތު ނުކުރާ އިރު އެ ވިސްނުން އެމްޑީޕީ އިން ބަދަލު ކުރުމުުގެ ފުރުސަތު ހަންޏެވެ.
ޖޭޕީއަށް 2018 ލިބިދާނެތަ؟
ގާސިމަށް ފުރުސަތެއް ލިބިގެން އިންތިހާބަށް ކުރިމަތިލައިފިނަމަ ޖޭޕީއަށް ކާމިޔާބުވުން ވަރަށް ގާތް ކަމަށް އަލީ ހުސެއިން އަދި ރިޔާޒު ވެސް އިއްތިފާގުވެލައްވަ އެވެ. ޕީޕީއެމް 2018ގެ ބޮޑު ރިޔާސީ ކެމްޕޭން މިހާރު ވެސް ފާޑަކަށް ފަށާފައިވާއިރު އެމްޑީޕީއިން ވެސް އަންނަނީ އެ ޕާޓީގެ ރައީސްއަށް އިންތިހާބުގައި ކުރިމަތިލެވޭނެ ގޮތްތައް ހެދުމަށް އަތުކުރި އޮޅާލައި މަސައްކަތްތައް ކުރަމުންނެވެ. އެހެނަސް 2018 އަކީ ޖޭޕީގެ ފަހަރެއް ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަންނަ އިންތިހާބު ކާމިޔާބުކުރުމަށް ޖޭޕީއަށް ވަރަށް ފުރުސަތު ބޮޑު ކަމަށް، އެއީ 2008 ގައި އެމްޑީޕީއަށް ވެރިކަން ދީގެން ރަނގަޅު ނަތީޖާއެއް ނުނެރެވުން، ހަމަ އެގޮތަށް 2013 ގައި ޕީޕީއެމްއަށް ވެރިކަން ދީގެން އަޅުގަނޑުމެން މިބުނާ ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފަށް އަނިޔާވެރިކޮށް އެތައް ބަޔަކު ޖަލަށްލައި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، އެހެންވީމާ ރައްޔިތުން ބޭނުންވާ ކަހަލަ ވެރިކަމެއް އެމްޑީޕީ އަދި ޕީޕީއެމްއަށް ވެސް ގެނެސްނުދެވުނީމަ ދެން އެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ޖޭޕީއަށް އިންތިހާބުގައި ރައްޔިތުން ވޯޓު ދިނުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.
"ޕީޕީއެމް އަދި އެމްޑީޕީއަށް ރައްޔިތުން ފުރުސަތު ދީފައިމިވަނީ، އެހެންވީމަ ގާސިމް އިބްރާހިމަށް އެއް ފުރުސަތުދީ، ރައްޔިތުން ތާއިދުކުރުމަކީ އޮތް ފުރުސަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.
އެބޭފުޅުން އެހެން ވިދާޅުވި ނަމަވެސް އެހެން ފަހަރުތަކާ ހިލާފަށް ޖޭޕީ އިން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑެވެ. އަދި އެކަމަށް މާކަ ގިނަ ދުވަހެއް ވެސް ނެތެވެ. އެ ސަބަބުތަކާ ހުރެ ސިޔާސީ މައިދާނުގައި އުޅުއްވާ ބައެއް ބޭފުޅުން ގަބޫލު ކުރައްވަނީ ޖޭޕީގެ އަމާޒަކީ ކޮންމެހެން ގާސިމް ރިޔާސީ ރޭހަށް ނެރުން ނޫން ކަމަށް ވެދާނެ އެވެ. އެ މަގުސަދު ހާސިލް ނުވެއްޖެ ނަމަ، ޖޭޕީގެ ޕްލޭން ބީއަކަށް ވާނީ ސިޔާސީ ބާރުވެރިއެއްގެ ގޮތުގައި އެ ޕާޓީ އޮތުމަށް މަސައްކަތް ކުރުމެވެ. ޖޭޕީ އެކީ މަންޒަރު ގެއްލިގެން ނުދިޔުމަށް ރިޔާސީ ރޭހުގެ ތެރޭގައި ރޯލެއް ކުޅުން އެ ޕާޓީއަށް ކިތަންމެހާ ވެސް މުހިންމުވާނެ އެވެ.
"ސިޔާސީ މަންޒަރުން މުޅި ޕާޓީ އޭރުން ގެއްލިގެން ހިނގައިދާނެ. އެކަން ނުވުމަށް ޖޭޕީ އިން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ފެންނަނީ. އެގޮތަށް އިއުލާން ކޮށްފައި އޮތުމުން ސިޔާސީ ޕާޓީއަކަށް އެންޖޯއީ ކުރެވިދާނެ ވަރަށް ގިނަ ކަންކަން ސިޔާސީ ގޮތުން ހުންނާނެ. ސިޔާސީ ބާރުވެރިކަން އަދި ސިޔާސީ ޕްލެޓްފޯމް ވަރުގަދަ ކުރުމަށް އެއީ ލިބޭ ޖާގައެއް،" ސިޔާސީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
ގާސިމް ނޫން ކަނޑިޑޭޓެއް ފެނިދާނެތަ؟
މަޝްވަރާތަކުން ނަތީޖާއެއް މިހާތަނަށް ރާއްޖޭގައި ނެރެވިފައެއް ނުވެ އެވެ. އެހެންކަމުން މި މަޝްވަރާތަކުން މިހާ ބޮޑު ކަމަކަށް ހައްލެއް ހޯދިދާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އެހެންކަމުން މަޝްވަރާތަކުން މިކަމަށް ނަތީޖާއެއް ނުނިކުމެއްޖެނަމަ ޖޭޕީގެ ވިސްނުން އެހެން ކެނޑިޑޭޓެއް ނެރުމަށް ހުރެދާނެބާވަ އެވެ؟ އެ ޕާޓިގައި ރައްޔިތުން ގަބޫލު ކުރާ އެހެން ކެނޑިޑޭޓެއް އެބަހުރި ހެއްޔެވެ؟
"ޖުމްހޫރީ ޕާޓީގައި މިހާރު ތިއްބެވި ބޭފުޅުންނަށް ބަލާލާއިރު ވެސް ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް ލިބިފައިވާ އެއް ބޭފުޅަކީ ގާސިމް އިބްރާހިމް، މިދިޔަ ދެ އިންތިހާބަށް ބަލާލި ނަމަވެސް އެމަނިކުފާނުގެ ތާއީދު ބޮޑުވަމުން އައީ،" ރިޔާޒު ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ، އެ ބޭފުޅުންގެ މަސައްކަތްތަކީ ގާސިމް އިންތިހާބަށް ނެރުން ކަމަށާއި މަޝްވަރާތަކުން ކާމިޔާބު ނުވި ނަމަވެސް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އިތުރު ކެނޑިޑޭޓެއް ނެރުމުގެ ވިސްނުން ނުގެންގުޅޭއިރު، މިކަމަށް ހައްލެއް ހޯދުމަށް ސްޕްރީމް ކޯޓަށް ދިޔުމަށް ވެސް ޖޭޕީ އޮތީ ތައްޔާރަށެވެ.
"މަޝްވަރާތަކަކުން އަޅުގަނޑުމެން އުއްމީދު ކަނޑައެއް ނުލާނަން، އަދި ސްޕްރީމް ކޯޓު ވެސް އެބައޮތް ދެއްތޯ، އޭގެކުރިން މަޖިލީހަށް ގަރާރެއް ނުވަތަ އިސްލާހެއް ވެސް ހުށަހަޅައިދާނެ، މަޝްވަރާތަކުން އެކަން ހާސިލުނުވި ނަމަވެސް އަޅުގަނޑުމެން ނާއުއްމީދުވެ އެކަމަށް އުއްމީދު ކަނޑައެއް ނުލާނަން، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަޅުގަނޑުމެންގެ ލީޑަރަށް ކުރިމަތިލެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރާނަން،" އަލީ ހުސެއިން ވިދާޅުވި އެވެ.
މަޝްވަރާތަކުން ނަތީޖާއެއް ނެރެވޭނެކަމުގެ ޔަގީންކަން ރިޔާޒު އެބަ އޮތެވެ. އޭނާ ވިދާޅުވީ މަޝްވަރާތަކުން އެކަން ހާސިލުވާނެ ކަމަށެވެ. އަދި 2018ގެ އިންތިހާބުގައި ޖޭޕީއަށް ބޮޑު ކާމިޔާބީއެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އިންތިހާބަކީ އަބަދުވެސް ޗެލެންޖެއް، އަޅުގަނޑުމެން ޖެހޭނީ ރައްޔިތުންގެ އިތުބާރާއި ތާއިދު ހޯދަން ރައްޔިތުން ގަބޫލުކުރާނެ މެނިފެސްޓޯއެއް ހުށަހަޅަން މަސައްކަތްކުރަން، އަޅުގަނޑުމެން ހުށަހަޅާ ކަންތައްތަކަކީ ރައްޔިތުން ގަބޫލުކުރާ ކަންތައްތަކަށް ވާން ދެއްތޯ ޖެހޭނީ، އަޅުގަނޑުމެން އުއްމީދުކުރަނީ 2018 ގައި ނުވަތަ އެއަށްވުރެ ކުރިން ވެސް އިންތިހާބެއް އޮވެއްޖެނަމަ މީގެކުރިން ޖޭޕީ ހޯދި ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ޖޭޕީއިން ހޯދާނެ ކަމަށް، ތިންވަނައަށް ޕޮޒިޝަން އެކެއް ނުވަތަ ދެއަކަށް ދެވޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.
އަލީ ހުސެއިން ވަނީ 2018 އަށް ޖޭޕީ ނިކުންނާނެ ކަމުގެ ޔަގީންކަން ދެއްވައި، ރިޔާސީ އިންތިހާބުގައި އެއްވެސް ބައެއްގެ ނިވަލަށް ވަދެ ޖޭޕީ ނޯންނާނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
ޖޭޕީގެ މެންބަރުންގެ އުއްމީދުތައް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މިހާ ފޮނިއިރު، މިކަމާ ގުޅޭ ގޮތުން ގާސިމް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ވެސް ހާމަކުރައްވާފައެއް ނުވެ އެވެ. އެމަނިކުފާނު މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިނުވީ ނަމަވެސް ޖޭޕީގެ ބަސްމަގު ހުންނެވި ގޮތުން އެމަނިކުފާނު 2018 އަށް ނިކުންނަވަން ބޭނުންވާކަން އެނގިގެންދެ އެވެ. ދެން، އޮތީ މަޝްވަރާތަކުން ނިކުންނާނެ ނަތީޖާއަކަށް އިންތިޒާރުކުރުމެވެ. ގާސިމަށް 2018 އަށް ނިކުމެވޭނެ ގޮތްވެއްޖެނަމަ ހަމަގައިމުވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު އިތުރަށް ޝައުގުވެރިވެގެންދާނެ އެވެ. ވާދަވެރިކަން އުތުރި އަރައިގެންދާނެ އެވެ.