ވިޔަފާރި

ގަން އެއާޕޯޓު ބޮޑުކޮށް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި

  • އިންވެސްޓްމަންޓް 45 މިލިއަން ޑޮލަރު
  • އެންމެ ބޮޑެތި ފްލައިޓްތައް ޖެއްސޭނެ
  • ދެކުނަށް ބޮޑު ތަރައްގީއަށް ލިބޭނެ

އައްޑޫ- ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ނިމި، ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ 960 މީޓަރު ހިއްކައިގެން ހަދާފައިވާ ރަންވޭ އަށް ބޮޑު ކުރި ބަޔާއެކު އައްޑޫ އެއާޕޯޓު ހުޅުވުމަށް މިހާރު ކުރަމުންދަނީ ކުދިކުދި މަސައްކަތްތައް ކަމަށެވެ.

"މިހާރު ކުރިއަށް ގެންދަނީ ކުދިކުދި ކޮސްމެޓިކް ކަންތައްތައް. މަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި މަސައްކަތް ކުރުމަށް ބޮޑެތި ވެހިކަލްތައް ދުއްވާތީ. މިހާރު އެ މަސައްކަތްތައް ކުރިއަށް ދަނީ،" އިބްތިޝާމާ ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ރަންވޭ 3،400 މީޓަރު (ގާތްގަނޑަކަށް 11154 ފޫޓު) ދިގުކޮށް، 60 މީޓަރަށް (ގާތްގަނޑަކަށް 196.85 ފޫޓު) ފުޅާކޮށްފައިވެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރީގައި އެއާޕޯޓުގައި ހިދުމަށް ދެނީ ބޮއިން 757 އާއި އޭ-320 އަދި އޭ-327 ގެ މަތިންދާ ބޯޓު ފަހަރެވެ. ނަމަވެސް މި މަޝްހޫއާއެކު ވައިޑް ބޮޑީ ކޯޑްއީ ގެ ފްލައިޓްތައް ޖެއްސޭނެ އެވެ. މިގޮތުން 777 ގެ ބޯޓު ފަހަރާއި އޭ-380 ގެ ބޯޓު ފަހަރު ވެސް ޖެއްސޭނެ އެވެ. މުޅި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

ގަން އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ބޮޑު ކުރުމާއި އެއާ ޓްރެފިކް އިކްއިޕްމަންޓް ހޯދުމާއި ގްރައުންޑް ހޭޑްލިން އަށް ބޭނުންކުރާ ސާމާނު ހޯދުމުގެ މަސައްކަތެވެ.

ގަން- އެއާޕޯޓުގެ ބަދަލުތައް ކުރުކޮށް

  • ރަންވޭ 3،400 މީޓަރަށް ބޮޑުކޮށްފަ
  • ފުޅާމިން 60 މީޓަރު ބޮޑު ކުރެވިފައި
  • ކުރިން 757 ބޯޓު ފަަހަރު ޖެއްސޭ
  • ހުޅުވުމުން 777 ބޯޓު ފަހަރަށް ހިދުމަތްދެވޭ
  • ޖުމްލަ އިންވެސްޓްމަންޓް 45 މިލިއަން ޑޮލަރު

ޖީއެމް، އިމްތިޝާމާ ވިދާޅުވީ އެއާޕޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދުތެރެ ނޫނީ ޑިސެމްބަރު މަހުގެ ކުރީކޮޅު ކަމަށެވެ.

"ހުޅުވުމަށް ކުދި ކުދި މަސައްކަތް ކުރަނީ. ހުޅުވާނެ ސީދާ ތާރީހެއް ފައިނަލެއް ނުކުރަން،" އިބްތިޝާމާ ވިދާޅުވި އެވެ.

ގަން އެއާޕޯޓް ހުޅުވަން ތައްޔާރުވެފައިވާއިރު ސްރީލަންކަން އެއާލައިންސް އިން ދަނީ ގަމަށް ދަތުރު ފެށުމުގެ ގޮތުން މަސައްކަތް ފަށަމުންނެވެ. އެގޮތުން އެ އެއާލައިންގެ ޝެޑިއުލްއަށް ވަނީ ލާފަ އެވެ.