އަދާލަތު ޕާޓީ

މަޝްވަރާތަކަށް ޝަރުތުތައް ކުރިމަތިނުކުރަން އަދާލަތުން ގޮވާލައިފި

ސަރުކާރުން އިސް ނަގައިގެން ބޭއްވުމަށް މަސައްކަތްކުރަމުންދާ ހުރިހާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ޝަރުތުތައް ކުރިމަތި ނުކުރުމަށް އަދާލަތު ޕާޓީން މިއަދު ގޮވާލައިފި އެވެ. ކޮމަންވެލްތްގެ ސީމެގުން ރާއްޖެއަށް ވަނީ އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާތައް ފެށުމަށް ގޮވާލާފަ އެވެ.

އަދާލަތުން މި ގޮތަށް ގޮވާލާފައިވަނީ މިއަދު ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއި ކުރައްވާ ފޮނުވާފައިވާ މި ސިޓީއަކީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް އެ ޕާޓީއަކުން މަޝްވަރާތަކުގައި ބައިވެރިވާނޭ ބޭފުޅުންގެ ނަންތައް ޕާޓީގެ ކައުންސިލުން ނިންމައި ރައީސް އޮފީހަށް ފޮނުވަން އަންގާ ރައީސް އޮފީހުން ފޮނުވި ސިޓީގެ ޖަވާބެވެ.

އަދާލަތުގެ ސިޓީގައި ބުނެފައިވަނީ، ސީމެގްގެ ގޮވާލުމާއި ވިދިގެން ސަރުކާރުން ވާދަވެރި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުމަށް، އިތުރު ޝަރުތުތައް ކުރިމަތުނުކޮށް، އިހްތިރާމްކުރުމަށް އެދޭ ކަމަށެވެ.

"މަޝްވަރާތައް ފެށުމުގެ މާކުރިން އެކިއެކި ނަންނަމުގައި ޝަރުތުތައް ކުރިމަތިކުރުމީ މަޝްވަރާތައް ފެށުމުގެ ކުރިން އެ މަޝްވަރާތައް ފޭލިވެދާނެ ސަބަބެއް، އެހެންކަމުން ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ސަރުކާރުގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެއްދުމުގެ ފުރުސަތުވެސް ފަހިވާނެކަމުގައި އަދާލަތު ޕާޓީން ދެކެން،" ސިޓީގައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމާ ސަރުކާރުން ބެހި ގޮތްކިޔާހެދުމަކީ ހީނަރުވަމުން އަންނަ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށް ވެސް އަދާލަތުން ވަނީ ބުނެފަ އެވެ.