ވިޔަފާރި

ގަން އެއާޕޯޓްގެ ސީޕްލޭން ބޭސް ހަދައިފި، ދަތުރުތައް އަންނަ މަހު ފަށަނީ

  • އަންނަ މަހު ސީޕްލޭންގެ ދަތުރުތައް ފަށާނެ
  • ސީޕްލޭންގެ ހިދުމަތް ދޭނި ޓީއެމްއޭ އިން
  • ސީޕްލޭންގެ ސަބަބުން ފަސޭހަތަކެއް ވާނެ

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން ގެންދާ ސީޕްލޭން ބޭސްގެ، ރަންވޭ ޕްލެޓް ފޯމް އަޅައިފި ނިންމާލައިފި އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ހަވާލުކޮށްފައިވާ، ސީޕްލޭންގެ ހިދުމަތް ފެށުމަށް ހަދަން ޖެހޭ ބޭސް މިހާރު ހަދާ ނިންމާލާފައިވާ ކަމަށެވެ. އަދި ހުއްދަތައް ހޯދުމަށް މިހާރު ސިވިލްއޭވިއޭޝަނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރަންވޭ އަޅައި ވަނީ ނިމިފައި. ކުރިއަށް އޮތް ހަފުތާއެއް ނޫނީ ދެ ހަފުތާގެ ތެރޭގައި ސިވިލް އޭވިއޭޝަނުން ދާނެ އެއިރޯޑްރޯން ސެޓިފިކެޓަށް. އޭރުން ފްލައިޓްތައް ފެށޭނެ،" އިބްތިޝާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީއެމްއޭ އިން އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ސީޕްލޭންގެ ދަތުރުތައް ފަށާނެ ކަމަށާއި، މި ދަތުރުތަކުގެ ސަބަބުން ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސީޕްލޭންގެ ހިދުމަތް އައްޑޫ އިން ފެށުމުން، ގަން އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށް ބާރަކަށް ވާނެ އެވެ. އަދި އެ ސަރަހައްދާ ކައިރި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ކައިރި ރިސޯޓްތަކަށް ގެންދިޔުމަށް ބާރަކަށް ވާނެ ކަމަށާއި ޓޫރިސްޓުންނަށް ދަތުރުކުރުމުގައި ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އިބްތިޝާމާ ވިދާޅުވި އެވެ.

"މިހާރުގެ އޮޕަރޭޝަން އިންނަ ގޮތުންނަމަ އިންޓަނޭޝަނަލް ރޫޓުން މި އަންނަނީ މާލެ އަށް. މާލެ އިން ސީޕްލޭންގައި މިދަނީ ގއ. އަދި ގދ އަށް ދާ ޓޫރިސްޓުން އެންމެ ކައިރީ އިންނަ އެއާޕޯޓަކަށް. އެއާޕޯޓަކުން މި ދަނީ ރިސޯޓަށް. ނަމަވެސް މި ދަތުރުތައް ފެށުމުން ޓޫރިސްޓުންގެ ޓްރެވަލިން ޓައިމް ކުރުވެގެންދޭ. މިއީ ރަނގަޅު ބަދަލެއް،" އިބްތިޝާމާ ވިދާޅުވި އެވެ.

ސަރުކާރުން އޭއައިއޭ ބޮޑު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރަންވޭ 3،400 މީޓަރު ވަނީ ބޮޑު ކޮށްފަ އެވެ. މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގަކީ 45 މިލިއަން ޑޮލަރެވެ. ރަންވޭގެ މަސައްކަތް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އަދި އަންނަ ޑިސެމްބަރު މަހު ސްރީލަންކަން އެއާލައިންސް އިން ސީދާ ކޮލަމްބޯއިން ގަމަށް ދަތުރު ފަށަން ނިންމައި މިހާރު ވަނީ ރިޒަވޭޝަން ވެސް ހަދަން ފަށައިފަ އެވެ.