ރިޕޯޓް

ޝަނުމްގެ ހިމޭން ދުނިޔެ: ވޭނާއި ހިތްދަތިކަމުގެ އިންތިހާ!

މޫނު މަތިން ފެންނަނީ ތާޒާކަމާއި އުފާވެރިކަމެވެ. އެ ހިނިތުންވުން ކިތަންމެހާ ވެސް ލޯތްބެވެ. އެހާ ލޯބި ހިނިތުންވުމެއް ހަމަ ގައިމުވެސް މީގެކުރިން ނުދެކެމެވެ. އެ މޫނު ފެންނަ ކޮންމެ މީހެއްގެ ހިތް ކަތިލާނެކަން ކަށަވަރެވެ. މި ލޯބިލޯބި ހިނިތުންވުމުގެ ވެރިއަކީ އެންމެ އަށް އަހަރުގެ ހައްވާ ޝަނުމް އެވެ. ލ. ގަމަށް އުފަން ޝަނުމްގެ މޫނު މަތިން ކިތަންމެ ލޯބި ހިނިތުންވުމެއް ފެނުނު ނަމަވެސް އެ ހިނިތުންވުމުގެ ފުރަގަހުގައިވާ ހަގީގަތް ވަރަށް ވެސް އަސަރުގަދަ އެވެ. އޭނާގެ ހަޔާތް ތިހީކުރާ ވަރަށްވުރެ ވެސް ހިތް ދައްޗެވެ.

ޝަނުމްއަކީ ވިހެއުމަށްފަހު ދިމާވި ކަންތައްތަކެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެކެވެ. އޭނާއަށް ކޮޅަށް ކީއްކުރަން އިށީނދެ ވެސް ނީނދެވެ އެވެ. އަބަދު އޮންނަން ޖެހެނީ އޮށޯވެ އެވެ. މީހަކާ އަނގައިން ބުނެ ވާހަކަ ދައްކާލުމުގެ ނަސީބު ވެސް އޭނާގެ ނެތެވެ.

ޝަނުމްގެ ކެތްތެރި މަންމަ، އޭނާގެ އުނގަށްލައިގެން އިނދެ ވަނީ ޝަނުމް ވިހެއުމުގައި ދިމާވި ކަންކަން އޭނާ "އަވަސް" އާ ހިއްސާކުރި އެވެ.

ކަޅައިދޫއަށް އުފަން ޒައިނަބު އަހުމަދު ބުނީ، ޝަނުމް ވިއްސުމުގެ ތެރޭގައި އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންދީފައިވާ ކަމަށެވެ. ވިހޭއިރު ބޯ ކުޑަކޮށް އޮތް ނަމަވެސް އިރުކޮޅެއް ތެރޭގައި ޝަނުއްމްގެ ބޯ ވަރަށް ބޮޑަށް ދުޅަވާން ފެށި ކަމަށް ޒައިނަބު ބުންޏެވެ. ޝަނުމްގެ ބޮލުގައި ފެން ހެދެނީ ކަމަށް ބުނެ ފޮނުވާލީ މާލެ ކަމަށާއި މާލެ އައުމުން ޑޮކްޓަރު ވަނީ ޝަނުމްގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ބުނެފައި ކަމަށް އޭނާ ބުންޏެވެ. ޒައިނަބު ބުނީ، މާލޭގައި ޝަނުމް އެޑްމިޓްކުރިތާ ހަފުތާއެއްވިތަނާ އޭނާއަށް ރީނދޫ ހުން ޖެހުން ކަމަށެވެ. އަދި، ޑޮކްޓަރުންނާއި ނަރުހުން ޝަނުމްއަށް މާބޮޑު އަޅާލުމެއް އޭރު ނުބެހެއްޓި ކަމަށް ޒައިނަބު ތުހުމަތުކުރެ އެވެ.

ޝަނުމްއަށް ރީނދޫ ހުން ޖެހިފައިވަނިކޮށް، އޭނާ ނާސަރީއަށްލީ ކަމަށާއި ނާސަރީގައި ޝަނުމް އޮތްވާ އޭނާއަށް ފިޓް ޖެހުން ކަމަށް ވެސް ޒައިނަބު ބުންޏެވެ. ޝަނުމްގެ ގައިން ލޭ ބަދަލުކުރަން ޖެހޭ ކަމަށް ބުނެ ޝަނުމްގެ ލޭ ވެސް ބަދަލުކުރި ކަމަށް އޭނާ ބުންޏެވެ. ލޭ ބަދަލުކުރުމަށްފަހު ޝަނުމް އޭނާގެ އަތަށް ދިންއިރު ޝަނުމްގެ ގައިގާ ހުރީ 1800 ގްރާމް ކަމަށް އޭނާ ބުންޏެވެ.

ޒައިނަބަށް ދެން އިވުނު ވާހަކައިން އޭނާގެ ދުނިޔެ ބަނަވެގެން ދިޔަ އެވެ. ޑޮކްޓަރުން ޝަނުމްއާ މެދު އުއްމީދު ކަނޑާލި އެވެ. އޭނާ ދުނިޔޭގައި ނޯންނާނެ ކަމަށް ބުންޏެވެ. ޑޮކްޓަރުން އެހެން ބުނި ނަމަވެސް ލޯބިވާ ފަސްވަނަ ދަރިފުޅާމެދު ކުރަމުންދިޔަ އުއްމީދު ޒައިނަބު ގެއްލުވައެއް ނުލަ އެވެ. އެ ހޮސްޕިޓަލުން ދަރިފުޅު ނެރެގެން އޭނާ ފުރީ އިންޑިއާއަށެވެ. އިންޑިއާގެ ހޮސްޕިޓަލެއްގެ ނާސަރީގައި ޝަނުމް ތިން މަސް ދުވަސްވަންދެން ބޭއްވިއެވެ. ޒައިނަބަށް ޝަނުމް އަނބުރާ ލިބުނީ އޭގެ ފަހުންނެވެ. އޭރު ޝަނުމް އޮތީ، އެތައް ބައިވަރު ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖަކަށްވެފަ އެވެ.

ޒައިނަބު އުފާކުރީ އެންމެ ސަބަބަކަށްޓަކަ އެވެ. އުއްމީދު ކަނޑާލައި، ދުނިޔޭގައި ނޯންނާނެ ކަމަށް ބުނި ދަރިފުޅު އަނބުރާ ލިބުމުންނެވެ. ދަރިފުޅު ކޮންމެ ހާލެއްގައި އޮތް ނަމަވެސް އެ މަންމަ ކެތްތެރިކަމާއެކު ދަރިފުޅު ބަލައިބޮޑުކުރުމުގެ ޒިންމާ އުފުލި އެވެ.

ޝަނުމްގެ އޮޕަރޭޝަނެއް އިންޑިއާއިން ވަނީ ކޮށްފަ އެވެ. ފުރަތަމަ އޮޕަރޭޝަންކޮށް އޭނާއަށް ބޮޑުކަމުދެވޭނެ ގޮތް ހެދި އެވެ. އެއީ ބަނޑާ ދިމާލުން ލޯވަޅެއް ކެނޑުމަށްފަހު އެވެ. ފަހުން ދެވަނަ އޮޕަރޭޝަނެއްކޮށް އެ ލޯވަޅު ވަނީ ފުރަގަސް ފަރާތަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ބޮޑުކަމުދާތަކެތި ހިފަހައްޓައިނުދޭތީ ޝަނުމް އަބަދުވެސް ބާއްވަން ޖެހެނީ ނެޕީ ޖަހާފަ އެވެ. އެ އޮޕަރޭޝަންކުރި ފާރުގަނޑު އަދިވެސް އެބަހުއްޓެވެ. އޮޕަރޭޝަން ކުރީ 2008 ވަނަ އަހަރު އެވެ. އޭރުންސުރެ ވެސް ޝަނުމް އެ އޮތީ އެ ހާލުގަ އެވެ.

އޮޕަރޭޝަނަށްފަހު ކޮންމެ ހަ މަހަކުން އެއް ފަހަރު އިންޑިއާއަށް ގޮސް ދެއްކުމަށް އެ ހޮސްޕިޓަލުން އެންގި އެވެ. ނަމަވެސް މާލީ ތަނަވަސްކަން އެ އާއިލާއަށް ލިބިފައިނުވާތީ، އޮޕަރޭޝަނަށްފަހު އެންމެ ފަހަރަކުވެސް އެ އާއިލާއަށް އިންޑިއާއަށް ދެވިފައެއް ނުވެ އެވެ. އިންޑިއާ ހޮސްޕިޓަލުން ވަނީ ގަވައިދުން ޝަނުމްއަށް ބޭސް ދެވި، ހޮސްޕިޓަލަށް ދައްކާނަމަ އަމިއްލައަށް އުޅޭވޭވަރު ކުއްޖަކަށް ޝަނުމް ވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މިހާރު ވެސް ޝަނުމް އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. ރަށުން ހާލު ދެރަވެގެން ޝަނުމް މާލެ ގެނައިރު އޭނާގެ ހުރީ ތިން ޕޮއިންޓް ލެ އެވެ. އޭނާ އެޑްމިޓްކުރުމަށްފަހު މިހާރު ވަނީ ލޭ އަޅާފަ އެވެ. ހަށިގަނޑު އެއްކޮށް އަނަރޫފަވެފައި އޮތް ޝަނުމްގެ ހަށިގަނޑަށް ލޭ އެޅުމުން އޭނާގެ ހަށިގަނޑުން ތާޒާކަން ވަނީ ފެންނަން ފަށާފަ އެވެ.

ޝަނުމްއަށް ކާން ދިނުމަކީ ވެސް އުނދަގޫ ކަމެކެވެ. އެތައް ގަޑިއިރަކު ޔޯގަޓް ތައްޓެއް ހިފައިގެން ކާން ދޭން ވެސް އިންނަން ޖެހިދާނެ އެވެ. ކޮޅަށް ނީނދެވޭތީ އޭނާއަށް ކާންދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ހަމަގައިމުވެސް ޝަނުމް ބެލެހެއްޓުމަކީ ފަސޭހަ މަސައްކަތަކަށްނުވާނެ އެވެ. އެންމެ އަށް، އަހަރު ޝަނުމްއަށް ފުރިފައިވީ ނަމަވެސް ޝަނުމްގެ އާއިލާ ޝަނުމްއަށްޓަކައި އުފުލާފައިވާ ބުރައަކީ ތައުރީފު ހައްގު، އެހާމެ ކެތްތެރި މަސައްކަތްތަކެކެވެ. ފާއިތުވެދިޔަ އަށް އަހަރު ތެރޭގައި އެތައް ކަމެއް ޒައިނަބު ތަހައްމަލުކޮށްފައި ހުންނާނެ އެވެ. އެ ވާހަކަތައް ކިޔައިދިނުމަށް ވެސް ޒައިނަބު މަސައްކަތްކުރި އެވެ. ނަމަވެސް "އަހަރެން ތަހައްމަލުކުރި ކަންކަން އެކަކަށް ވެސް ނޭނގޭނެ......" އޭގެއިތުރަށް ޒައިނަބަށް އެއްޗެއް ބުނެވޭވަރެއް ނުވި އެވެ. އޭނާއަށް އެ ވާހަކަތައް ކިޔައެއް ނުދެވުނެވެ.

ވާހަކަ ނުދެއްކުނު ނަމަވެސް، އެހެން މީހުން ދައްކާ ހުރިހާ ވާހަކައެއް ވެސް ޝަނުމްއަށް އެނގެ އެވެ. ފައި ދަމާލާށޭ ބުނުމުން ފައި ދަމާލަ އެވެ. ހިނިތުންވެލާށޭ ބުނުމުން ހިނިތުންވެލަ އެވެ. ލޯ ދައްކާލާށޭ ބުނުމުން ލޯ ވެސް ދައްކާލަ އެވެ. ދޮނެއް ދޭށޭ ބުނުމުން ދޮނެއް ވެސް ދެ އެވެ. ވާހަކަ ދައްކަން ވެސް އޭނާ މަސައްކަތްކުރެ އެވެ. އިހުސާސްތައް އަނގައިން ބުނެދޭން ވަރަށް މަސައްކަތްކުރެ އެވެ. އެހެނަސް އިޝާރާތުން ނޫން ގޮތަކަށް ޝަނުމްއަށް އޭނާގެ އިހުސާސްތައް ބުނެ ނުދެވެ އެވެ. އަތުން ނޫނީ ފައިން އިޝާރާތް ކޮށްލަކޮށްލާ އޮންނަނީ އެވެ. އެ ހާލުގައި ވެސް ހިނިތުންވުމަށް އޭނާ ހާއްސަ ސަމާލުކަމެއްދޭ ކަހަލަ އެވެ. މީހަކު ބަލާލިއަސް ހިނިތުންވެލަ އެވެ. އަނގައިން ބުނެލިޔަސް ހިނިތުންވެލަ އެވެ.

އެ ރީތި ހިނިތުންވުން ގިނަ ވަގުތު ފެންނަން ހުރި ނަމަވެސް އުފުލާ ވޭނުގެ އަސަރު ބައެއް ފަހަރަށް އޭނާގެ މޫނުމަތިން ފެނެ އެވެ. ގައިގާ އަޅާ ވޭން މޫނުމަތިން ފެނިގެންދެ އެވެ. އެ ވޭން އޭނާ ފޮރުވާލަނީ ހިނިތުންވެލަމުންނެވެ.

އިންޑިއާގެ ހޮސްޕިޓަލުން ޝަނުމް ރަނގަޅުވާނެކަމުގެ އުއްމީދު ދީފައިވާއިރު މާލީ ތަނަވަސްކަން ނެތުމުން އެ ހަރަދު ކުރެވޭނެ ގާބިލުކަން އެ އާއިލާގައި ނެތެވެ. އެ އާއިލާގެ އެންމެ ބޮޑު ހިތާމައަކީ ވެސް އެއީ އެވެ. އޭގެއިތުރަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަދިވެސް ފަހި ފުރުސަތަކެއް ނެތުން އެއީ އެ އާއިލާ ކަންބޮޑުވާ ކަމެކެވެ. ޒައިނަބު ގަބޫލުކުރާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބޭ އިނާޔަތް ބޮޑުވާން ޖެހެ އެވެ. ރަށްރަށުގެ ހޮސްޕިޓާތަކުން އެފަދަ ކުދިންނަށް ފަރުވާދެވެން ޖެހޭނެ އެވެ. ރަނގަޅު ޑޮކްޓަރުންނާއި ނަރުހުން ބޭނުންވެ އެވެ.

ހަމައެފަދައިން ތޮއްޖެހިފައިވާ މާލޭގައި ދަރިފުޅު ކޮނޑަށްލައިގެން ބޮޑު ކިޔެއްގައި ޖެހިގެން ޑޮކްޓަރަށް ދެއްކޭ ގޮތްވުމަކީ އޭނާގެ ހިތަށް އަސަރުކުރާ ކަމެކެވެ. އެފަދަ ކުދިންނަށް އެއަށްވުރެ ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުގައި އެދެން އޭނާ ބޭނުންވެ އެވެ. މިކަމަށް ސަރުކާރުންދޭ އަޅާލުން ބޮޑުކުރަން އޭނާ ބޭނުންވެ އެވެ.

ޒައިނަބު ބުނި ގޮތުގައި، މުޖުތަމައުގެ ގިނަ މީހުންނަކީ އެފަދަ ކުދިންނަށް އަޅާލައި ވަރަށް އޯގާތެރި މީހުންނެވެ. ނަމަވެސް މަދުން ނަމަވެސް އެފަދަ ކުދިން ބަކީކޮށް، ނިކަމެތިކޮށްލާ މީހުން އުޅެ އެވެ. ޝަނުމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މާގިނަ ބަޔަކު އޭނާ ދެކިލުމަށް ނުދެ އެވެ. ނަމަވެސް ޒައިނަބު ބުނި ގޮތުގައި ޑިސްއެބިލިޓީ އެންބެސެޑާ ހިޝާން ގަވައިދުން ޝަނުމްގެ ހާލު ބެލުމަށް ހޮސްޕިޓަލަށްދެ އެވެ. އެ އާއިލާއިން ހިޝާންއަށް ޝުކުރުވެރިވަނީ ހިތުގެ އެންމެ ފުންމިނުންނެެވެ. ޒައިނަބުގެ އެދުމަކީ އެފަދަ މީހުން ގިނަވުމެވެ.

ހަމަހިމޭން ދުނިޔެއެއްގައި ހިނިތުންވެ ޝަނުމް އަށް އަހަރު ހޭދަކޮށްފައިވާއިރު، އޭނާގެ ހިމޭން ދުނިޔެއަށް ނިމުން ގެންނަން އާއިލާ އަދި ޝަނުމް ވެސް ބޭނުންވާނެކަން ޔަގީނެވެ. ޝަނުމްގެ ހިމޭން ދުނިޔެއަށް ނިމުން ގެނެދިދާނެކަމުގެ އުއްމީދެއް އެބަ އޮތެވެ. ބޭނުންވަނީ އެހީތެރިކަމާއި އަޅާލުމެވެ.

ޝަނުއްމްއަށް އެހީއެއް ދޭން ބޭނުން ނަމަ: ފޯނު ނަންބަރު: 9116956
އެކައުންޓް ނަންބަރު: :7707367220101 Fathimath sifaza