ލައިފްސްޓައިލް

ވޯގް މަޖައްލާގެ ކަވަރުގައި "ލޯ ރީތި ރައުދާ"

އެމެރިކާގެ މަޝްހޫރު ފެޝަން އަދި ލައިފްސައިޓްލް މަޖައްލާއިން އިންޑިއާގައި ނެރޭ "ވޯގް އިންޑިއާ"ގެ މި މަހުގެ ކަވަރުގައި ރާއްޖޭގެ މޮޑެލެއް ހިމެނިއްޖެ އެވެ. މި މަހުގެ ކަވާ ހާއްސަކޮށްފައިވާ ތަފާތު ސިފަތައް ލިބިފައިވާ ދެކުނު އޭޝިއާގެ މޮޑެލުންނަށެވެ.

ވޯގް މަޖައްލާގެ ކަވާގައި ހިމެނުނު ރާއްޖޭގެ މޮޑެލް ރައުދާ އަތީފަކީ ވިލު ނޫކުލައިގެ ލޮލުގެ ވެރިޔާގެ ގޮތުން ދިވެހިންގެ މެދުގައި މީގެ ކުރިން މަޝްހޫރިވެގެން ދިޔަ ޒުވާނެކެވެ. ސޯޝަލް މީޑިއާގައި އާންމުވި ރައުދާގެ ފޮޓޯތަކަކަށް ގިނަ ބަޔަކު ހިތްކިޔެވެ. ރައުދާ މޫދަށް އެރި ހުއްޓާ ނަގާފައިވާ އެ ފޮޓޯތައް ނެގީ، ރާއްޖޭގެ ފޮޓޯގްރާފާ ސޮއްޓި އެވެ.

"މޮޑެލްކުރުމަކީ ހޮބީއެއް، އަހަރެން މި ދަނީ ޑޮކްޓަރުންކަން ކިޔަވަމުން،" ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ 20 އަހަރުގެ ރައުދާ ވޯގް މަޖައްލާއަށް ބުނެފައިވެ އެވެ.

ރައުދާ ބުނީ، މީހުންނަށް އެހީވުމަށް ޑޮކްޓަރަކަށްވުމަކީ އަބަދުވެސް އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ސޮއްޓިގެ ފޮޓޯތަކުން ރައުދާ މަޝްހޫރުވެގެންދިޔައިރު އޭނާ ބައިވެރިވި ފުރަތަމަ ކެމްޕޭނަކީ ގައުމީ ޓީވިން ކުރިއަށްގެންދިޔަ ތިމާވެށީގެ ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ރައުދާ ވަނީ ޕްލާސްޓިކް ކޮތަޅު މަނާކުރުމަށް ހިތްވަރު ދިނުމަށް ހިންގި ކެމްޕޭނެކެވެ. އޭރު އޭނާގެ އުމުރުން 14 އަހަރެވެ.

މިއީ ދިވެއްސަކު ވޯގް މަޖައްލާގެ ކަވާގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

ރައުދާގެ އިތުރުން މި މަހުގެ މަޖައްލާގެ ކަވާގައި ބަންގްލަދޭޝް، ލަންކާ ، ބޫޓާން، އިންޑިއާ އަދި ނޭޕާލްގެ މޮޑެލުން ހިމަނާފައިވެ އެވެ.