ރިޕޯޓް

ބީޗްގެ ރުއްތައް ސާފު ނުކުރާތީ ޝަކުވާ ގިނަވެފައި!

"އަހަރެން އުޅުނީ ކުޑަ ކުއްޖެއް ގޮވައިގެން ބީޗްގައި އޭނާއާއެކު ކުޅެން، އެހެން އުޅެނިކޮށް އެތާ ހުރި ރުކަކުން ކާޓެއް ވެއްޓި އަހަރެންގެ ބޮލުގައި ޖެހުނީ، ކުއްޖާ ގައިގާ ކިރިޔާ ނުޖެހުނީ، ނަސީބެއް،"

މިއީ އާޓިފިޝަލް ބީޗަށް ކުޑަ ކުއްޖަކު ގޮވައިގެން ގޮސް އުޅުނު މީހަކު ހިއްސާކުރި ވާހަކައެކެވެ. މި ވާހަކައާއެކު އެ ސަރަހައްދަށް ގޮސް، އެ ތާނގައި ހުރި ރުއްތައް ބަލައިލީމެވެ. ހަގީގަތުގައި ވެސް ތެދެކެވެ. އެ ސަރަހައްދުގައި ހުރި ބައެއް ރުއްތައް ސާފު ނުކުރާތާ ވަނީ ވަރަށް ގިނަ ދުވަސްތަކެއްވެފަ އެވެ. ރުއްތައް ބަލައިލުމުން އެެކަން އެނގެ އެވެ. ބައެއް ރުއްތަކުގައި ހިކިފައިވާ ކާށިތައް ވެސް އެބަ ހުއްޓެވެ. ހިކިފައިވާ ފަންތައް އެލިފައި ވެސް ހުއްޓެވެ. ހާއްސަކޮށް އެންމެ ގިނަ ބަޔަކު ގޮސް އުޅޭ ބީޗްގެ ސްޓޭޖް ސަރަހައްދުގައި ހުރި ރުއްތައް ސާފުނުކޮށް ހުރިކަން ފާހަގަވި އެވެ.

އާޓިފިޝަލް ބީޗާއި އެ ސަރަހައްދުގައި ހިމެނޭ ރުއްތަކަށް ބަލާއިރު މަދު ރުކެއް ސާފުކޮށްފައި ހުރި ނަމަވެސް، ގިނަ ރުއްތަކެއް ސާފުނުކޮށް ހުރި ކަމަށް ބީޗްގައި ތިބި މީހުން ވެސް ފާހަގަކުރި އެވެ. އަދި އެކަމާ ޝަކުވާ ވެސް ކުރި އެވެ.

"އަސްލު މިއީ އެހާ ރައްކާތެރި ކަމެއް ނޫން، ކުޑަ ކުދިން އާންމުކޮށް މިތަނަށް އައިސް މި އުޅެނީ، އެހެންވީމަ މި ރުއްތައް ޖެހޭނެ ގަވައިދުން ސާފުކޮށްފައި ބަހައްޓަން، ކަމެއް ވާނީ ބުނެފައެއް ނޫން،" މަންމައަކު ކަންބޮޑުވުން ހިއްސާކުރި އެވެ.

އަބަދު ރުއްތައް ސާފުކުރުމަކީ ފަސޭހަ ކަމެއް ކަމަށް ފަހަރުގައި ނުވެދާނެ އެވެ. އެހެންނަމަވެސް އެ ސަރަހައްދަކީ ގިނަ ކުޑަ ކުދިންތަކެއް ކުޅުމަށްދާ ސަރަހައްދަކަށްވާއިރު، އާންމުކޮށް ކުދިން އުޅޭ ސަރަހައްދުގައި ހުންނަ ރުއްތައް ސާފުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ.

ބްރޭކް ވޯޓާ ކައިރީ ކުދިންނަށް ކުޅެވޭ ގޮތަށް ހަދާފައިވާ ކުޑަކުޑަ ޕާކް ތެރޭގައި ހުރި ރުއްތައް ވެސް ހުރީ ސާފުނުކޮށެވެ. އެތާނގައި އަބަދު ކަހަލަ ގޮތަކަށް ކުޑަ ކުދިން ވަދެ ނިކުމެ ކުޅި ސަކާރަތް ޖެހުމުގައި އުޅެ އެވެ. އަދި ރޭ ވެއްޖެނަމަ ބޮޑެތި މީހުން މަޑުކޮށްލައިގެން ތިބޭ ތަނަކަށް ވެސް އެތަން އޮންނަނީ ވެފަ އެވެ. މިފަދަ ތަނެއްގައި ރުއްތައް މިގޮތަށް ސާފުނުކޮށް ހުރުން އެހާ ރައްކާތެރިއެއް ނޫނެވެ.

"މިކަހަލަ މާގިނަ ތަނެއް ނެތް ދަރިން ގޮވައިގެން އަންނާކަން، އެހެންވީމަ މިހެން އޮންނަ އެންމެ ތަނެއް ވެސް ރަނގަޅަށް ނުބެލެހެއްޓޭތަން މި ފެންނަނީ، މިހެން އޮތަސް މިތަނަށް ވެސް ނައިސް ނުވާތީ މި އަންނަނީ، ކަންބޮޑުވޭ މިކަމާ،" ބީޗްގައި ހުރި އަންހެނަކު ބުންޏެވެ.

މާލޭގައި ހުންނަ މިފަދަ ތަންތަން ބެލެހެއްޓުން ވަނީ ހައިސިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އެގޮތުން ބީޗް ސަރަހައްގައި ހުރި ރުއްތައް ސާފުކުރުމުގެ ޒިންމާ އޮތީ ހައުސިން މިނިސްޓްރީގެ ދަށުގަ އެވެ.

މިނިސްޓްރީގެ އުސޫލަކީ ކޮބާ؟

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރުއްތައް ކޮންމެ ހަފުތާއަކު ވެސް ބަލަމުންދާ ކަމަށެވެ. އަދި މިހާރު ވެސް ރުއްތައް ސާފުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފައިވާނެ ކަމަށެވެ. މި މަސައްކަތް ކުރަނީ ބިޑަށް ހުޅުވާލައިގެންނެވެ. ރުއްތައް ސާފުކުރުމަށް މިނިސްޓްރީގެ މުވައްޒަފުން ނުނިކުމެ އެވެ.

މިނިސްޓްރީގެ މުވައްޒަފުން ނިކުމެ، ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން މިކަން ކުރަމުން ނުދާތީ މިކަން އޮންނަނީ ގިނަ ފަހަރަށް ދެމެހެއްޓެނެވި ގޮތެއްގައި ނުކުރެވިފަ އެވެ. އެއް ފަހަރު ރުއްތައް ސާފުކޮށް، ދެވަނަ ފަހަރަށް ރުއްތަކުގެ ހާލަތު ބެލޭއިރު އޮންނަނީ ރުއްތަކުގައި އެއްޗެހި އަޅައި، މީހުންގެ ބޮލަށް އެއްޗެހި ފައިބާ ހިސާބަށް ގޮސްފަ އެވެ.

ހަރުދަނާ އުސޫލެއް ބޭނުން

ހައުސިން މިނިސްޓްރީން ބެލުމުގެ ދަށުގައިވާ ރުއް، ގަސް ސާފުކޮށްދޭނެ ބަޔަކު ހޯދުމަށް މި މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީން އިއުލާނެއް ކުރި އެވެ. ނަމަވެސް އެކަމަށް ކުރިމަތިލީ އެންމެ ދެ ފަރާތުން ކަމަށްވާތީ މި މަހުގެ 18 ވަނަ ދުވަހުން އަލުން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. މިހާތަނަށް ވެސް އެ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައެއް ނުވެ އެވެ.

ބިޑަށް ދޫކޮށްގެން ރުއް، ގަސް ސާފުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރިތާ ވެސް މަހަކާ ގާތްވެފައިވާއިރު، ރުއްތައް ސާފުކުރަންޖެހިފައިވާތާ ވެސް މިވަނީ އެތައް ދުވަހެއްވެފަ އެވެ.

ފަހަރުގައި މިގޮތަށް ހުޅުވާލައިގެން މި މަސައްކަތްކުރުމަކީ ދެމެހެއްޓެނިވި ގޮތަށް މިކަން ކުރެވިދާނެ އުސޫލެއް ކަމަކަށް ނުބެލެވެ އެވެ.

މިކަމަށް މިނިސްޓްރީން ހަރުދަނާ އުސޫލެއް ގާއިމުކޮށް ދާއިމަށް މި މަސައްކަތް މެދުކެނޑިމެއް ނެތި ކުރެވެންދާނެ ގޮތެއް ހޯދަން ވަނީ ޖެހިފަ އެވެ. ގިނަ އަދަދެއްގެ ޕާކްތަކާއި މައިޒާންތައް މިހާރު ވެސް ސަރުކާރުން މިވަނީ ހުޅުވާފަ އެވެ. އެތަންތަން މިނިސްޓްރީން ވަރަށް ގާތުން ބަލަހައްޓަމުންދާކަން ވެސް ފާހަގަވެ އެވެ. ހަމަ އެގޮތަށް އާޓިފިޝަލް ބީޗް ވެސް ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. ބީޗްގެ ގިނަ ކަންތައްތަކެއް ހުރީ ވަރަށް ދޯދިޔާކޮށްކަން ފާހަގަވެ އެވެ.

އެގޮތުން ބީޗްގައިވާ ކުދިން އަރައި ކުޅުމަށް ބަހައްޓާފައިވާ އުނދޯލި ފަދަ ތަކެއްޗަށް ވެސް އެތައް ދުވަހެއްވެ އެތަކެތި ވަނީ ހަލާކުވާން ކައިރިވެފަ އެވެ. ބީޗަށް އެތައް ދުވަހެއްވެ ބާވެފައިވާއިރު އެ ބީޗް ތަރައްގީކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ސަބަބުން ބީޗަކީ އޭގެ އަސްލީ ހިތްފަސޭހަކަން ލިބިގެންދާނެ ތަނެއްގެ ގޮތުގައި ވެގެން ދާނެ ކަމަށް އުއްމީދުކުރެވެ އެވެ.