ވިޔަފާރި

ސުވަރޯވްސްކީ ބްރޭންޑާއެކު، އައިއެންއައިއޭގައި އިތުުރު ޑިއުޓީ ފްރީ ފިހާރާއެއް ހުޅުވައިފި

ދުނިޔެ އަށް މަޝްހޫރު ލަގްޒަރީ ގަހަނާ ބްރޭންޑް "ސުވަރޯވްސްކީ" ގެ ފިހާރައަކާއިއެކު އިތުރު ޑިއުޓީ ފްރީ ފިހާރައެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިއަދު ހުޅުވައިފި އެވެ.

އައިއެންއައިއޭ ޑިޕާޗާ ގޭޓް އެކެއް ދޭއް އަދި ތިނެއްގައި އެކެއްގައި މި ފިހާރަ ހުޅުވައި ދެއްވީ އައިއެންއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު އާދިލް މޫސާ އެވެ.

މުޅިން އަލަށް ހެދި މި ޑިއުޓީ ފްރީ ފިހާރަ ހުޅުއްވައި ދެއްވަމުން އެމްޑީ އާދިލް ވިދާޅުވީ ޑިއުޓީ ފްރީ ޝޮޕްގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ލިބެން ހުންނާނެ ކަމަށެވެ.

"މި މަސައްކަތްތަކީ ޑިއުޓީ ފްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތެއް. ޑިއުޓީ ފްރީ ޝޮޕްތަކުން މަޝްހޫރު ބްރޭންޑްތައް ލިބޭނެ. ފަހުންވެސް އިތުރު ބްރޭންޑްތައް ވަނީ އިތުުރު ކުރެވިފައި،" އާދިލް ވިދާޅުވި އެވެ.

އައިއެންއައިއޭގައި އަލަށް ހުޅުވާފައިވާ ދެ ޑިއުޓީ ފްރީގެ ތެރެއިން ސުވަރޯވްސްކީ ބްރޭންޑުގެ ސާމާނު ވިއްކާ ޑިއުޓީ ފްރީ ފިހާރާގައި ވިއްކަން ހުރީ ގަހަނާ އާއި އަތުކުރީ ގަޑި ފަދަ ތަކެއްޗެވެ. ސުވަރޯވްސްކީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. މި ބްރޭންޑް އުފެދިފައިވަނީ 1895 ގަ އެވެ. ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ބްރޭންޑުގެ ފައުންޑާއަކީ އޮސްޓްރިއާގެ ރައްޔިތެއް ކަމަށް ޑެނިއަލް ސްވަރޯވްސްކީ އެވެ. މިހާރު މި ބްރޭންޑުގެ ދަށުން ގަހަނާގެ އިތުރުން އެހެން ޕްރޮޑަކްތައް ވެސް އުފައްދަ އެވެ. މި އުފެއްދުންތަކުގެ ތެރޭގައި އަތުކުރީ ގަޑި ފަދަ ތަކެތި ހިމެނެ އެވެ. މި ބްރޭންޑް މަގުބޫލުކަން ހޯދާފައިވަނީ އަންހެންގެ މެދުގަ އެވެ.

މި ރަސްމިއްޔާތުގައި އެމްޑީ އާދިލް ވިދާޅުވީ ޑިއުޓީ ފްރީ ފިހާރަތައް އިތުރު ކުރުމާއެކު ގޭޓްތައް ބޮޑު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"ގޭޓް 4، 5 އަދި 6 ވަނީ ގޭޓް 1، 2 އަދި 3 އާ ޖެހިގެން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަދު މަސް ކޮޅުގެ ތެރޭގައި ނިމޭނެ. އޭރުން މިހާރު ހުރި ޑިއުޓީ ފްރީއަށްވުރެ ބޮޑު ޑިއުޓީ ފްރީއެއް ހެދޭނެ. އެހެން އިންޓަނޭޝަނަލް އެހެންވެ އެއާޕޯޓްތަކަކުން ދޭ ހިދުމަތްތައް ދިނުމަށް މި ބަލަނީ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓަށް އިތުރު ހިދުމަތްތައް ތައާރަފު ކުރަމުން ގެންދާ ކަމަށާއި، އެގޮތުން އިންޓަނޭޝަނަލް ޓާމިނަލް އާއި ލައުންޖުތަކުގައި ހިލޭ ވައިފައި ލިބޭނެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

"މެދު ކެނޑުމެއް ނެތި މިހާރު ދޭ ހިދުމަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" އާދިލް ވިދާޅުވި އެވެ.