ޓެކްނޯލޮޖީ

ސެމްސަންގް ގެލެކްސީ އެސް6 ދައްކާލައިފި

ސެމްސަންގުން ބާޒާރަށް ނެރެން ތައްޔާރުވެފައިވާ އެސް6ގެ ދެ ފޯނު އިއްޔެ ދައްކާލައިިފި އެވެ.

މޯބައިލް ވޯލްޑް ކޮންގްރެސް ފެށުމާ ދިމާކޮށް ސްޕެއިންގެ ބާސެލޯނާގައި ދައްކާލި އެސް6ގެ އެއް ފޯނަކީ ސްކްރީންގެ ދެ އަރިމަތި ކާވްކޮށް ފަރުމާ ކޮށްފައިވާ ފޯނެކެވެ. މިއީ ފޯނުގައި ހުންނަ ކޮންޓެކްތައް ފަސޭހައިން އަވަހަށް ބަލައިލެވޭ ގޮތަށް އަދި މުހިންމު މައުލޫމާތުތައް ވެސް އެ އަރިމަތިން ފަސޭހައިން ދައްކައިދޭ ގޮތަށް ހަދާފައިވާ ފޯނެކެވެ. މީގެ ނަމަކީ "އެސް6 އެޖް" އެވެ.

އެސް6 އެޖް ވިއްކަން ހަމަޖައްސާފައި ވަނީ އެސް6 އަށް ވުރެ އަގު ބޮޑުކޮށެވެ. ނަމަވެސް އަރިމަތި ކާވްކޮށްލާފައި އިނަސް އާދައިގެ އެސް6 ގެ ސްޕެސިފިކޭޝަންއާ ހަމަ އެއްގޮތެވެ. މި ދެ ފޯނު ވެސް ބާޒާރަށް ނެރެން ނިންމާފައި ވަނީ އަންނަ މަހުގެ 10 ގަ އެވެ.

ސެމްސަންގުން އެސް5 ނެރުނު ފަހުން ފޯނު މާކެޓްގެ ކުރި އެޕަލް އަށް ވަނީ ލިބިފަ އެވެ. އަދި އެސް4 އަށް ވުރެ އެސް5 ވިކުނު އަދަދު ވެސް މަދެވެ. ހެދުނު ގޯސްތަކުން ފިލާވަޅު ލިިބިގަނެ، އެސް6 ހަދާފައިވާ ވަނީ ހުރިހާ ކަމަކާ މެދު އަލުން ސުމަކާ ހިސާބުން ވިސްނުމަށް ފަހުގަ އެވެ. އެހެންވެ މި ފޯނު އުފެއްދުމުގެ ކޯޑް ނަމަކަށް ވެސް ދީފައި ވަނީ "ޕްރޮޖެކްޓް ޒީރޯ" އެވެ.

މިފަހަރު ވަނީ ސެމްސަންގް ފޯނުތަކަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ ޕްލާސްޓިކް ފްރޭމް ދޫކޮށްލުމަށް ފަހު މެޓަލް ފްރޭމެއް އަޅުވައިފަ އެވެ. އަދި ފޯނުުގެ ފަހަތުގައި ވެސް ވަނީ ބިއްލޫރި އެވެ. ނަމަވެސް އެސް5 ގޮތަށް މިއީ ފެން ނުވަންނަ ފޯނެއް ނޫނެވެ. މެމަރީ އިތުރު ކުރުމަށް މައިކްސާ އެސްޑީ ކާޑެއް ވެސް ނުޖެހޭނެ އެވެ. އަދި ބެޓެރީ ލައްވަން ފޯނުގެ ފަހަތް ނައްޓައެއް ވެސް ނުލެވޭނެ އެވެ. މީގައި ލިބެން ހުންނާނީ 32،64 އަދި 128 ޖީބީގެ ފޯނެވެ.

އެސް6 އެޖްގައި ކާވް ކޮށްލާފައިވާ ބަޔަށް ފަސް ކޮންޓެކްޓެއް ލެވިދާނެ އެވެ. އަދި ކޮންމެ ކޮންޓެކްޓަކަށް ކުލައެއް ދެވޭނެ އެވެ. އޭރުން އެ ކޮންޓެކްޓަކުން ގުޅުމުން، ކާވްކޮށްފައިވާ ބައި އެ ދިން ކުލަޔަކުން ދިއްލޭނެ އެވެ. އަދި ކާވްކޮށްލާފައިވާ ބަޔަށް ވަގުތާއި މޫސުމުގެ އިތުރުން ވެސް އެ މީހަކު ބޭނުންވާ ނޮޓިފިކޭޝަންތައް ލެވޭނެ އެވެ. ނޯޓް އެޖަށް ވުރެ މި ފޯނުގައި ކާވްގެ ފީޗާތައް ވަނީ ފަސޭހަކޮށްފަ އެވެ.

ކެމެރާ ވަނީ މިފަހަރު ވަރުގަދަކޮށްފަ އެވެ. ފްރަންޓް ކެމެރާގައި 5 މެގަޕިކްސެލް ހުންނަ އިރު މައި ކެމެރާ އަކީ 16 މެގަޕިކްސެލްގެ ކެމެރާއެކެވެ. މި ދެ ކެމެރާ ވެސް ދަނީ ލޯ ލައިޓްގައި ފޮޓޯ ރީތިވާނެ ގޮތަށެވެ. ފޮޓޯ ނެގުމަށް އަވަސް ގޮތެއް ވެސް ވަނީ ހިމަނައިފަ އެވެ. ހޯމް ބަޓަނުގައި ދެފަހަރު އިނގިލި ޖައްސާލައިފި ނަމަ ސިކުންތަކަށް ވުރެ އަވަހަށް ފޮޓޯއެއް ނެގޭނެ އެވެ. އަދި ދެ ފޯނުގައި ވެސް ވަނީ ވަނީ ސްކްރީން ރެޒޮލޫޝަން އެސް5 އަށް ވުރެ މަތިކޮށްފަ އެވެ. ސައިޒަކީ 5.1 އިންޗި އެވެ.

ވަޔަލެސް ޗާޖިން އަށް ދެ ފޯނު ވެސް ފުރިހަމަ އަށް ތައްޔާރުކޮށްފައި ވާއިރު މިއީ އަވަހަށް ބެޓެރީ ޗާޖުވާ ދެ ފޯނެވެ. ބައި ގަޑިއިރު ތެރޭ 50 ޕަސެންޓާ ހަމަޔަށް ޗާޖްކޮށްދެ އެވެ. ސެމްސަންގުން ބުނަނީ މިއީ އައިފޯން 6 އެއް ޗާޖްކުރަން ނަގާ ވަގުތުގެ ދެބައިކުޅަ އެއް ބައި ކަމަށެވެ.