އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރައީސް މާފަށް އެދިވަޑައިގެންފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ތެރެއިން ހިންގި ބޮޑު ހިޔާނާތުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ އަރިހުން މާފަށް އެދިވަޑައިގެންފި އެވެ.

ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގާފައިވަނީ މި ސަރުކާރުގެ ތެރެއިން ކަމުން އެކަމަށް ރައްޔިތުންގެ އަރިހުން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ކަމެއް ދެން ތަކުރާރުވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސް މިރޭ ދެއްވި އެވެ.

"އަޅުގަނޑު މިރޭ ވެސް މާފަށް އެދެން ބޭނުންވޭ އެމްއެމްޕީއާރްސީގެ ތެރެއިން އެވަރުގެ ބޮޑު ހިޔާނާތެއް ހިނގައި ދިޔައީ މި ޒައާމަތުގައި ކަމުން ވާތީ، އެކަމަށް ރައްޔިތުންގެ އަރިހުން މާފަށް އެދެން،" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަށް މި ސަރުކާރުން ހުރަސް ވެސް ނާޅާނެ ކަމަށެވެ.

ރައީސް އަންގަވައިގެން އޮޑިޓް އޮފީހުން އެކުލަވާލި އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާއަށް ވަނީ ހިޔާނާތްތެރިވެފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންނަށް މިހާރު ވަނީ އަދަބު ދީފަ އެވެ. އެ ހިޔާނާތުގައި އެންމެ އިސްކޮށް ހުންނެވީ މި ސަރުކާރުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބެވެ.