ރާއްޖެ ކުޅިވަރު

ފުރަތަމަ މިނިޓުން ފެށިގެން އެޓޭކް ކުރާނަން: ލާއޯސް ކޯޗު

އޭޝިއަން ކަޕުގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމަށްޓަކައި ރާއްޖެ އާދެކޮޅަށް މިއަދު ކުޅޭ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން އެޓޭކް ކުރާން ކަމަށް ލާއޯސް ޓީމުން ބުނެފި އެވެ.

ކޯޗު ވަލަގޮން ބުނީ ޕްލޭއޯފްގެ ފުރަތަމަ މެޗުގައި ރާއްޖެ އަތުން 4-0އިން ބަލިވެފައިވާތީވެ މި މެޗު ފަސް ލަނޑުގެ ތަފާތަކުން ކާމިޔާބު ކޮށްގެން ނޫނީ ކޮލިފައިނުވެވޭނެތީ އެވެ.

"ލީގު އަދި ކިރިޔާ ނިމުނީ. މިއީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބޮޑެތި ކުލަބުތަކަށް ވަރަށް މުހިންމު ވަގުތެއް މިދިޔައީ. މިހެންވުމުން އަހަރުމެންނަށް ލިބުނީ ވަރަށް މަދު ދުވަސްކޮޅެއް ފަރިތަކޮށްލަން. ގިނަވެގެން ފަސް ދުވަހުގެ ތަމްރީނު ލިބުނީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މާލޭގައި ކުޅެ ރާއްޖެ އަތުން ހަތަރު ލަނޑުން ބަލިވީ އެޓޭކަށް ވިސްނައިގެން އޭނާގެ ޓީމު ކުރިއެރުމުން ފަހުހާފުގައި ރާއްޖެ ހޯދި ފުރުސަތުތަކުން ކަމަށެވެ. ނަމަވެސް މި މެޗުގެ ނަތީޖާ އެމީހުން ކޮޅަށް އަނބުރާލަން ކުޅުންތެރިން ތައްޔާރު ކަމަށެވެ.

"ހަތަރު ލަނޑުން ބަލިވެފައިވީ ނަމަވެސް ކުޅުންތެރިން ތިބީ މި މެޗަށް ތައްޔާރުވެގެން. އަހަރުމެންގެ ބެސްޓް އަހަރުމެން ދޭނަން. އަހަރުމެން ބޭނުންވަނީ އަހަރުމެންގެ ސަޕޯޓަރުންނަށް ދައްކަން އަހަރުމެންގެ ފުރިހަމަ ބާރާއެކު އަހަރުމެން ވާދަކުރާތަން. ފުރަތަމަ މިނިޓުން ފެށިގެން އަހަރުން އެޓޭކް ކުރާނަން،" ކޯޗު ބުންޏެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަދި ޖަލުގައި ބަންދު ކުރުމުން ގިނަ މެޗުތަކެއް ގެއްލުނު އަަސްއަދު އަލީ (އަޑުބަރޭ) ނެތި ކުޅޭ މެޗު ރާއްޖެ ވެސް ފަސޭހަކޮށްނުލާނެ އެވެ.

ކޯޗު ޑަރެން ސްޓެވާޓް ބުނީ އިދިކޮޅު ޓީމު އަންޑައެސްޓިމޭޓް ކުރުމަކީ އޭނާގެ ކުޅުންތެރިން ކުރާނެ ކަމެއްނޫން ކަމަށާއި ޓީމު އޮތީ ވަރަށް ފޯރީގައި ކަމަށެވެ. އަދި ކުޅުންތެރިން ތިބީ މެޗު ކާމިޔާބު ކުރަން ބޭނުންވެފައި ކަމަށެވެ.

މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން ހަވީރު ހަތަރެއް ޖަހާއިރު އެވެ.