ރިޕޯޓް

ކާޑު ސަބްސިޑީގެ "ބޮޑު ވާހަކަ" ކުޑަކޮށް ބަލައިލާމާ!

  • ސަބްސިޑީގެ ބޮލަކަށް 40ރ ދޭނެ
  • ދުވާލަކު މީހަކަށް ބައި ކިލޯ ހަނޑޫ
  • ކޮންމެ ދުވަކު ކެއުމަށް 7.48ރ. ހޭދަވޭ

ކާޑުގެ ސަބްސިޑީއަށް ބަދަލު ގެނައުމާއެކު، އެ ވާހަކަ ބޮޑު ވެގެން ދިޔައީ، ފަތުއަޑު ކިޔާފަ އެވެ. މި އަޑުގެ ތެރެއިން ނުކުތީ، ކާޑާއެކު ބޮޑު ނުވާކަށް އެއްޗެއް ނެތެވެ. ގޭގެ ކުލިތަކާއި، ޕާނާއި މިނޫން ވެސް ތަކެތީގެ އަގު "ބޮޑުވީ" އެވެ. ނަމަވެސް ތަޖުރިބާކާރުންނާއި، ވިޔަފާރިވެރިންގެ ވާހަކަ އިން އެނގުނީ އެ ވާހަކަތަކުގައި އޮތް ހަގީގަށް އަޑަށްވުރެ މަޑު ކަމެވެ. ތިރީގައި އެވަނީ ކާޑުގެ އަގަށް އައި ބަދަލާއެކު، ދިރިއުޅުމަށް އަންނާނެ ކަމަށް އަންދާޒާ ކުރެވޭނެ ބަދަލާބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ އެނިމޭޓެޑް ވީޑިއޯ އެކެވެ.

ކޮންމެ ގެއެއްގައިހެން ފުށް ހަނޑޫ ހަކުރު، ބޭނުންކުރާނެ އެވެ. ނަމަވެސް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަބްސިޑީގެ އަގަށް ގެނެވުނު ބަދަލާއެކު، މި ބާވަތްތަކުގެ އަގުތައް މިވަނީ 100 ޕަސެންޓް އުފުލިފަ އެވެ. އެގޮތުން ކުރިން 3.98ރ. އަށް ވިއްްކަމުން ދިޔަ ހަނޑޫ ކިލޯއެއް މިހާރު ވިއްކާނީ 7.96ރ. އަދި ކުރިން 4ރ. އަށް ވިއްކި ހަކުރު ކިލޯއެއް ވިއްކާނީ 8ރ. އެވެ. އަދި ކުރިން 2.96ރ. އަށް ވިއްކި ފުށް ކިލޯއެއް މިހާރު ވިއްކާނީ 5.96ރ. އެވެ.

ބަދަލާއެކު، ކިހާވަރެއްގެ އުފުލުމެއް ފެނުނުތަ؟

މި ބަދަލާއެކު، ބޮޑެތި ބޭކަރީތަކުން ބުނެފައިވަނީ އަގުތައް ބޮޑު ނުވާނެ އެވެ. ސަބަބަކީ ޕާން ފިހަން ބޭނުންކުރާ ފުށަކީ ސަބްސިޑީ ޕާނަށް ނުވުމެވެ.

ސިޓީ ބޭކަރީގެ ވެރިޔާ އަލީ ފަހީމް "އަވަސް" އަށް ވިދާޅުވީ އެބޭކަރީ އިން ޒަމާނުއްސުރެ ވެސް ޕާން ފިހަނީ ބޭރުން އެކަމަށް ހާއްސަ ފުށް ސީދާ ޔޫރަޕުން އިމްޕޯޓްކޮށްގެން ކަމަށެވެ. އަދި ސަބްސިޑީއަށް އައި ބަދަލުގެ ސަބަބުން، އެތަނުގައި ވިއްކާ އެއްވެސް ޕޭސްޓްރީއެއް އުފެއްދުމުގެ އަގު ބޮޑު ނުވާތީ، އެތަނުން ވިއްކާ އެއްވެސް އެއްޗެއްގެ އަގު ބޮޑު ނުކުރާ ކަމަށް ފަހީމް ވިދާޅުވި އެވެ.

"ސަބްސިޑީ ކަނޑާލުމުން އެއްވެސް އެއްޗަކަށް ބަދަލެއް ނުގެންނަން. ސަބަބަކީ ގިނަ އެއްޗިހި ފިހަން ބޭނުންކުރާ އެއްޗިހި މި ގެންނަނީ ބޭރުން. އެހެންވެ މީގައި އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކަކަށް ބަދަލެއް ނާންނާނެ،" ފަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އެންޒީ އާއި އެލްސިއޯން ބޭކަރީއިންވެސް ބުނެފައިވަނީ އަގުތައް ބޮޑު ނުވާނެ ކަމަށެވެ. ދެން އޮތީ ރެސްޓޯރެންޓްތަކެވެ. "ފުޑް ބޭންކް" އާއި "ލެމަގް ގްރާސްގެ، ސިޓްރޮން" އަދި "ސަލްސާ ރޯޔަލް" ގެ އިތުރުން "އޮކްސިޖަން" އާއި "ޗީބޯ" ގެ އަގުތައް ބަލާއިރުވެސް ބޮޑުވުމެއް ނެތެވެ. ބޮޑުވި ނަމަވެސް ފެންނަނީ 8ލ. އާއި 9ލ. ގެ ބޮޑުވުމެކެވެ.

ދެން އޮތީ މި ބަދަލާއެކު، ގޭގެ ކެއުމުގެ ހަރަދުތަކަށް އަންނާނެ ކަމަށް ބެލެވޭނެ ބަދަލެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ބަދަލުގެ ބަދަލެއް ނާދެ އެވެ. އެންސްޕާއިން ކުރިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެއްރެޖު ގޮތެއްގައި އާއްމު މީހެއްގެ ކެއުމަށް ދުވާލަކު ބޭނުންކުރާނީ ބައި ކިލޯ ހަނޑުލާއި 0.2 ކިލޯ ހަކުރާއި 0.33 ކިލޯ ފުށެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު، ގާތްގަނޑަކަށް 7.48ރ. އެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 224ރ. އެވެ. ކުރިން ހުރިހާ މީހުންނަށް ސަބްސިޑީ ދޭއިރު ހަރަދު ކުރަން ޖެހެނީ 118ރ. އެވެ.

އެންސްޕާއިން ސަބްސިޑީ ފޯމުތައް ބަލައި ގަންނަން ފަށާފައިވާއިރު، ސަބްސިޑީގެ ގޮތުގައި މީހަކަށް 40ރ. ލިބޭނެ އެވެ.