ބޭންކް އޮފް މޯލްޑިވްސް

އިންވެސްޓްމަންޓް ފޯރަމްގެ މައި ސްޕޮންސަރަކަށް ބީއެމްއެލް

އިންޑިޔާގެ ނިއު ދިއްލީގައި މި އަހަރުގެ ނޮވެމްބަރު 21-22 އަށް ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ މެއިން ސްޕޮންސާ ޕާޓްނަރަކަށް ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ. ޕާޓްނާޝިޕް އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީއާއެކު ބީއެމްއެލް އިން ސޮއިކުރީ މިއަދު އެވެ. ބީއެމްއެލް އަކީ މީގެ ކުރިން ބޭއްވި ދެ އިންވެސްޓްމަންޓް ފޯރަމްގެ ވެސް ސްޕޮންސަރެކެވެ.

މިއަދު އެސްއީޒެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދް އެވެ. ބީއެމްއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ އެވެ.

މޯލްޑިވެސް އިންވެސްޓްމަންޓް ފޯރަމަކީ ކޮންމެ އަހަރަކުވެސް، ދުނިޔޭގެ ކޮންމެވެސް އެއްގައުމެއްގައި ރާއްޖެއަށް އިންވެސްޓްކުރެވެން ހުރި ދާއިރާތަކާއި ރާއްޖެއިން ގެންނަން ބޭނުންވާ އިންވެސްޓްމަންޓް ތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދިނުމަށް ބާއްވާ ފޯރަމެކެވެ.

ނިއު ދިއްލީގެ ތާޖުޕެލެސްގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. މީގެ އިތުރުން މި އަހަރުގެ ފޯރަމް ސްޕޮންސާ ކުރުމަށް ތިން ޕެކޭޖެއް ވެސް ތައާރަފްކޮށްފައިވެ އެވެ.