ލާއޯސްއާ ވާދަކޮށް 1-1 އިން ރޭ އެއްވަރުވި މެޗާއި މާލޭގައި ކުޅެގެން 4-0 އިން ރާއްޖެ މޮޅުވި ދެ މެޗުގެ ތަފާތަކީ އިއްޔެގެ މެޗުގައި ޑިފެންސް ކުރަން ޖެހުން ކަމަށް ރާއްޖޭގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.
އޮސްޓްރޭލިޔާގެ ކޯޗު ބުނީ އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗުގައި ރާއްޖެ އެޓޭކް ކުރި ނަމަވެސް އިއްޔެގެ މެޗުގައި ޖެހުނީ ޑިފެންސް ކުރަން ކަމަށާއި ޓީމުގެ ޑިފެންސް ކުރުން ވެސް ރަނގަޅު ކަމަށެވެ.
"ތެދަށް ބުނަންޏާ ބުނެވޭނީ ލައޯސް މި މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު. ހަމައެހެންމެ އަހަރުމެން ވަރަސް ރަނގަޅަށް ޑިފެންސް ކުރިން. އަހަރުމެންނަށް ޖެހުނީ ފަހަތުގައިތިބެން. އަހަރުމެންގެ ޓީމުގައި އޮތީ ވަރަށް ރަނގަޅު ރޫހެއް. ކުޅުންތެރިޮން ވަނީ ކުޅެން ބޭނުންވެފައިތިބިކަން ދައްކައިދީފައި. ކުޅުންތެރިންނާއި އޮފިޝަލުގެ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން،" ކޯޗު ބުންޏެވެ.
"މި ދެ މެޗުގެ ތަފާތަކީ މި މެޗުގައި އަހަރުމެންނަށް މަދުން އެޓޭކްކުރެވި ފަހަތުގައި ތިބެންޖެހުން،" ކޯޗު ބުންޏެވެ.
މި މެޗު އެއްވަރުވުމުން ލާއޯސް ކަޓައި ރާއްޖެ ވަނީ އޭޝިއަން ކަޕުގެ ގްރޫޕް ސްޓޭޖަށް ގޮސްފަ އެވެ. ލާއޯސްގެ ކޯޗު ބުނީ އޭނާގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މެޗުގެ ކުރީކޮޅު ބާލަން ޖެހުން ކަމަށާއި އޭގެ ސަބަބުން ރޭވުންތެރިކަން ބަދަލުކުރަންޖެހުނު ކަމަށެވެ. އަދި ބަދަލު ގެންނަން ނުޖެހުނުނަމަ އޭނާގެ ޓީމު މާރަނގަޅަށް ކުޅޭނެ ކަމަށެވެ.
މި މެޗުން ބަލިވުމުން ލާއޯސް އަށް ޖެހޭނީ އޭޝިއަން ކަޕުގެ ގްރޫޕް ސްޓޭޖަށް ނުހޮވުނު ޓީމުތަކާއެކު އޭއެފްސީ ސޮލިޑިއަރިޓީ ކަޕުގައި ކުޅޭށެވެ. މިއީ އޭއެފްސީ ޗެލެންޖް ކަޕްގެ ބަދަލުގައި ތައާރަފްކުރި މުބާރާތެކެވެ.