ވިޔަފާރި

"މެރީޑިއަމްގެ ތެލުން އެމްޕީއެލް އަށް އަހަރަކު 10 މިލިއަން ރުފިޔާ ގެއްލުންވޭ"

މެރީޑިއަމް ސާވިސަސް އިން މާލެ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ އުޅަނދު ފަހަރަށް މިހާރު ތެޔޮ އަޅާ ގޮތުން އަހަރަކު 10 މިލިއަން ރުފިޔާ ކުންފުންޏަށް ގެއްލުންވާ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ ވެހިކަލް ތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުން މެރީޑިއަމް ނޫން އެހެން ފަރާތަކާ ހަވާލުނުކުރަން އަންގައި، އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރާ ގުޅިގެން އެމްޕީއެލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ޖުނައިދު ވިދާޅުވީ އެ ކުންފުންޏަށް ބޭނުންވަނީ 60،000 ލިޓަރުގެ ތެޔޮ ކަމަށާއި، ނަމަވެސް މަހަކު 16000 ލިޓަރުގެ ތެޔޮ އަޅާ ކަމަށެވެ.

"ދެހާސް ފަހަރަ އެޕްރީލްގައި މެރީޑިއަމްއަށް ތެޔޮ ސަޕްލައި ކުރަން ހަވާލު ކުރެވުނީ. މި ތަނުގެ ހިސާބުތައް ދައްކާ ގޮތުން ބޭނުންވަނީ 60،000 ލިޓަރުގެ ތެޔޮ އެހެންނަމަވެސް މިއަދު ސަޕްލައިކުރޭ 16000 ލިޓަރުގެ ތެޔޮ. މާނައަކީ 12ރ. ގެ ރޭޓުން ބަލާއިރު 1.2 މިލިއަން ރުފިޔާގެ ގެއްލުންވޭ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެރީޑިއަމްގެ ތެޔޮ ލޮރީތައް ތެޔޮ އަޅަން ވަންނަނީ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

"ބަޔަކު ގަބޫލު ކުރިއަސް ނުކުރިއަސް ކަންތައްތަކެއް ހިނގި. ވަދެފައި އޭތި ނުކުމެގެންދޭ ތެޔޮ އެޅިއަސް ނުއެޅިއަސް،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގައި ހުރި ގިނަ އުޅަނދު ފަހަރު ހުރީ ހަލާކުވެފައި ކަމަށާއި، ނަމަވެސް ތެޔޮ އަޅަން ޖެހޭ އަދަދަށް ބަދަލެއް ނާންނަ ކަމަށެވެ.

ތެޔޮ އެޅުން ހަރުދަނާ ކުރަން މުހިންމު ފިޔަވަޅެއް!

ޖުނައިދު ވިދާޅުވީ މެރީޑިއަމްގެ އުޅަނދު ފަހަރުން ތެޔޮ އަޅަމުންދާ ގޮތުގެ ސަބަބުން ގެއްލުވަމުންދާތީ، އެކަން ބަލައި ހާއްސަ ފިޔަވަޅު ތަކެއް އަޅާފައިވާނެ ކަމަށެވެ.

"މި ތަނުގެ ތެރޭގައި މިހާރު އޮންނާނެ ޓޭންކެއް، ބައުޒަރެއް. އެ އަށް ތެޔޮ އަޅަން ޖެހޭނީ. އޭގެން އުޅަނދު ފަހަރަށް ތެޔޮ އަޅާނީ. މި ބަދަލު ގެނައުމުން މިހާރު 1.2 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ. ހަމައެކަނި އަގުގެ ތަފާތު 10 މިލިއަން ރުފިޔާގެ ތަފާތު އާދެ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް އެ ކުންފުނީގެ ގާނޫނީ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރުގެ އަދަދު ދަނީ ކިހިނެއް ވެގެންތޯ؟ އަޅުގަނޑާ ސުވާލު ކުރެވޭނެ. ބަލާނެ ބަލަން ބޭނުންވޭ. ޖެހިލުމެއްމެއް ނުވޭ. ރައްޔިތުންގެ ފައިސާ އަނބުރާ ގެނެވޭނެ ގޮތެއް ހެދުން. ނޫނީ ހުއްޓުވަން ޖެހޭ،" ޖުނައިދު ވިދާޅުވި އެވެ.