ރިޕޯޓް

ރިޔާސީ ބަޔާނަށް ވުރެ ރައީސްގެ އިޝާރާތް ވަރުގަދަ!

އިދިކޮޅު ފަރާތްތަކުގެ ހަޅޭކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން މިއަދު ދެއްވި ރިޔާސީ ބަޔާނަށް ފަހު އިދިކޮޅު ފަރާތްތަކަށް ދެއްވީ ބޮޅެކެވެ. ރައީސްގެ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނަށް ތަމްބްސް އަޕެއް ދެއްވި އެވެ. ބަރާބަރު ކަމަށް ވިދާޅުވި އެވެ. ހަމަ އެ މެސެޖާ ވިދިގެން ރައީސްގެ ދެ ވަނަ އިޝާރާތެއް އައީ ރިޔާސީ ބަޔާން އިއްވެވި އިރު ރިޔާސަތު ކުރިމަތީ ތިބެ ކަރުން ހަންދާ ވަރަށް "ޝުއޫރު ފާޅުކުރި" އިދިކޮޅު މެންބަރުންނަށެވެ.

ބޮޑުވާ އިނގިލި މައްޗަށްވާ ގޮތަށް ދެއްކުން މާނަކުރަނީ "ބަރާބަރު" ކަމެވެ. އެކަމަކު އެ އިނގިލި ދަށަށްވާ ގޮތަށް ދެއްކުމަކީ އެ ނިޝާން ރައްދުވާ ފަރާތެއް އެ ކުރި ކަމެއް ކަމު ނުދިއުމެވެ. ނުވަތަ ފެއިލްވުމެވެ. ޑިސްއެޕްރޫވަލް އެވެ. އެއީ ހުތުރު މެސެޖެއް ނޫން ނަމަވެސް ރައީސަކު، ރައްޔިތުންގެ މަންދޫބުންނާ ދިމާލަށް އެ އިޝާރާތް ކުރުމަށް އަޅުގަނޑު ވެސް ދޭނީ އިދިކޮޅު މެންބަރުންނަށް ރައީސް ދެއްކެވި ނިޝާނެވެ.

ރައީސް ޔާމީން އެ ކުރެއްވި ކަމަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ރައީސްގެ ޕޯޑިއަމްގައި ހުންނަވައިގެން ކުރެއްވި ކަމަކަށް ވާތީ ރައީސް ޔާމީންގެ ސަޕޯޓަރުން ބުނަމުން ދަނީ ޔާމީނަށް ވިއްޔާ އެހެން ނުހެދޭންވީ ކީއްވެހޭ އެވެ. މައްސަލައަކީ ކޮބައިތޯ އެވެ. ރައީސް އޮބާމާގެ، ފީކަޅާ ނިޝާން އާންމު ރައްޔިތަކާ ދިމާލަށް ދެއްކެވީ 2010 ވަނަ އަހަރު ހެލްތު ކެއާ ބިލާ ބެހޭ ގޮތުން ބޭއްވި ރެލީއެއްގައި އެ ބިލާ ދެކޮޅު މީހަކު އޮބާމާއާ ދިމާލަށް އެ ނިޝާން ދެއްކެވުމުންނެވެ. އެ މީހާ ބޮޑުވާ އިނގިލި ދަށަށް ޖަހައި އޮބާމާއާ ދިމާލަށް ދިއްކޮށްލުމާ އެކު އޮބާމާ ވެސް ހަމަ އެހެން ހެއްދެވީ އެވެ.

ރައީސްގެ ޔާމީންގެ އިޝާރާތުން ދޭހަވީ ކޮންމެ މާނައެއް ނަމަވެސް ރިޔާސީ ބަޔާނާ ދިމާކޮށް މަޖިލިސް ތެރޭ އިދިކޮޅު ފަރާތްތަކުން އެހާ ބާރަށް ލެވި ހަޅޭކަށް ވުރެ ރައީސްގެ އިޝާރާތުގެ އަޑު މިހާރު ގަދަވެއްޖެ އެވެ. އެ ނިޝާން މާނަކުރެވެމުން ދަނީ އެ މީހެއްގެ ސިޔާސީ ފިކުރު ހުރި ގޮތެއްގެ މައްޗަށޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. އެއީ ރައީސްގެ އަހުލާގު ދަށްކަމުގެ ނިޝާނެއް ކަމަށް ބުނާއިރު އަނެއް ބަަޔަކަށް ވަނީ، ކެރޭ އަދި ކޫލް ކަމަކަށެވެ.

ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް ނަޝީދާއި ދައުލަތާ ދެކޮޅު ހަރަކާތެއް ހިންގަން އުޅުމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ދޫކޮށްލުމަށް ގޮވާލައި ކުރި އިހުތިޖާޖަކީ ބައިނަލްްއަގުވާމީ މުޖުތަމައަށް ދިން މެސެޖު ކަމަށް ވިޔަސް ރައީސް ދެއްވި މެސެޖު އިދިކޮޅު ފަރާތްތަކުގެ އަޑާއި ރިޔާސީ ބަޔާނަށް ވުރެ ވެސް ވަރުގަދަވެއްޖެ އެވެ. މާނަކުރާ ގޮތަކަށް ކުރަންވީ އެވެ.