ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް އެ ގައުމުގެ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ނިންމައި އެ ބޭފުޅެއްގެ ގޮތުގައި މައިތުރިޕަލާ ސިރިސޭނާ ހަމަޖެއްސުމުން ރާޖަޕަކްސަ އަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ރާޖަޕަކްސަގެ މަގުބޫލުކަން ދަށަށް ގޮސްފައިވާ ކަމަށް ކުރީގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުން ދައްކަ އެވެ. ރާޖަޕަކްސަ އާއި އޭނާގެ އާއިލާގެ ނުފޫޒު ސަރުކާރުގައި އާދަޔާ ހިލާފަށް ގަދަކޮށްފައި ވާއިރު އެންމެ ބޮޑު ޝަކުވާ އަކީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ގިނަވުމެވެ. ސިރިސޭނާ އަކީ ފަސްބައި ސާފު މީހެއްގެ ގޮތުގައި ބެލެވެ އެވެ.
އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓަކަށް ސިރިސޭނާ ހަމަޖައްސާފައި ވާއިރު އޭނާ އަކީ އެމެރިކާގެ އޭޖެންޓެއް ކަމަށް ބައެއް މީހުން ދެކެ އެވެ.
އެމެރިކާ އާއި ސްރީ ލަންކާގެ ގުޅުން
ސްރީ ލަންކާގެ ދާހިލީ ހަނގުރާމަައިގެ ތެރޭގައި ސަރުކާރުން އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގާފައިވާ ކަމަށް އެމެރިކާ އިން ވަރަށް ބޮޑަށް ތުހުމަތުކުރެ އެވެ. އެ ތުހުމަތު ތަހުގީގު ކުރުމަށް އދ. އިން ނިންމާފައި ވަނީ އެމެރިކާގެ ބާރުއެޅުުމުގެ މަތިންނެވެ. މިއީ މި ފަހަކަށް އަައިސް އެމެރިކާ އާއި ލަންކާގެ ގުޅުން އެންމެ ބޮޑަށް ގޯސްވާން މެދުވެރިވި ސަބަބެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަނީ ލަންކާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަމުން ކަމަށް ލަންކާ އިން ދަނީ ބުނަމުންނެވެ. އަނެެއްކޮޅުން ލަންކާ އިން ދަނީ އެ ގައުމުގެ އަމިއްލަ ކަންކަމާ ބެހުމުގެ ފުރުސަތު އެހެން ގައުމުތަކަށް ނުދޭނެ ކަމަށް ބުނަމުންނެވެ. މި ދެބަސްވުންތަކާ އެކު އެމެރިކާ އާއި އެހެން ގައުމުތަކުން ކަންބޮޑުވާ އަނެއް ކަމަކީ ލަންކާ އިން ޗައިނާއާ ގުޅުން ބަދަހިކުރަމުން ދިއުމެވެ. މިއީ ޗައިނާއާ އެންމެ ވާދަވެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި އެމެރިކާ ކަންބޮޑުވާ ކަމެކެވެ. ޗައިނާއާ އެކު ލަންކާ އިން މިހާ ވަރަށް ގުޅުން ބަދަހިކޮށްފައި ވަނީ ރާޖަޕަކްސްގެ ވެރިކަމުގަ އެވެ. ބަނދަރުތަކާއި އެއާޕޯޓާއި މަގުތައް ހެދުމުގެ ބިޔަ މަޝްރޫއުތައް ލަންކާގައި ޗައިނާ އިން ދަނީ ހިންގަމުންނެވެ. މިއީ އިންޑިއާ ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. އެމެެރިކާ ވެސް ކަންބޮޑުވާ ކަމަކެވެ.
ސިރިސޭނާ އަކީ ލަންކާގެ ލީޑަރުންގެ ތެރޭގައި ހިމެނިދާނެ މީހެއް ކަމަށް އެމެރިކާ އިން ކުރިން ވެސް ލަފާކޮށްފައިވެ އެވެ. ތުހުމަތުކުރާ މީހުން ބުނާ ގޮތުގައި ސިރިސޭނާ އަކީ އެމެރިކާ އިން ލަންކާގައި ހިންގާ އެހީގެ އޮފީސްތައް މެދުވެރިކޮށް އެމެރިކާގެ މީހެއްގެ ގޮތުގައި ތަމްރީންކޮށްފައިވާ މީހެކެވެ.
ލަންކާގައި ހުންނަ ޔޫއެސްއެއިޑްގެ އޮފީސްތަކަކީ ސީދާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ. އަދި ޔޫއެސްއެއިޑް އާއި އެމެރިކާގެ މިޝަނުން ވެސް ލަންކާގައި މަސައްކަތްކުރަނީ އެއް ބައެއްގެ ގޮތުގަ އެވެ. މީގެ އިތުރުން މި އިދާރާތަކުން ދަނީ އެހީދޭ ލަންކާގެ ޖަމާއަތްތަކާއި އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައި އުޅޭ ފަރުދުންނާ އެކު ވެސް ގުޅުން ބާއްވަމުންނެވެ. މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކުރުމުގެ ތެރެއިން އެމެރިކާ އިން ހުރިހާ ގައުމެއްގައި ވެސް ކަންކުރާ ގޮތެވެ. މިގޮތުން އެމެރިކާގެ އިދާރާތަކުން 2005 ވަނަ އަހަރު ވަނީ ލަންކާގެ އަމިއްލަ ޖަމާއަތްތަކާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ. އެމެރިކާ އިން ލަންކާގެ ސިޔާސީ މަސްރަހަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތަކުގެ ވާހަކަ އާންމުންނާ ހަމަޔަށް ތިލަކުރުމަށް އަމިއްލަ ޖަމާއަތްތަކުގެ ބޭނުން އެމެރިކާ އިން ހިފާފައިވެ އެވެ.
ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސް ވިދާޅުވަނީ ސިރިސޭނާ ގައުމާ މެދު ދެކެވަޑައިގަންނަވާ ގޮތް ބަދަލުވެގެން ގޮސްފައި ވަނީ 2013 ވަނަ އަހަރު ހާވަޑް ޔުނިވަސިޓީ އަށް ވަޑައިގެންފަހުން ކަމަށެވެ. ރާޖަޕަކްސް އިޝާރާތް ކުރައްވަނީ ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުން "ހާވަޑް ހެލްތު ލީޑަ 2013" އެވޯޑް ދިނުމަށެވެ. މީގެ އިތުރުން ލަންކާގައި 2011 ވަނަ އަހަރު ހުންނެވި އެމެރިކާ ސަފީރު ޕެޓްރީޝިއާ ބޫޓެނިސް ލަންކާ ސަރުކާރާ ބެހޭ ގޮތުން ދެއްކެވި ވާހަަކަތަކެއް ސިރިސޭސާ ރާޖަޕަކްސައާ ހިސާބަށް ގެންދެވުމާ އެކު އެމެރިކާ އިން ލަންކާގެ ދާހިލީ ކަންކަމުގެ ތެރެއަށް މާބޮޑަށް ވަންނަ ކަމަށް ވިދާޅުވެ އެ ވާހަކަ މީޑިއާއާ ހަމަޔަށް ވެސް ތިލަކުރެއްވި އެވެ. އެހެންވެ ރާޖަޕަކްސަ އާއި އޭނާގެ ކޯލިޝަނުން ދެކެނީ ލަންކާގައި ބައިބައިވުން އުފައްދަން އެމެރިކާ އިން މަސައްކަތްކުރާ ކަމަށާއި އެކަމުގައި ބޭނުންކުރަނީ ސިރިސޭނާ ކަމަށެވެ.
މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ސިފައިންގެ ވެރިޔާ ސަރަތު ފޮންސޭކާ ވާދަކުރައްވާނެކަން އިއުލާނުކުރެއްވީ ވެސް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގައިކަން އެއީ އެމެރިކާ އިން ލަންކާގެ ސިޔާސީ ކޮންޓްރޯލް ހޯދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރާ މީހުންނަށް ހެއްކަކަށް ފުދޭ ކަމެކެވެ.
މި ސަރަހައްދުގައި ޗައިނާގެ ބާރުގަދަވަމުން އަންނާތީ އެންމެ ކަންބޮޑުވާ ގައުމަކީ އިންޑިއާ އެވެ. ހަމަ އެއާ އެކު އެމެރިކާ އަކީ އިންޑިއާއާ ގުޅުން ބަދަހި ގައުމެއް ކަމަށް ވެފައި މި ސަރަހައްދުގައި އަދި ދުނިޔޭގެ އެހެން ހިސާބެއްގައި ވެސް ޗައިނާގެ ބާރު ގަދަވުމަކީ އެމެރިކާ އިން އެދޭ ކަމެއް ނޫނެވެ. މިކަމަށް ބަލާއިރު ލަންކާގައި ޗައިނާ އަށް ތާއީދު ނުކުރާނެ އަދި އެމެރިކާ އާއި އިންޑިއާގެ ބަހަށް ކިޔަމަން ވާނެ ވެރިޔަކު ބެހެއްޓުމަކީ އެ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަމެކެވެ. އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ ދާހިލީ ކަންކަމާ ނުބެހޭ ކަމަށް ބުންޏަސް އެއީ އެކަން އޮންނަ ގޮތެއް ނޫނެވެ.
އެހެންވެ ސިރިސޭނާ އަކީ އެމެރިކާ އާއި ޗައިނާގެ ކެންޑިޑޭޓެއް ކަަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. މި ސަބަބުތަކާ ހެދި ލަންކާގެ ރިޔާސީ އިންތިހާބު މިހާރު ވެފައި މި ވަނީ ބޮޑެތި ބާރުތަކުގެ ހިފުމަކަށެވެ. ގަދަވާ ބަޔަކު އެނގިދާނެތާ އެވެ. ކޮންމެ ބަޔަކު މޮޅުވި ނަމަވެސް ސަރަހައްދުގެ ބާރުގެ ތިލަފަތަށް އެކަމުން އަސަރުތަކެއް ކުރާނެ އެވެ.