މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން ހަޅުތާލު ކުރާތީ މާލެއިން މުވައްޒަފުން ފޮނުވަނީ

އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ދިޔުމާ ގުޅިގެން، މާލެއިން މުވައްޒަފުން ފޮނުވުމަށް އެމްޕީއެލްއިން ނިންމައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިރޭ "އަވަސް" އަށް ވިދާޅުވީ، ކުޅުދުއްފުށީގެ ޕޯޓްގެ މުވައްޒަފުން މުސާރަ ބޮޑު ނުކޮށްގެން ކަމަށް ބުނެ ޕެޓިޝަނެއް ހުށަހަޅާ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އެ މުވައްޒަފުން މިއަދު ހެނދުނު މުސާރަ ބޮޑުކުރުމަށް ޕެޓިޝަން ހުށަހެޅުމުން އެކަން ދިރާސާކޮށް، މަޝްވަރާކުރުމަށް އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތަށް މާލެ އައުމަށް އެންގި ކަމަށް ޖުނައިދު ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އިޖާބަނުދީ ޕޯޓް މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ދިޔައީ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޕޯޓްގައި 47 މުވައްޒަފުން މަސައްކަތްކުރެ އެވެ.

އެ މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ދިޔުމާ ގުޅިގެން އެ ޕޯޓް މަސައްކަތްތައް ހުއްޓާލުމަށް ބޭނުންނުވާތީ، މާލެއިން މުވައްޒަފުން ފޮނުވުމަށް އެމްޕީއެލްއިން ވަނީ ނިންމާފަ އެވެ. ޖުނައިދު ވިދާޅުވީ، އެކި މަސައްކަތްތައްކަށް ބޭނުންވާނެ 50 މުވައްޒަފަކު ކުޅުދުއްފުއްޓަށް ދިޔުމަށް މިހާރު ފުރާފައިވާ ކަމަށެވެ.

ޖުނައިދު ވިދާޅުވީ، މާދަމާގެ ވަގުތެއްގައި އެ މުވައްޒަފުންނަށް ކުޅުދުއްފުއްޓަށް ދެވޭނެ ކަމަށެވެ. މާލެއިން މުވަޒަފުން ފޮނުވަން ނިންމީ ރައްޔިތުންނަށް ލިބެންޖެހޭ އެއްވެސް ހިދުމަތަކަށް ބުރުލެއް އަރުވަން ބޭނުންނުވާތީ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

މީގެއިތުރުން ޖުނައިދު ވިދާޅުވީ، ސީއީއޯކަމުގައި ހުންނެވިހާ ދުވަހަކު ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން އެ ޑިމާންޑްކުރި ގޮތަށް މުސާރަ ބޮޑުކޮށް ނުދެއްވާނެ ކަމަށެވެ. އެއީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއް އެގޮތަށް ކުއްލިއަކަށް ހުއްޓާލުމަށްފަހު މިފަދަ ދަނޑިވަޅެއްގައި ގެއަށް ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ވިދާޅުވި އެވެ. އަދި، އެގޮތަށް އަމަލުކުރުމުން މުސާރަ ބޮޑުކޮށްދީފައިނަމަ އެކަން ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުން ވެސް އެގޮތަށް އަމަލުކުރުމުގެ ބިރު އެބަ އޮތް ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޕޯޓްގައި މަސައްކަތްކުރާ މުވައްޒަފަކު މިރޭ ބުނީ، އެ މުވައްޒަފުން މުސާރަ ބޮޑުކޮށްދިނުމަށް އެދޭ ވަރަށް ދުވަސްވެއްޖެ ކަމަށާއި މިއަދު އެކަމަށް ޕެޓިޝަނެއް ވެސް ހުށަހެޅީ ކަމަށެވެ. އަދި މިއަދު ހަވީރު ޕޯޓުން މުވައްޒަފުން ދިޔައީ މަސައްކަތް ހުއްޓާލާފައި ނޫން ކަމަށާއި މަސައްކަތެއް ނެތީމަ ކަމަށް އެ މުވައްޒަފު ބުންޏެވެ.

މުވައްޒަފު ބުނީ، ޕޯޓް ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާ އެ ވަޒީފާ ވަކިވުމަށް އަންގައި މާލެއަށް ބަދަލުވާން އެންގި ކަމަށެވެ. މާލެ ބަދަލުވެވެން ނެތް ކަމަށް ބުނެ ހިންގުމާ ހަވާލުވެހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވީ ކަމަށް މުވައްޒަފު ބުންޏެވެ. އެތަނުގެ ހިންގުން މިހާރު އެސިސްޓެންޓް މެނޭޖަރާ ހަވާލުކޮށްފައިވާ ކަމަށެވެ. ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާ ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް މަސައްކަތްތައް ކުރަމުންދާތީ ކަމަށް އެ މުވައްޒަފު ތުހުމަތުކުރި އެވެ. އަދި، މިއަދު ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާ ބައްދަލުކޮށް އެ މުވައްޒަފުން ތިބީ އެ ބޭފުޅާއާއެކު ކަމަށް ބުނެފައިވާނެ ކަމަށެވެ.